އެ މަގާމަށް ޝާޒްލީ ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރުގެ ދައުރު ހަމަވުމާ ގުޅިގެން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގަ އެވެ.
އަނަސްގެ ދައުރު ހަމަވުމާއެކު އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ސެކްރެޓަރީ ޖަނަރަލްކަމަށް ޝާޒްލީ އެކަނި ކުރިމަތިލިއިރު ޝާޒްލީ ވަނީ 2012 ވަނަ އަހަރު ވެސް އެ މަގާމު ފުރުއްވާފަ އެވެ.
އެމްޑީޕީއަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރެއްވި ޝާޒްލީ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ވެސް ކުރައްވާފަ އެވެ.
ޖަޕާނަށް އޭރު ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރުކަން ވެސް ކުރައްވާފައިވާ ޝާޒްލީ ޝަފީގަކީ އެމްޑީޕީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.