ads
ވީޑިއޯ ރިޕޯޓް-
ކޯލިޝަން އެއްބަސްވުން؛ ގާނުނު ދަންނަ ކަމެއްތަ؟
ރާއްޖޭގައި ރިޔާސީ ނިޒާމެއް އުފެދުނު އިރުން ފެށިގެން މިހާތަނަށް ރާއްޖޭގެ ކޮންމެ ސަރުކާރެއް އުފެދިފައިވަނީ ކޯލިޝަނަކުންނެވެ. ނަމަވެސް ސަރުކާރަށް ގިނަ ދުވަހެއް ނުވެ ފެނިގެން ދަނީ ކޯލިޝަން ރޫޅިގެންދާ މަންޒަރެވެ. މިހިނގާ ސަރުކާރަކީ ކޯލިޝަނަކާއެކު ވެރިކަމަށް އައިސް، އެންމެ ގިނަ ދުވަސް ވަންދެން ކޯލިޝަން ދެމި އޮތް ސަރުކާރެވެ. މިއާއެކު އަނެއްކާވެސް މިވަނީ ކޯލިޝަން އެއްބަސް ވުމުގެ ވާހަކަ ތަކެއް ދެކެވެން ފަށާފައެވެ. ދެން ސުވާލު އުފެދޭ ކަމަކަމަކީ މިފަދަ އެއްބަސް ވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯއެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ ގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ރާއްޖޭގެ ގާނޫނުން ސިޔާސީ ޕާޓީތަކަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ތެރޭގައި ކޯލިޝަން އެއްބަސްވުމަކަށް އައުމަކީ ގާނޫނީ ގޮތުން އޭގައި މައްސަލައެއް އޮތް ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ގާނޫނީ އެކި ބޭފުޅުންގެ ރައުޔު މިކަމުގައި ތަފާތުވެއެވެ. އެއްބަޔަކު ކޯލިޝަނެއް އެކުލަވާލުން ނުވަތަ އެދަފަ އެއްބަސްވުމެއް އެކުލަވާލުމަކީ ރިޔާސީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށް ބުނަމުން އަންނަ އިރު، އަނެއް ބަޔަކު ވަނީ ގާނޫނުން މަނާ ނުކުރާހާ ހިނދު ކޯލިޝަނެއް އެކުލަވާލާ، ކޯލިޝަން އެއްބަސްވުން ހެދުމުގައި ހުރަހެއް ނެތް ކަމަށް ބުނަމުންނެވެ. އަދި މިފަދަ އެއްބަސްވުމެއްގައި ގާނޫނީ ބުރަދަނެއް ނުހުންނާނެ ކަމަށް ގިނަ ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް ގެ މަގާމު އަދާ ކުރެއްވި ބޭފުޅަކު ސީއެންއެމްއިން ކުރިސުވާލަކަށް ޖަވާބު ދެއްވަމުން ވަނީ، ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ބެލެވިދާނެ ކަމަށް ވިދާޅުވެފައެވެ. މިމޭރުމުން ބަލާނަމަ ކޯލިޝަން އެއްބަސް ވުމެއް ހެދިދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމެއްގައި ކޯލިޝަނެއް ނޯންނާނެ ކަމަށް ދެކެވޭ ވާހަކައަކީ ތެދެއް ކަމަށާއި، ނަމަވެސް ގާނޫނުން ކަނޑައެޅިގެން މަނާ ނުކުރާ ނަމަ އެކަމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ. 

"އެއްބަސްވުން ހަދާ ހިސާބުން އުފެދޭނީ އެހެން މައްސަލައެއް. އެހިސާބުން މި އެއްބަސްވުން ތަންފީޒު ވާނެތޯ ނުވަތަ ނުވާނެތޯ އެއީ މައްސަލައެއް. އެބަސްވުމެއް ހެދުމަށްފަހު އެއަށް އަމަލު ނުކުރެވޭ ހިސާބުން ދެން އެޅޭނެ ފިޔަވަޅެއް ގާނޫނީ ހަމައަކުން ނެތް. ދެން އެއްބަސް ވުމަށް އަމަލު ނުކުރުމުން އެ މައްސަލަ ހިފައިގެން ކޯޓަށް ދެވޭނެތޯ އެއީވެސް އުފެދޭ ސުވާލެއް ހަމަ" ކުރީގެ ޕީޖީ އެއް

ވެރިކަން ކުރަނީ ޕާޓީ އެއް ނޫން ކަމަށާއި ވެރިކަން ކުރަނީ ވަކި ފަރާތަކަށް ވާއިރު، ޕާޓީތަކުގެ މެދުގައި ވާ އެއްބަސް ވުމަކާއި ގުޅިގެން ކޯޓަށްގޮސް، ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތަކަށް އަމަލު ކުރުމަށް ހުކުމް ކުރެވޭނެ ތޯއެއީ ކުރެވޭނެ ސުވާލެއް ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. 

މި ބަހުސުގައި ރާއްޖޭގެ އެޓާނީ ޖެނެރަލްގެ މަގާމު މީގެ ކުރިން އަދާ ކުރެއްވި ބޭފުޅެއްގެ ރައުޔު ސާފު ކޮށްލީމެވެ. ސީއެންއެމްއަށް ފޯނުން ދިން އިންޓަވިއު އެއްގައި އެބޭފުޅާ ވިދާޅުވީ ރާއްޖޭގެ ގާނޫނަށް ބަލާއިރު، ކޯލިޝަން އެއްބަސްވުމެއް އެކުލަވާލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް އޮތުމީ މައްސަލައެއް ނޫން ކަމަށެވެ.

"އެއްބަސްވުން ތަންފީޒު ކުރުމަށް ހުރަސްތަކެއް އެބަހުރި. މި ފަދަ އެއްބަސްވުމެއްގައި ކޯޓަކަށް ދެވޭނެ ގޮތެއް ރާއްޖޭގެ ގާނޫނުގައި މިވަގުތު ނެތް. އެކަމު މިކަމަށް ހާއްސަ ގާނޫނެއް ހެދުމަށްފަހު މިކަމައިގެން ކުރިއަށް ގޮސްފި ހާލަތެއްގައި، ކޯލިޝަން އެއްބަސް ވުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ" - ކުރީގެ އޭޖީ

މިފަދަ މައްސަލައެއްގައި، ރާއްޖޭގެ "ފެހި ގާނޫނު އަސާސީ" އެކުލަވާލިއިރު، އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ބޭފުޅެއްގެ ރައުޔު ހޯދާލުމީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެމެވެ. އޭރު ސްޕެޝަލް މަޖިލީހުގެ މާލޭގެ މެމްބަރު އިބްރާހީމް އިސްމާއީލް (އިބްރާ) އާއި މިކަމާ ސުވާލު ކުރެއްވުމުން އިބްރާ ވިދާޅުވީ މިއީ އެއްވެސް ހާލަތެއްގައި ގާނޫނީ ކަމަކަށް ބެލެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެގޮތުން ކޯލިޝަން އުފެއްދުމާއި، ކޯލިޝަން އެއްބަސްވުމެއް އުފެއްދުމަކީ ސިޔާސީ އެއްޗެއް ކަމަށާއި އެއީ "ބައިންޑިންގް" އެއްޗެއް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި މިއީ ގާނޫނީ ގޮތުން އެއްވެސް ކޯޓަކުން ބަލާނެ ކަމެއް ނޫން ކަމަަށް އިބްރާ ވިދާޅުވިއެވެ. މިފަދަ އެއްބަސްވުމަކީ ސިޔާސީ ގޮތުން ދެކޮޅުވެދާނެ ބަޔަކު އެއްގަލަކަށް އެރުވުމަށް، ސިޔާސީ ގޮތުން ކަންކަން ކުރުމަށް ފަސޭހަ ކުރުމަށް ހަދާ އެއްބަސްވުމެއް ކަމަށް އިބްރާ ވިދާޅުވިއެވެ. 

"ސިޔާސީ ގޮތުން ދެކޮޅު ވެދާނެ މީހުންތަކެއް އެއްގަލަށް އެރުވުމަށް، ސިޔާސީ ގޮތުން ކަންކަން ކުރުން ފަސޭހަ ކުރުމަށް ވެވޭ އެއްބަވުންތަކެއް އެއީ. ދެން އޭގަ އޮންނާއީ އޮނާ ކުރުން. މާނައަކީ އެބަޔަކު އެއްބަސްވެފަ އޮތް ގޮތަކަށް އަމަލުކުރުން. ދެން އަމަލު ނުކުރިއަސް ދާނެ ކޯޓެއް ނޯންނާނެ." އިބްރާ ވިދާޅުވިއެވެ.

ކޯލިޝަން އެއްބަސްވުމަކާއި ގުޅިގެން ޕާޓީއަކުން ކޯޓަށް ގޮއްސި ނަމަވެސް، ކޯޓުން ރައީސުލްޖުމްހޫރިއްޔާއަށް، ސަރުކާރުގެ ސިޔާސަތަކާއި ގުޅިގެން އަންގާނެ އެއްޗެއް ނޯންނާނެ ކަމަށް އިބްރާ ވިދާޅުވިއެވެ. 

މީގެ އިތުރުން "ކޯލިޝަން" މި ބަސް އާންމުކޮށް ބޭނުން ކުރަނީ ބޮޑުވަޒީރު ސަރުކާރު ހިންގާ ނިޒާމު ތަކުގައި ކަމަށާއި، އެފަދަ ނިޒާމު ތަކުގައިވެސް މަޖިލީހަށް ހޮވޭ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުން ވަކި ގޮތަކަށް އަމަލު ކުރަން ނޭންގޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ. އެއީ މަޖިލީހަށް މެމްބަރުން ހޮވެނީ ރައްޔިތުންގެ ވޯޓުން ކަމުން، އެ މިނިވަންކަން މެމްބަރަށް އޮންނަން ވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ނިޒާމަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަނީ ރައްޔިތުންގެ ވޯޓުން ކަމަށާއި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމާއި ގައުމު ހިންގުމުގެ މަސްއޫލިއްޔަތު މަތިވަނީ ޕާޓީއަކަށް ނޫން ކަމަށާއި ނަމަވެސް އެ މަގާމަށް ހޮވޭ ބޭފުޅަކަށް ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ކެބިނެޓެއް އެކުލަވާލުމުގެ ބާރު ރައީސަށް ލިބެނީ ގާނޫނުން ކަމަށާއި، ކެބިނެޓު އެކުލަވާލަން ވާނީ ރައީސް އަށް އިތުބާރު ކުރެވޭ ވަޒީރުންނާއެކު ކަމަށް އިބްރާ ފާހަގަ ކުރެއްވިއެވެ. އަދި ވަޒީރު ކަމަށް އަންނަ މީހުން، ކޮންމެ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް، އޭނާގެ އިހުލާސްތެރިކަން އޮންނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، އޭނާގެ ޕާޓީއަށް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ.

ކޯލިޝަނެއް އެކުލަވާލާ ހިސާބުން މިކަން ކަމަށް އަސަރު ކުރާ ކަމަށާއި، ރާއްޖެއިން އެކަން ފެންނަ ކަމަށް އިބްރާ ވިދާޅުވިއެވެ. އެގޮތުން ކޯލިޝަން ކެބިނެޓެއް އެކުލަވާލުމުން ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރުންގެ މައްޗަށް އެއްވެސް ބާރެއް ނެތް ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ވަޒީރުންނަކީ ގާނޫނާ ހިލާފު ނުވާހާ ހިނދަކު ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތަށް ކަންކުރަން ޖެހޭ ބައެއް ކަމަށާއި، ރާއްޖެއިން ފެނިގެންދަނީ ރައީސްގެ ވައުދުތަކާ ހިލާފަށް ވަޒީރުން ހިތު ހުރިގޮތެއް ހަދާ މަންޒަރު ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި މިކަން ހުއްޓުވޭކަށް ނެތް ކަމަށާއި މިއީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެންވެސް ކޯލިޝަން އެއްބަސްވުމެއް އެކުލަވާ ނުލެވޭނެ ކަމަށެވެ. އެއީ ގާނޫނަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި، އެއީ ދައުލަތް ހިންގުމާއި ރައްޔިތުންގެ މައްޗަށް އަމަލު ކުރަން ހަދާ އެއްޗެއް ކަމަށެވެ. އަދި އެއީސިޔާސީ ކުޅިވަރު ކުޅެން ހަދާ އެއްޗެއް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ރައުޔެއްވެސް މިކަމުގައި ސާފުކޮށްލީމެވެ. އެ މެމްބަރު ވިދާޅުވީ ކޯލިޝަން އެއްބަސްވުމެއް ހެދިދާނެ ކަމަށާއި، ނަމަވެސް އެއީ ލީގަލީ "ބައިންޑިންގް" ކޮންޓްރެކްޓަކަށް ނުވާނެ ކަމަށެވެ. އަދި މިފަދަ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އެ އެއްބަސް ވުމަށް އަމަލު ކުރުމަށް ލާޒިމް ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން ނެތް ކަމަށް ވިދާޅުވިއެވެ.

"އެއްބަސް ވުމެއް ހެދިދާނެ. އެކަމު އެ ނުވާނެ ލީގަލީ ބައިންޑިންގް އެއްޗަކަށް. އެފަދަ އެއްބަސް ވުމެއް އެކުލަވާލައިގެން ގާނޫނީ ގޮތުން އެއަށް އަމަލު ކުރުން ލާޒިމް ކުރެވޭނެ ގޮތެއް ނެތް. އަނެއްކޮޅުން ބަލާއިރު މި ވާނީ ސީދާ ސިޔާސީ އެއްބަސް ވުމަކަށް. ދެނ ސިޔާސީ އެއްބަސް ވުމަކާ ހިލާފުވެގެން ކޯޓުން އެ މައްސަލަ ބަލާނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ" މިހާރުމެ މަޖިލިސް މެމްބަރެއް

މީގެ އިތުރުން މިފަދަ އެއްބަސް ވުމެއް ވެއްޖެ ނަމަ އެވެގެން ދާނީ ސިޔާސީ އެއްބަސް ވުމަކަށް ކަމަށާއި، ކޮންޓްރެކްޓް ގާނޫނުން މި އެއްބަސްވުމަށް ބެލޭނެ ގޮތެއް ނެތް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ސިޔާސީ އެއްބަސްވުމަކާއި ހިލާފުވެގެން ކޯޓަށް މައްސަލައެއް ހުށަހެޅޭނެ ގޮތެއް ނެތް ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލައެއްގައި ރާއްޖޭގެ ކޯޓަކުން ހުކުމެއްކުރާނެ ކަމަށްވެސް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. 

ނަަމަވެސް ރައްޔިތުން ގަބޫލުކުރާ ގާނޫނެއް ކޯލިޝަން ސަރުކާރާއި ކޯލިޝަން އެއްބަސްވުމާ ގުޅޭ ގޮތުން ހެދިއްޖެ ނަމަ، ވަކި ގާނޫނެއްގެ ދަށުން މިކަން ކުރުމުގެ ގާނޫނީ ހުރަހެއް ނެތް ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

ގާނޫނު ދަންނަ ދެތިން ބޭފުޅުންނާއި ވާހަކަ ދައްކާލައިގެން ސާފުވި އެއް ކަމަކީ، ކޯލިޝަން އެއްބަސް ވުމެއް ހެދެން މިވަގުތު ރާއްޖޭގެ ގާނޫނުތަން ނުދޭ ކަމެވެ. ސިޔާސީ ބޭފުޅުން މިފަދަ އެއްބަސްވުމެއް ބޭނުންވީނަމަވެސް، "ލީގަލީ ބައިންޑިން" އެއްބަސްވުމަކަށް ނުވާ އެއްބަސްވުމެއްގެ ބޭނުމެއް ނެތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް