ads
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮވިޑް ވެކްސިން ޖައްސަވަނީ-- ފޮޓޯ: އޭޕީ
ވެކްސިން ޕްރޮގްރާމް ކާމިޔާބުވުމުން އިޒްރޭލުން އާއްމު ދިރިއުޅުމަށް ރުޖޫއަވަނީ
އިޒްރޭލުގައި ކޮވިޑް-19 އާ ދެކޮޅަށް ދެމުންދާ ފައިޒާ ވެކްސިނުން 95.8 ޕަސަންޓުގެ ރައްކާތެރިކަމެއް ލިބޭ ކަމަށް ދިރާސާތަކުން ދެއްކުމުން އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ފިޔަވަޅުތަކަށް ލުއިދޭން ފަށައިފި އެވެ.

މިއަދުން ފެށިގެން އިޒްރޭލުގެ ހުރިހާ ފިހާރަތަކާއި ލައިބްރަރީތަކާއި މިއުޒިއަމްތައް ހުޅުވާނެ އެވެ. އާއްމު ތަންތަން ހުޅުވާލި ނަމަވެސް ގައިދުރުކަން ދެމެހެއްޓުމާއި މާސްކު އެޅުން އަދިވެސް އުވައެއް ނުލަ އެވެ. 

އިޒްރޭލުގެ ހެލްތު މިނިސްޓްރީން ބުނީ މިއީ އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ފުރަތަމަ މަރުހަލާ ކަމަށެވެ.

އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ގައުމަކީ އިޒްރޭލެވެ. އެ ގައުމުގެ 49 ޕަސަންޓަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެއް ޑޯޒް ޖަހާފަ އެވެ. 

ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ، އިޒްރޭލު ތިންވަނަ ފަހަރަށް ލޮކްޑައުން ކުރީ 27 ޑިސެމްބަރު ގައެވެ. ފިޔަވަޅުތަކަށް ލުއި ދިނުމުން ޝޮޕިން މޯލްތަކާއި ފަތުރުވެރި މަންޒިލްތައް މިހާރު ވަނީ ހުޅުވާލާފަ އެވެ. 

އޭގެ އިތުރުން ޖިމްތަކާއި، ހޮޓާތަކާއި، އަޅުކަން ކުރަންދާ ސައިނަގޯގްތައް ވެސް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް އެ ތަންތަނަށް ވަނުމަށް "ގްރީން ޕާސްޕޯޓް" ބޭނުންވެ އެވެ. "ގްރީން ޕާސްޕޯޓަކީ" ވެކްސިން ޖަހާފައިވާކަން އަންގައިދޭ ލިޔުމެކެވެ. 

މޮބައިލް އެޕެއް މެދުވެރިކޮށް ދޫކުރާ މި ޕާސްޕޯޓު ދެނީ ހެލްތު މިނިސްޓްރީންނެވެ. ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާތާ ހަ މަހާއި އެއް ހަފްތާ ވަންދެން އެ ޕާސްޕޯޓް ބޭނުން ކުރެވޭނެ އެވެ. 

ފިޔަވަޅުތަކަށް ލުއިދެމުން ދިޔަ ނަމަވެސް އިޒްރޭލުގެ އެއާޕޯޓު އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.

އިއްޔެ އިޒްރޭލުގެ ހެލްތު މިނިސްޓްރީން ބުނީ ފައިޒާ ވެކްސިނުގެ ދެ ޑޯޒް ޖެހި މީހުންނަށް މި ވައިރަހުގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު 95.8 ޕަސަންޓަށް ކުޑަވެފައިވާ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.  

އޭގެ އިތުރުން ހުން އައުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަކާ ދުރުކޮށްދިނުމަށް އެ ވެކްސިން މަސައްކަތް ކުރަނީ 98 ޕަސަންޓަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އުމުރުން 50 އަހަރުން މަތީގެ އިޒްރޭލު ރައްޔިތުންގެ 95 ޕަސަންޓު މީހުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވެކްސިން ޖަހާ ނިމޭނެ ކަމަށެވެ. 

މިދިޔަ ހަފްތާގައި އިޒްރޭލުން ވަނީ ބޯޑަރު ހުޅުވާލައިގެން ގާޒާއަށް ވެކްސިން ގެންދިޔުމުގެ ހުއްދަ ދީފަ އެވެ. ގާޒާއަށް ގެންދިޔަ އެ ޝިޕްމަންޓުގައި ހިމެނެނީ ރަޝިއާގެ ސްޕަޓްނިކް ވީގެ 2000 ޑޯޒެވެ. އެ ވެކްސިން ދޭނީ ގުނަވަން ބަދަލު ކުރުން ފަދަ ބޮޑު އޮޕަރޭޝަންތަކާއި ކިޑްނީ ފެއިލްވުން ފަދަ ސިއްހީ މައްސަލަތައް ދިމާވެފައިވާ ބަލި މީހުންނަށް ކަމަށް އޮފިޝަލަކު ވަނީ ރޮއިޓާޒް އަށް ބުނެފަ އެވެ. 

އެ ޝިޕްމަންޓް ގާޒާއަށް ލިބިފައި ވަނީ ފަލަސްތީނުގެ 100،000 މީހުންނަށް ވެކްސިން ދޭން ފަލަސްތީނުގެ ހެލްތު މިނިސްޓްރީ އާއި އިޒްރޭލުގެ ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ވެސް ވެފައި ވަނިކޮށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފަސް މިލިއަން ފަލަސްތީނު މީހުންނަށް އަދި ވެކްސިން ހަމަޖެހިފައެއް ނުވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް