
އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބުމާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް އެމްއެންޑީއެފްއަށް ޖަވާބު ނުދެވުނު ކަަމަށް ބުނެ ޝާއިއުކޮށްފައިވާ ލިޔުމަކަށް އިޝާރާތްކުރައްވާ ޑރ. ޖަމީލް ވިދާޅުވީ ސިޔާސީ ވެރިންގެ ނުރައްކާތެރި ޕްލިސީތައް ދިފާއު ކުރާބަޔަކަށް ނުވާން ސިފައިންނަށް ގޮވާލާކަމަށާއި ގައުމް ދިފާއުކުރަން ފުރާނައިން ގުރުބާންވާން ކުރި ހުވާ ދަހައްޓަން އިލްތިމާސްކުރާ ކަމަށެވެ
މިއަދު ވެރިކަމުގައި އޮންނާނީ އެމްޑީޕީ އޮތް ނަމަވަެސް މާދަމާ އޮންނާނީ އެހެން ބައެއްކަމަށާއި ކޮންމެ ވެރިކަމެއްގައިވެސް ގައުމް ހިމާޔަތްކުރުމުގައި ތެދުވެރިވާންޖެހޭކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބުމާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް އެމްއެންޑީއެފްއަށް ޖަވާބު ނުދެވުނު" ކަަމަށް ބުނެ ޝާއިއުކޮށްފައިވާ ލިޔުމުގައި ވާގޮތުން އުތުރުތިލަފަޅު ތަރައްގީކުރުމާ ގުޅޭ ގޮތުން އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދުގައި ކުރެވުނު އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިޔާގެ "ޓެކްނީޝަނުން" ނުވަތަ "އޮފިޝަލުން" ނިސްބަތްވަނީ އިންޑިޔާގެ ކޮން މުއައްސަސާއަކަށްކަން ސާފުކޮށްދިނުމަށް އެ ނޫހުން އެދުމުން އެކަން އެމްއެންޑީއެފުން ސާފުކޮށްދީފައިނުވާ ކަމަށް ބުނެފައިވެއެވެ.
އަދި އެ އެއްްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ ސިފައިންނަށް ދާއިމަށް ގާއިމުވެ ތިބެވޭނެ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާކަންވެސް ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއިއެކު އެއްބަސްވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި ސޮއިކުރެވުނު އެއްބަސްވުމުގެ މައުލޫމާތު އާއްމުކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައިވެސް 2013 ވަނަ އަހަރުވެސް ވަނީ އެ މަޝްރޫއާއި ބެހޭ ގޮތުން އެކި ގޮތްގޮތުން އެކި ގައުމުތަކާއި މަޝްވަރާކުރައްވާފައެވެ. އެހެންނަމަވެސް އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މިކަމަކީ އެކި ނަން ނަމުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ހިންގަމުންދާ "ޖަރީމާ"އެކެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން މަޑުމަޑުން ގެއްލެމުންދާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑީއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެފައިވަނީ އުތުރުތިލަފަޅުގައި ނޭވަލް ބަނދަރެއް ތަރައްގީކުރުމަށް 2013 ވަނަ އަހަރުން ފެށިގެން ގިނަ ގައުމުތަކަކާއެކު މަޝްވަރާކޮށް، މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އެގޮތުން އިންޑިއާ އާއިއެކު މިއަދު އެއްބަސްވުމަކަށް އާދެވުނު އިރު، 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އިންޑިއާ އާއިއެކުވެސް އެކި ލެވެލްތަކުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި ޒަމާނީ ފެންވަރުގެ ނޭވަލް ބަނދަރެއް ތަރައްގީ ކުރެވިގެންދާނެ އެވެ. އަދި މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ގާއިމްކުރުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުންގެ އެހީގައި ދިވެހިން ތަމްރީނުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން، ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބަނދަރާއި ޑޮކްޔާޑް ތަރައްގީކޮށް ހުޅުވުމަށް ވަނީ އެއްބަސްވެފައެވެ. އަދި ދެވަނަ މަރުހަލާގެ ދަށުން، ރާއްޖެއިން ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ ވަގުތެއްގައި ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން އެދުވަހު ސޮއެކޮށްފައިވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައެވެ.