
އެ ދެ ކުއްތާ އިއްޔެ ފެނިފައި މިވަނީ އެ ހޯދައިދޭ މީހަކަށް 500،000 ޑޮލަރު ދޭނެ ކަމަށް ވެސް ބުނެފައިވަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލޭޑީ ގާގާގެ ތިން ކުއްތާގެ ތެރެއިން ދެ ފްރެންޗް ބުލްޑޯގްސް ވަގަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ބަލަހައްޓާ މީހާއަށް ބަޑީގެ ހަމަލާއެއް ދިނުމަށް ފަހެވެ.
ލޮސް އޭންޖެލްސްގައި މި ހާދިސާ ހިނގިއިރު އެ ކުއްތާ ބަލަހައްޓާ މީހާއަށް ބަޑީގެ ހަމަލާދީފައި ވަނީ ދެ ފިރިހެނަކުވެގެން ކަމަށްވެ އެވެ. އެ ހާދިސާގައި ކުއްތާ ބަލަހައްޓާ މީހާއަށް އަނިޔާވެ އެ މީހާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެ ކުއްތާތައް ހޯދާފައި ވަނީ ކިހިނެއްކަން އަދި ސާފެއް ނުވެ އެވެ. ލޮސް އޭންޖެލްސްގެ އޮލިމްޕިކް ކޮމިއުނިޓީ ޕޮލިސް ސްޓޭޝަނަށް އެ ދެ ކުއްތާ ގެންދިޔައީ އަންހެނަކު ކަމަށް ވެ އެވެ. މި އަންހެން މީހާއާ އެ ހިނގި ވައްކަމާއި ގުޅުމެއް ނުވާ ކަމަށް ވެސް ބުނެ އެވެ.
އަދި ލޭޑީ ގާގާ ވަނީ އެއީ އޭނާގެ ކުއްތާތައް ކަން ވެސް ކަށަވަރުކޮށްދީފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ވަގަށް ނެގި ދެ ކުއްތާ ސަލާމަތުން އޮއްވާ ހޯދައިދޭ މީހަކަށް ފަސް ލައްކަ ޑޮލަރުދޭނެ ކަމަށް ގާގާ ބުނެފައިވީނަމަވެސް އެ އަނބުރާ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ މީހާއަށް އެވަރު ދިންކަން ނުވަތަ ނޫންކަން ވެސް ސާފެއް ނުވެ އެވެ.
އެ ހާދިސާ ހިނގި ވަގުތު، އޭނާގެ ތިން ކުއްތާގެ ތެރެއިން މިސް އޭޝިއާ ނަމަކަށް ކިޔާ ކުއްތާ ވަނީ އެތަނުން ފިލާފަ އެވެ. އެހެންނަމަވެސް ފަހުން އެ ކުއްތާ ހޯދައި ފުލުހުން ވަނީ ގާގާއާ ހަވާލުކޮށްފަ އެވެ.
އަދި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްގެ އެހީގައި ބަޑީގެ ހަމަލާއެއް ދިނުމަށް ފަހު ކުއްތާތައް ވަގަށް ނެގި މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.