ads
ފޮޓޯ ބްރޯޑްކޮމް
ވެކްސިނާއިބެހޭ ހާސްކަމާއި ނުތަނަވަސްކަން އުފެދޭ މައުލޫމާތު ނުފެތުރުމަށް އަންގައިފި
ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ބްރޯޑްކާސްޓްކުރުމުގައި އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ނުފެތުރުމަށް ބްރޯޑްކާސްޓިންގް ކޮމިޝަން އޮފް މޯލްޑިވްސް އިން މީޑިއާތަކަށް އަންގައިފި އެވެ.

އެކަމާއި ގުޅިގެން ބްރޮޑްކޮމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ބްރޯޑްކާސްޓްކުރުމުގައި އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، އެކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. 

ބްރޮޑްކޮމްއިން ވަނީ ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއްވެސް ހިއްސާކޮށް އެކަންތައްތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބްރޯޑްކާސްޓަރުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު (ވެރިފައިކޮށްފައި) ގެނެސްދޭ މައުލޫމާތަކަށް ވުމާއި މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމުގެ އިތުރުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތު ނުފެތުރުން ހިމެނެއެވެ.

ބޮރްޑްކޮމްއިން ބުނީ ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ވެކްސިންގެ ހަބަރާއި މައުލޫމާތު އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުން ގެންދާނެކަމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ ހިލާފަށް ކޮންޓެންޓް ގެނެސްދޭ ނަމަ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނޭކަމަށެވެ. އަދި ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް ބޮރޮޑްކޮމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ބޮރޮޑްކޮމްއިން ވަނީ، ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، ރައްޔިތުންނަށް ސައްހަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އަރުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް