
ޕަބްލޯ ހަސެލް ނަމަކަށް ކިޔާ ލަވަކިޔުންތެރިޔާ ނުވަ މަހަށް ޖަލަށް ހުކުމް ކުރީ އޭނާގެ ލަވަތަކުގައި ޓެރަރިޒަމަށް ހިތްވަރުދީ ޝާހީ ފަރާތްތަކަށް އިހްތިރާމު ކުޑަ ކުރުމުންނެވެ.
އޭނާއަށް އެފަދަ ހުކުމެއް އައުމުން ސްޕެއިންގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރާ ގުޅޭ ބަހުސެއް ވަނީ ފެށިފަ އެވެ. އަދި އެ ބަހުސްގެ ތެރެއިން ބައެއް މީހުން މުޒާހަރާ ކުރަން ނިކުންނައިރު، ބައެއް އެއްވުންތައް ދަނީ ހަމަނުޖެހުމަށް ބަދަލުވަމުންނެވެ.
ސްޕެއިންގެ ކަޓަލަން ސަރަހައްދީ ފުލުހުން ޓްވިޓާގައި ބުނީ އިއްޔެ ބާސެލޯނާގެ މަގުތަކަށް އެއްވި 6،000 އެއްހާ މީހުން ފުލުހުންނަށް އަމާޒުކޮށް ފުޅި ފަދަ ތަކެތި އުކި ކަމަށެވެ. އަދި ފުލުހުން ވެސް ވަނީ އެއްވުން ރުޅާލުމަށް ބާރުގެ ބޭނުންކޮށްފަ އެވެ.
ބާސެލޯނާގައި ވިޔަފާރި ކުރުމަށް އެންމެ މަގްބޫލު ޕަސެޖް ޑި ގްރާސިއާ މަގުގައި އެއްވި މީހުން ވަނީ ފިހާރަތަކުގެ ބިއްލޫރިތައް ތަޅައި އެ ތަންތަނަށް ގެއްލުން ދީފައި ކަމަށް އެލް ޕައިސް ނޫހުން ރިޕޯޓުުކުރެ އެވެ.
އެ ސަރަހައްދުން ނުވަ މީހަކު ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ބައެއް މީހުން ހައްޔަރު ކުރީ ފިހާރަތަކުގައި ހުރި މުދާތައް ލޫޓުވުމުންނެވެ.
އެ ހަމަނުޖެހުންތަކުގެ ތެރެއިން ނުވަ މީހަކަށް އަނިޔާވިއިރު، ދެ މީހަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ވެރިރަށް މެޑްރިޑުގައި ވެސް ބައެއް މީހުން މަގުތަކަށް ނިކުތް ނަމަވެސް އެ އެއްވުން ދިޔެއީ ސުލްހަވެރިކަމާއެކު އެވެ. ނަމަވެސް އުތުރުގެ ޕަމްޕްލޯނާ އާއި ލެއިޑާ ސިޓީގައި ވެސް ހަމަނުޖެހުން ހިނގި އެވެ.
ފާއިތުވި ހަތަރު ދުވަހު ވެސް މުޒާހަރާތައް ބާއްވާފައި ވާއިރު، ސޯޝަލިސްޓު ޕާޓީގެ ރައީސް ކްރިސްޓީނާ ނަރްބޯނާ ވަނީ ހަމަނުޖެހުންތައް ކުށްވެރި ކުރައްވާފަ އެވެ.
"ހަމަނުޖެހުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށް އަޅުގަނޑުމެން ބުނާ ވާހަކަ މިއަދުވެސް ތަކުރާރު ކުރަން. ހަމަނުޖެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށް ދެއްކޭނެ އުޒުރެއް ނޫން،" އޭނާ ވިދާޅުވި ކަމަށް ރޮއިޓާޒްގައި ވެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ބާސެލޯނާގައި ހިނގި ހަމަނުޖެހުންތަކުގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އަދި އެއްވި މީހުން ވަނީ ދެ ބޭންކަށް ހަމަލާދީ، ކޮންޓެއިނަރުތައް އަންދާފައި ކަމަށާއި މުޒާހަރާގެ ބައިވެރިންގެ ސަބަބުން 128،000 ޔޫރޯ (156،000 ޑޮލަރު) ގެ ގެއްލުންވެފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެ އެވެ.
މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 60 މީހަކު ހައްޔަރުކޮށްފައި ވާއިރު، ލިބުނު އަނިޔާތަކުގެ ތެރޭގައި އެއް އަންހެނެއްގެ ލޮލަށް ލިބުނު ބޮޑު ޒަހަމެއް ފާހަގަކުރެވެ އެވެ. އެއާއެކު ސިޔާސީ ފަރާތްތަކުން އަންނަނީ މުޒާހަރާ ރޫޅުމަށް ފުލުހުން ގެންގުޅޭ އުކުޅުތައް ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ.
ސްޕެއިންގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގާނޫނު އިސްލާހު ކުރުމަށް މަޝްހޫރު އާޓިސްޓުންނާއި، ސެލެބްރިޓީން އަދި ސިޔާސީ މީހުން އަންނަނީ ބާރު އަޅަމުންނެވެ.
މިދިޔަ ހަފްތާގައި ސްޕެއިންގެ ސަރުކާރުން އިއުލާނު ކުރި ގޮތުގައި އަނގަބަހުން ހިޔާލު ފާޅުކޮށްގެން މީހުންނަށް ލިބިފައިވާ ޖަލު ހުކުމްތައް އުވާލަން މިހާރު ވަނީ ނިންމާފަ އެވެ.