ads
ވޭމަންޑޫ--
ވޭމަންޑޫ ކަނު އަނދިރީގައި، އާ ދެ ޖަނަރޭޓަރު ފޮނުވަނީ!
ތ. ވޭމަންޑޫގެ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއެކު މުޅި ރަށުން ކަރަންޓު ކެނޑިފައި އޮތްއިރު ފެނަކައިން އެރަށަށް މުޅިން އާ ދެ ޖަނަރޭޓަރު ފޮނުވުމުގެ މަަސައްކަތް ފަށައިފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިރޭ "ސީއެންއެމް" އަށް ވިދާޅުވީ އެރަށަށް ޖަނަރޭޓަރު ފޮނުވުމަށް ލޯޑްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޭމަންޑޫއަށް ފޮނުވަނީ 600 ކިލޯވޮޓާއި 400 ކިލޯވޮޓުގެ މުޅިން އާ ދެ ޖެނަރޭޓަރު ކަމަށްވެސް ވިދާޅުވި އެވެ. 

ސައީދު ވިދާޅުވި ގޮތުގައި ވޭމަންޑޫއާ ހިސާބަށް ޖަނަރޭޓަރުތައް ގެންދިއުމަށް 12 ގަޑިއިރު ހޭދަވާނެ އެވެ. މިހެންކަމުން، އެރަށު ރައްޔިތުން މިރޭ ހޭދަކުރަން ޖެހޭނީ ކަނު އަނދިރީގަ އެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް، މުހައްމަދު ނަސީހު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މެންދުރެއްހާއިރެވެ. އޭގެ ކުރިން އިންޖީނުގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ރަށުގެ އެކި ސަރަހައްދުތަކުން 30 މިނެޓުން 30 މިނެޓުން ކަރަންޓު ކަނޑެމުން އައިކަން ފާހަގަކުރައްވަމުން ނަސީހު ވިދާޅުވީ، އަލިފާން ރޯވެ މުޅި އިންޖީނުގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. 

މިހާރު ވެސް އަލިފާނުގެ އަސަރުކުރި އެއް ޖަނަރޭޓަރު މަރާމާތު ކުރެވޭތޯ މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

އާބާދީގައި 1800 އެއްހާ މީހުން ދިރިއުޅެމުންދާ ވޭމަންޑޫއަކީ އަތޮޅު ވެރިކަން ކުރާ ރަށް ވެސްމެ އެވެ. މިހެންކަމުން، ކޮންމެ ދުވަހަކު އެރަށަށް އެކިއެކި ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ދެއެވެ. 

ނަސީހު ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން އޭޓީއެމުން ވެސް ރަނގަޅަށް ހިދުމަތް ނުދެވޭ ކަމަށެވެ. އަދި ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ވެސް ހިދުމަތް މިވަގުތު ދެމުން އަންނަނީ އެތަނުގައި ހުރި އިމަޖަންސީ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަމަށާއި އެކަމަކު ބޭނުންވާ ގޮތަށް އެކަމުގެ ސަބަބުން ވެސް ހިދުމަތް ނުދެވޭކަން ފާހަގަކުރެއްވި އެވެ. 

އިންޖީނުގެއަށް ލިބުނު ގެއްލުމާއެކު ވޭމަންޑޫގެ ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަން ޖެހިފައިވީ ނަމަވެސް މިރެއަކީ ހަނދުވަރުދޭ ރެއެއްކަމުން، މަގުތަކުގައި ހިނގާބިނގާވެ އުޅެން އިނގޭވަރަށް އަލި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް