ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ދެ ގައުމެއްގެ ހާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު މަޝްވަރާކުރައްވައިފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކްރީ އާއި ގްރެނާޑާގެ ހާރިޖީ ވަޒީރު އޮލިވާ ޖޯސެފް އާ ވަކިވަކިން ފޯނުން ގުޅުއްވާ އެކިކަންކަމާ މެދު މަޝްވަރާ ކުރައްވައިފި އެވެ.

މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކްރީއާއި ފޯނުން ގުޅުއްވާ މިނިސްޓަރު ޝާހިދުވަނީ ދިވެހިރާއްޖެއާއި މިސްރާއި އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވާ، އެގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުންނާއި، ބައިނަލްއަގްވާމީ މަސްރަހުގެ އެކިއެކި ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. 

އަދި ދެގައުމުގެ ހާރިޖީ ވަޒީރުންވެސްވަނީ ކޮވިޑް-19 ގެ ސަބަބުން ދެ ގައުމަށް ދިމާވި ދަތިތަކާއި ބަލިމަޑުކަމުން އަރައިގަތުމަށް ދެގައުމުން ކުރެވުނު އަދި ކުރެވެމުންދާ ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައިވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި މިސްރުން ދިވެހިރާއްޖެއަށް ދެއްވާ އެހީއާއި އެއްބާރުލުން ފާހަގަކުރައްވާ މިސްރުގެ ހާރިޖީ ވަޒީރަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ގްރެނާޑާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ބިޒްނަސް އަދި ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) އެފެއާޒް، އޮލިވާ ޖޯސެފްއާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ގެ ސަބަބުން ދެގައުމަށް ކުރިމަތިވި ދަތިތަކަށް އަލިއަޅުވާލައި އެބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. 

އަދި ދިވެހިރާއްޖެއާއި ގްރެނާޑާއަކީ ކުރިއަރަމުންދާ ކުދި ޖަޒީރާ ދެގައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދުވަނީ ކޮވިޑް-19 އިން އަރައިގަތުމުގައި ހުރި ދަތިތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

ހަމަ އެއާއެކު ދެގައުމުގެ ދެެމެދުގައި އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖްތަމައުގައި ދެގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް