ads
ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކެއް-- ފޮޓޯ: ސީއެންއެމް
މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ފަށަނީ
މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ޕްލޭންކުރަމުން އަަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ، މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. 

ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި  މަޑުޖެހުމަށްފަހު، އެމަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށެވެ. އޭގެ ތެރެއިން، 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ވަނީ ފަށާފައިކަމަށާއި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވާނީ ސޮއިކޮށްފައި ކަމަށެވެ. އަދި މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްގީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮޔުނިޓުތަކަކަށްވާނެ ކަމަށެވެ.

"އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަހައްދުގައި ފެށޭނެ. އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް މިއަންނަނީ ޕްލޭންކުރަމުން" ރައީސް ސޯލިހް ވިދާޅުވިއެވެ.

މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި ސަރުކާރުން ހަދާ ހައުސިންގެ ޔުނިޓްތަކުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި މ. ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް ރާއީސް ސޯލިހް ވިދާޅުވިއެވެ. މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހަދާނެއެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގަކަށް ވިޔަސް، އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އެމަޝްރޫއުތައް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މިމަސް ނިމުމުގެ ކުރިން އެކި ފަރާތްތަކާ ހަވާލުކުރެވޭނެ ކަަމަށާއި އެ 20 ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި، މާތް ﷲގެ ވާގިފުޅާއެކު ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް