ads
ވީޑިއޯ ރިޕޯޓް:
ރިޔާސީ ބަޔާން: ނަމޫނާ ދެއްކީ އިދިކޮޅުން
2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް މަރުހަބާކީ އާދައިގެ މަތިން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނުންނެވެ. ކޮންމެ އަހަރެއްގެވެސް މަޖިލީހުގެ އެންމެ ތާރީހީ އެއް ދުވަހަކީ އެއީއެވެ. އެދުވަސް ތާރީހީ ދުވަހަކަށް ވެގެންދާ އެތައް ސަބަބެއް އެބައޮތެވެ. މަޖިލީހަށް ރައީސް ޒިޔާރަތް ކުރައްވާތީ އާއި، މަޖިލީހުގެ ތަޅުމުގައި ހިނގާ ކަންތައްތަކުގެ ސަބަބުންނެވެ. ރައްޔިތުން ހޮވާފައި ތިއްބަވާ އިއްޒަތްތެރިންގެ ފަރާތުން، މާލޭ 1 ނަމްބަރު ބަކަރިކޮށީގެ މިސާލު އެންމެ ރަނގަޅަށް ތަޅުމުން ފެންނަ ދުވަހަކަށް އެދުވަސް ވާތީއާއިވެސް އެކުއެވެ.
Advertisement

ނަމަވެސް މިއަހަރުގެ ރިޔާސީ ބަޔާން އިއްވުން ވެގެންދިޔައީ ޒަމާންތަކަކަށްފަހު، މަޖިލީހުގެ ތަޅުމުން ތަފާތު ކަންތައްތަކެއް ފާހަގަކުރުވި އަހަރަކަށެވެ. މިދިޔަ ބުރާސްފަތި ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ 3 ވަނަ ރިޔާސީ ބަޔާން އިއްވިއިރު މާހައުލުން ފެނުނު އެންމެ ބޮޑު ތަފާތަކީ ކޮބައިކަން އެހެން އިބާރާތަކުން ފަހުމްކޮށްލަ ދެވޭތޯ ބަލާނަމެވެ. 

ރިޔާސީ ނިޒާމަކަށް ދިވެހި ދައުލަތް އަލިވިލުނު ފަހުން، ރިޔާސީ ބަޔާން އިއްވާއިރު އިހައް ފެންނަ މަންޒަރުތަކެއް އެދުވަހު ނުފެނެއެވެ. އިހައް އިވޭހާ އަޑުތަކެއްވެސް އެދުވަހު ނީވެއެވެ. ރައީސް ބަޔާން އިއްވަމުން ދާވަގުތު، ކުރިފުޅުމަތީގައި، ތާރަޖަހާ ކުދިންނާއި، ބަނޑިޔާ ޖަހާ ކުދިންނާއި، ދަނޑިޖަހާ ކުދިންނާއި، ކުޅިވަރުކުޅޭ ކުދިންނާއި، ފަތްކޮޅު ހިފައިގެން ދެކޮޅަށް ދެކޮޅަށް ހިނގާ ކުދިން އެދުވަހަކު ނުފެނުނެވެ. ތާޅަފިއްޔާއި ދުންމާރި އާއި، ދެންވެސް އެގެންގުޅޭ ކުދިން ރޮއްވާ ސާމާނުގެ އަޑުތަކެއް އެދުވަހަކު ނީވެއެވެ. އާދޭހެވެ. މިފަހަރުގެ ރިޔާސީ ބަޔާން ވެގެންދިޔައީ ގޭގެ ސިޓިންރޫމުގައި ޓީވީ ބަލަން އިންނަ ރައްޔިތު މީހާއަށް ރައީސް ދެއްކެވި ވާހަކަފުޅު ސާފުކޮށް އަޑު އިވުނު ފަހަރަކަށެވެ. 

އާންމުކޮށް މި ނަންގަނެލި މުނިފޫހިފިލުވުމުގެ ސަގާފީ ހަރަކާތްތަކަކީ އެއިރެއްގައި ސިޔާސީ ގޮތުން އިދިކޮޅުގައި ތިއްބަވާ މެމްބަރުން ކުރައްވާ ކަމެކެވެ. ނަމަވެސް މިފަހަރު އިދިކޮޅަށް ނިސްބަޔްވާ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެސް ވެފައި، ތިއްބެވި ހައެއްކަ މެމްބަރުންވެސް އިސްކުރެއްވީ ސުލްހަވެރިކަމާއި މަޑުމަތިރިކަމެވެ. ބެނާ ހިއްޕަވައިގެން ތިއްބަވަނިކޮށް ހިތްތިރި ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނާއި ވާހަކަ ދެއްކެވިތަންވެސް ފެނުނެވެ. އުޅުއްވީ އެތަނުގައި ބަނޑިޔާޖަހައި ތާޅަފިލީގައި ހުރި ވަރެއް ދައްކާލާކަށެއް ނޫނެވެ. 

ނަމަވެސް އަހަރުތަކެއް ފަހަތަށް ޖެހިލަމާތޯއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ އެމަނިކުފާނު ރިޔާސީި ބަޔާން އިއްވެވި ކޮންމެ ފަހަރެކެވެ. އޭގެ ކުރިން ރައީސް ވަހީދު ހުންނެވި ދުވަސްކޮޅު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވި ކޮންމެ ފަހަރެކެވެ. އޭރު ރިޔާސަތުގެ ތަހުތުކޮޅު އިންނަނީ މިހާރު އިންނަގޮތަށް ސީނުކަރައިގެ ބޮޑުފާރު ރަމްޒުކޮށްދޭ ވަޑާމަކުން ވަކިކުރެވިފައެއްވެސް ނޫނެވެ. 

ތާޅަފިއްޔާއި ދުންމާރިން ފެށިގެންގޮސް ފެންހުސްކުރި ޕްލާސްޓިކް ފުޅިއަށް ދާންދެން ހިއްޕަވައިގެން ރިޔާސަތުގެ ކުރިފުޅުމަތީގައި މުނިފޫހިފިލުވުމުގެ އެތައް ފަރި ހަރަކާތްތަކެއް ދެއްކެވިއެވެ. ރައްޔިތު މީހާއަށް ރައީސް ވިދާޅުވާ އެއްޗެއްގެ އަޑު އިވޭނީ ހަމަ ކިރިޔާ އެވެ. ރައީސްގެ މޫނުފުޅުވެސް ފެންނަވަރު ވާނީ ދެ ފަހަރުން އެއްފަހަރު އެވެ. ދެން ފެންނާނީ ރައީސް ތަމްބްސް ޑައުން އެއް ދައްކަވާ މަންޒަރެވެ. ހަމަ ގަނޑުވަރު ތެރޭގައި ބަނޑިޔާޖަހާ ތާރަޖަހާ ކުދިންގެ ހަރަކާތްތައް ހުންނަ ހިސާބުން ވާގޮތެވެ. އޭރު އެކުޅިވަރުތައް އެހާ ފުރިހަމައަށް ގެނެސްދިނީ މިއަދު ސަރުކާރު ފަޅީގައި ތިއްބެވި އިއްޒަތްތެރިންނެވެ. 

ބުނަން މިއުޅޭ ވާހަކައަކީ، މިއަދު އިދިކޮޅުގައި ތިއްބެވި ހައެއްކަ މެމްބަރުން ބެނާ ހިފައިގެން ތިއްބަވަނިކޮށް ރައީސް ވަޑައިގެން އެބޭފުޅުންނާއި މުހާތަބު ކުރެއްވުމުން ރައީސްގެ ހިތްތިރިކަން ފާހަގަކުރެވުނު ގޮތަށް، އިދިކޮޅުގައި ތިއްބެވި މެމްބަރުން ތާރަޖެހުމާއި ބަނޑިޔާ ޖެހުމުގެ ބަދަލުގައި ސުލްހަވެރިކަން އިސްކުރެއްވުމުން ހަގީގަތުގައި ފާހަގަކުރަން ޖެހެނީ ނަމޫނާ ދެއްކެވީ އިދިކޮޅު މެމްބަރުން ކަމެވެ.

73%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް