ads
އެޑިޔުކޭޝަން މިނިސްޓަރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި
ސުކޫލުތަކުގައި ވަކި ޚާއްސަ ތަނެއް ނެތަސް ނަމާދުކުރަން ޖެހޭނެ: މިނިސްޓަރު
ނަމާދުކުރުމަށް ސްކޫލުގައި ވަކިތަނެއް ހާއްސަ ކުރެވިފައި ހުންނަން ނުޖެހޭ ކަމަށާއި ކޮންމެ ތާކުވެސް ނަމާދު ގަޑިޖެހުމުން ނަމާދުކުރެވެން ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement
ނަމާދުކުރުމަށް ސްކޫލުތަކުގައި ވަކި ޚާއްސަ ތަނެއް ހުންނަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކޮންމެ ތަނަކުވެސް ނަމާދު ގަޑިޖެހުމުން ނަމާދުކުރެވެން ވާނެ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ކުރެއްވި ސުވާލުގައި ސްކޫލުތަކުގައި ނަމާދުކުރާނެ ތަންތަން ނުހުންނަނީ ކީއްވެތޯ އެއްސެވުމުން ދެއްވި ޖަވާބުގަ އެވެ.

ޖަވާބުގައި މިނިސްޓަރު ވަނީ ނަމާދުކުރަން ވަކި ހާއްސަ ތަނެއް ހުންނަން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސްކޫލުގެ ތެރޭގައި ނުވަތަ ކްލާސްރޫމުގެ ތެރޭގައި މިހާރުވެސް ދަރިވަރުން ނަމާދު ގަޑިޖެހުމުން ނަމާދުކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް ސްކޫލުތަކުގައި ޖަމާއަތުގައި ވެސް ނަމާދުކުރަމުން ގެންދާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ބަޖެޓު ހުރި މިންވަރަކުން ސްކޫލުތަކުގައި ނަމާދުގެ އަޅައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ވެސް ފާހަގަކުރައްވާފަ އެވެ.

"ނަމާދުކުރާކަށް އަސްލު ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ވަކިތަނެއް ހުންނާކަށް ނުޖެހޭ. ސްކޫލު ހޯލުގަ، ކްލާސް ރޫމްތެރޭގައި ވެސް ނަމާދުކުރެވޭ. އެކަންކަން ހަމަ މިހާރުވެސް ކުރަމުންދަނީ. ޖަމާއަތުގައި ނަމާދަށް އަރާ ސްކޫލުތައް ވެސް އެބަހުރި. ބައެއް ސްކޫލުތަކުގައި އަޅުގަނޑުމެންނަށް ބަޖެޓް ހުރި މިންވަރަކުން ނަމާދުކުރާ ގެތައް އަޅައިދެމުން މިދަނީ. އަދި ކައުންސިލުތަކުންނާއި ބައެއް އިއްޒައްތެރި މެމްބަރުން ވެސް ސްކޫލުތަކުގައި ނަމާދުކުރާ ތަންތަން ހަދައިދެމުން އެބަ ގެންދޭ،" މިނިސްޓަރު ވިދާޅުވި އެެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންނަށް ދެވޭ ދީނީ ތަރުބިއްޔަތު ރަނގަޅު ކުރުމަށްޓަކައި ވެސް މިސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްމުން ގެންދަވާ ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ކުރީކޮޅު ބޭއްވި ކަރިކިއުލަމް ސިމްޕޯޒިއަމްގައި ވެސް ދީނީ ކަންކަމަށް އިސްކަންދެވޭ ގޮތަށް ކަރިކިއުލަމަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާ ކުރެވުނު ކަމަށާއި އަދި އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރެވެމުންދާ މަސައްކަތްތަކާ އެކު އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސްކޫލު ނިންމާ ދަރިވަރުން ދެމިތިބޭނެ ކަމަށާއި ރަނގަޅު ހުނަރުވެރި ބައެއްގެ ގޮތުގައި މުޖުތަމައުން އެކުދިން ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް