އަނެއްކާ ވެސް ހަމަ އެ ޒުވާން އަޝްހަމް މިވަނީ އޭނާގެ ހުނަރުން މުޅި ރަށް ފަހުރުވެރިވާނެ ފަދަ މަސައްކަތެއްކޮށްފަ އެވެ. މިފަހަރު ތައްޔާރުކުރީ ފޮގް މެޝިނެކެވެ.
އެ ހިޔާލު އައި ގޮތް ހިއްސާކުރަމުން އަޝްހަމް ސީއެންއެމްއަށް ބުނީ އޭނާއަށް އެ މެޝިން ހެދުމުގެ ހިޔާލު ލިބުނީ ރައްޓެހިންނާ އެކު ކޮފީއަކަށް ގޮސް އުޅެނިކޮށް އެތަނުގައި މަދިރި ގިނަ ކަމުން އެންމެން އެކަމާ ވާހަކަ ދެއްކުމުގެ ތެރެއިން ކަމަށެވެ. އަދި އެހާ ހިސާބުން އެ މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ.
އެ މެޝިން އޭނާ ތައްޔާރު ކުރީ ދެ ދުވަހުގެ މަސައްކަތުންނެވެ. އުކާލާފައިވާ ސާމާނު ބޭނުންކޮށްގެން އުފައްދާފައިވާ މި މެޝިން ތައްޔާރުކުރުމުގައި އެންމެ ދަތިވީ ހޫނުކުރާނެ ގޮތެއް ހޯދުމުގަ އެވެ.
އަޝްހަމްގެ މި މަސައްކަތަކީ ވެސް ފުރަތަމަ ފަހަރުން ކާމިޔާބުވި މަސައްކަތެއް ނޫނެވެ. އެ މެޝިން ތައްޔާރުކޮށް ނިންމާލިއިރު ބޭނުންވި ގޮތަށް ފުރަތަމަ މަސައްކަތެއް ނުކުރެ އެވެ. އެހެންވެ، ކަރު އެލުވާލުމުގެ ބަދަލުގައި އޭނާ ނިންމީ އަނެއްކާ ވެސް އެއަށް ހައްލެއް ހޯދާށެވެ.
އެ މެޝިން ހެދުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ގޭސް އުނދުނެއް ކަމަށާއި އެއީ ފޮގް އަރުވާއިރު ރޯކޮށްފައި ކޮއިލް ގަނޑެއް ހޫނު ކުރުމަށް ކަމަށާއި އެ ކޮއިލް ގަނޑު ތެރެއިން އަލިފާނުގައި ނުޖައްސާ ޑީސަލް ދުމަށް ބަދަލު ކުރުމަށް ކަމަށް އަޝްހަމް ކިޔައިދިނެވެ.
އޭގެ އިތުރުން އެ މެޝިނުގެ ކޮއިލު ގަނޑު ހަދަން ބޭނުންކުރި ހޮޅި އެއީ އެއްލާލާފައި އޮތް އޭސީ އެއްގެ ހޮޅިއެއް ކަމަށާއި އޭތި އޮޅައިގެން ބޭނުންކުރީ ކަމަށް ބުނެ އެވެ.
ފޮގު މެޝިން ކާމިޔާބު ކަމާއެކު ތައްޔާރުކުރުމަށް ފަހު އަޝްހަމް ވަނީ އެ މަސައްކަތްކުރާ ގޮތް ރަށުގައި ދައްކާލާފަ އެވެ.
ފޮގު މެޝިނަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. އެހެންކަމުން ރަށުގައި ވަރަށް މަދިރި ގިނަވެފައި ވާތީ ފޮގްކުރަން އެ މެޝިން ބޭނުންކުރާނެ އެވެ. އެ މެޝިން ރަށު ކައުންސިލާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އަޝްހަމް ބުނެ އެވެ.
އެ މެޝިން ތައްޔާރުކުކުރުމުގައި އަޝްހަމަށް އެހީވި ޓީމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.