ސްކޫލުތައް ހުޅުވާފައި ބެހެއްޓުން އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވުމާއި ގުޅިގެން އެކަމަށް ދެއްވި ރައްދެއްގައި ދުންޔާ ވަނީ އެގޮތަށް ސްކޫލުތައް ހުޅުވައި، ދަރިވަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ފައިދާހުރި ގޮތެއްތޯ ސުވާލު އުފައްދަވާފަ އެވެ.
އަދި މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތްކަން ފާހަގަކުރައްވާ، ދުންޔާ ވަނީ ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ވެސް އިތުރުވަމުން އަންނައިރު އެންމެ ރަނގަޅު ގޮތަކީ މާލޭގެ ސްކޫލުތައް ވެސް ބަންދުކުރުން ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ވެކްސިން ޖެހުމުގެ ކަންކަން ރަނގަޅު ހިސާބަކަށް ގެންދެވެންދެން އެގޮތަށް އަމަލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ދުންޔާ ވަނީ ފަހުން ލިބޭ ގެއްލުމަށް ހިތާމަކުރުމުގެ ބަދަލުގައި ދުރާލާ ރައްކާތެރިވުން މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.
ޔުނިސެފް މޯލްޑިވްސްގެ ޓްވީޓުގައި ވަނީ ކިޔަވައިދިނުމުގެ އިތުރުން ވެސް ދަރިވަރުންނަށް ސްކޫލުތަކުން ސިއްހީ އަދި ދުޔަހެޔޮ ކަމަށް ބޭނުންވާ އެކިއެކި ކަންކަން ކޮށްދޭ ކަމަށާއި އެތަންތަން ހުޅުވާފައި ބެހެއްޓުމަކީ ދަރިވަރުންގެ ހައްގުގައި ވަރަށް މުހިއްމު ކަމެއް ކަމަށް ބުނެފައިވެ އެވެ. އެއާއެކު މިނިސްޓަރު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވާފައި ބަހައްޓަން ޖެހޭ ކަމަށާއި އުނގަންނައިދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ސްކޫލުތައް ހުޅުވާލިއިރު ވަނީ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާފަ އެވެ. އެހެންނަމަވެސް މާލޭގެ ބައެއް ސްކޫލުތަކުން ކޮވިޑްގެ ކޭސްތައް ފެނިގެންގޮސްފައިވާ އިރު ވެސް ސްކޫލުތައް ބަންދުނުކުރާތީ ބައެއް ބެލެނިވެރިންގެ ކަންބޮޑުވުން އެބަހުއްޓެވެ. އަނެއް ބަޔަކު ބޭނުން ވަނީ ސްކޫލުތައް ހުޅުވައިގެން ކުރިއަށް ގެންދާށެވެ.