އެމެރިކާގައި އޮންނަ އުސޫލުގެ ދަށުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ސިއްރު "އިންޓެލިޖެންސް" މައުލޫމާތު ގަވާއިދުން ފޯރުކޮށްދެމުން ދެއެވެ.
ނަމަވެސް ޓްރަމްޕަށް އެ މައުލޫމާތު ފޯރުކޮށްދޭން ބޭނުން ނުވާ ކަމަށް ބައިޑެން ވިދާޅުވެފައި ވަނީ ސީބީއެސް އީވްނިން ނިއުސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގަ އެވެ.
"އަޅުގަނޑަކަށް ނުފެނޭ އެމަނިކުފާނަށް [ޓްރަމްޕަށް] އިންޓެލިޖެންސް ފޯރުކޮށްދިނުމުގެ އެއްވެސް ބޭނުމެއް،" ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވީ ޓްރަމްޕަކީ ގޮތް ނޭނގޭ މީހެއް ކަމަށާއި "އޮޅިގެން" އެމަނިކުފާނަށް ސިއްރު މައުލޫމާތު ހާމަކުރެވިދާނެ ކަމަށެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ޓްރަމްޕް ވަނީ އެފަދަ ކަމެއް ކުރައްވާފަ އެވެ. އެގޮތުން އިސްލާމިކް ސްޓޭޓު (އައިއެސް) ގެ ނުރައްކަލާ ބެހޭ ސިއްރުތަކެއް ވައިޓް ހައުސް ބައްދަލުވުމެއްގައި ހާމަކުރެއްވި އެވެ.