ads
ތިމަރަފުށި--
ޓެރަރިސްޓު ހަމަލާ ދޭން އުޅުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލަ ބައްލަވާ ގާޒީ މިފަދައިން ނިންމާފައިވަނީ ދައުވާ ލިބޭ އަށް މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކާ ޝަރީއަތް ނިމެންދެން އެމީހުން ބަންދުކޮށްދިނުމަށް މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ފަރާތުން އެދުމުން ކަމަށް ޕީޖީން މައުލޫމާތު ދެއެވެ.

މީގެ ކުރިން ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އަށް މީހުން ފުލުހުން ހައްޔަރު ކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭ ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ. 

އެގޮތުން މި މައްސަލައިގަިއ ހައްޔަރު ކުރި ހަ މީހަކު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުންގެ ފަރާތުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ. އަނެއް ދެ މީހުން ހައްޔަރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރ 27 ވަނަ ދުވަހު ތިމަރަފުށިންނެވެ.

މި މައްސަލައިގައި ޕީޖީގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، މި އަށް މީހުންނަށް ދައުވާ ކުރުމަށް ފެބްރުއަރީ އަށެއްގައި ޕީޖީން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާ ކުރަން ފޮނުވާފައިވަނީ ތ. ތިމަރަފުށި ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި ކެނެރީގެ އަލީ މުނީޒު، ތ. ތިމަރަފުށި އަސުރުމާގެ މުހައްމަދު އާސިރު، ތ. ތިމަރަފުށި އަސްރަފީވިލާ އަހްސަން މުހައްމަދު، ރ. މަޑުއްވަރި ބީޗްހައުސް އަބްދުﷲ އިމާދު، ތ. ތިމަރަފުށި ސައިމާ ޝަމާހު ޝަރީފް، ނ. ކުޑަފަރި ރޯޒްމީޑު އިބްރާހިމް ލޫތު އަދި ރ. ކަނދޮޅުދޫ ފެހިވިލާ އަލީ އަރުހަމް މުހައްމަދުގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ، ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުމުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މީގެ އިތުރުންވެސް ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ފަހު އައިއީޑީ ގޮއްވާލާ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީނުތައް ހަދަމުންދިއުމުގެ ސަބަބުން ކަމަށް ޕީޖީން ބުނެއެވެ. 

your image-----------

މީގެ އިތުރުން ވެސް ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިއުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި އަބްދުﷲ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ޕީޖީން ފޮނުވާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވާ އަހްސަން މުހައްމަދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. 

އަލީ އަރުހަމް މުހައްމަދުގެ މައްޗަށް މި މައްސަލައިގައި ތިން ދައުވާ އެއް ކުރުމަށް ޕީޖީން ފޮނުވާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަައިގައި އަބްދުﷲ އިމާދުގެ މައްޗަށް ޖުމުލަ ހަތަރު ދައުވާއެއް ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. 

އިބްރާހިމް ލޫތުގެ މައްޗަށް މި މައްސަލައިގައި ޕީޖީން ކުރަނީ ދެ ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝަމާހު ޝަރީފްގެ މައްޗަށްވެސް ޕީޖީން ވަނީ ދެ ދައުވާ އެއް ކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި މުހައްމަދު އާސިރުގެ މައްޗަށް ކޮށްފައިވަނީ އެންމެ ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އަދި އަލީ މުނީޒުގެ މައްޗަށް ޕީޖީން ތިން ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް