ads
ފޮޓޯ: ފެނަކަ
ވޭމަންޑޫގައި އާ އިންޖީނުގެއެއް އަޅަނީ
މިމަހު 24 ވީ ބުދަ ދުވަހު ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އިންޖީނުގެ ބޭނުން ނުކުރެވޭވަރަށް އެނދުމާއި ގުޅިގެން، އެ ރަށުގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން ފަސް ކުރުމެއް ނެތި، ވޭމަންޑޫގައި އާ އިންޖީނު ގެއެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި ދިމާވާ ހާދިސާތަކުން ލިބޭގެއްލުން ކުޑަކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކާއި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އިތުބާރާއެކު ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ފެނަކައިން ވަނީ ވޭމަންޑޫގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއިން އަރައިގަތުމަށް ކުރެވުނު މަސައްކަތް ފާހަގަކޮށްފަ އެވެ. އެގޮތުން އެފަދަ ބޮޑު ހާދިސާއަކުން އެންމެ އަވަސްމިނުގައި އަރައިގަނެ، ރައްޔިތުންނަށް ހިދުމަތް އިޔާދަކޮށްދެވިފައިވަނީ ވޭމަންޑޫގެ ރައްޔިތުންގެ ކެތްތެރިކަމާ، އެކުވެރިކަމާ، އެއްބައިވަންތަކަމުން އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއިން ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ހާދިސާއިން އަރައިގަނެ، ރައްޔިތުންނަށް އަވަސް މަގުން ހިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދަށް ފެނަކައިން ޝުކުރު އަދާކުރި އެވެ. އަދި ވޭމަންޑޫއަށް މަސައްކަތް ކުރުމަށް ދިޔަ މުވައްޒަފުންނާއި މެދު އެރަށުގެ ރައްޔިތުން ދެއްވިފުރިހަމަ މެހެމާންދާރީ ފާހަގަކޮށް ޝުކުރު ދަންނަވާފައިވެ އެވެ. 

އަދި ހާދިސާ ހިނގި ވަގުތުން ފެށިގެން ކަންކަން ގާތުން ބައްލަވާ، ކުންފުނީގެ ޓީމާއެކު ރަށަށް ދަތުރު ކުރައްވާ، ކެރެވުނު މަސައްކަތްތައް ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންދެއްވުމީ ލިބުނު އިތުރު ހިތްވަރެއް ކަމަށް ފެނަކައިން ފާހަގަ ކުރެއްވިއެވެ.

ބުދަ ދުވަހު މެންދުރު 2:30 ހާއިރު ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވީ، އިންޖީނުގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ރަށުގެ އެކި ސަރަހައްދުތަކުން 30 މިނެޓުން 30 މިނެޓުން ކަރަންޓު ކަނޑަމުންދަނިކޮށެވެ. މިއާއެކު ވޭމަންދޫ ރައްޔިތުންނަށް ވަނީ ބުދަދުވަހުގެ ރޭ ކަނު އަނދިރީގައި ހޭދަކުރަން ޖެހިފަ އެވެ.

ބުރާސްފަތި ދުވަހު ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެ އަތޮޅު ގުރައިދޫން 360 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވެ އެވެ. އަދި ފެނަކައިން ވަނީ 600 ކިލޯވޮޓާއި 400 ކިލޯވޮޓުގެ މުޅިން އާ ދެ ޖެނަރޭޓަރު އެރަށަށް ގެންގޮސްފަ އެވެ. އަދި ރަށަށް ކަރަންޓުދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް