ads
ގާސިމް، މީކާއިލް އަދި މަލީހު ---
ހަގީގަތުގައި ގާސިމް ވެސް ބޭނުންވީ މަލީހު ބޭރުކުރަން: މީކާއިލް
ހަގީގަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވެސް ބޭނުންވީ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން މަލީހު ޖަމާލު ބޭރުކުރުމަށް ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މަލީހު ވަކިކުރީ ކޯލިޝަން އެއްބަސްވުމާއި ދެކޮޅަށް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން، ގާނޫނު އަސާސީއަށް ވުރެ މަތިން އެއްވެސް ކޯލިޝަން އެއްބަސްވުމެއް ނެހެދޭނެ ކަމަށް މީކާއިލް ވިދާޅުވެފައިވެ އެވެ.

މީކާއީލް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުން، އެ ވަޒީރުންގެ މަސައްކަތްތަށް ރަނގަޅަށް ނުކުރާނަަމަ ނުވަތަ އެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެމްބަރުންނަށް ފެންނަ ނަމަ، އެ ވަޒީރަކު މަގާމުން ވަކިކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި، ކޯލިޝަން އެއްބަސްވުމަކަށް ރިއާޔަތްކޮށް، ގާނޫނު އަސާސީ "އޯވާރައިޑު" ނުކުރެވޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މަލީހު މަގާމުން ދުރު ކުރުމަކީ އެމްޑީޕީން ކުރާ "ފިނޑި" އަމަލެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނާ ބުނުމަށް މީކާއިލް ރައްދު ދެއްވާފައިވެއެވެ.

"އަޅުގަނޑަށް ހަގީގަތުގައި ފިނޑިއަމަލަކަށް ވަނީ އެބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން މިއަދުގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެވަޑައެއް ނުގަންނަވާ. ހާޒިރުވި މެމްބަރުން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ އަބްދުﷲ ރިޔާޒާއި އަލީ ހުސެއިން. އަލީ ހުސެއިންވެސް ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ. ހަމައެކަނި މަލީހުއާއި އެއްކޮޅަށް ވޯޓެއް މި ދެއްވީ އަބްދުﷲ ރިޔާޒް." މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވަނީ މިއަދުގެ ޖަލްސާގައި ގާސިމް ވެސް ބައިވެރިވެވަޑައި ނުގަންނަވާކަން ފާހަގަ ކުރައްވާފައެވެ. އަދި މަލީހަކީ ޖޭޕީން "ޑިފެންޑު" ކުރައްވަން ބޭނުންވާ ބޭފުޅެއްނަމަ، މިއަދުގެ ޖަލްސާގައި ޖޭޕީގެ މެމްބަރުން ބައިވެރިވެ މަޖިލީހުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީސް ކަމަށް މީކާއިލް ވިދާޅުވިއެވެ. 

މީގެ އިތުރުން ބަޔާން ނެރޭނީ ފަހު މިނެޓުގައި ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޕީޖީގައި މި ޑެލިބިރޭޝަންތައް ކުރިއަށް ގެންދިޔައިރު ޖޭޕީން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކޮށްފައިނުވުމުން ގަބޫލު ކުރެވެނީ ގާސިމް ބޭނުންފުޅުވީ މަލީހު ބޭރުކުރަން ކަމަށް މީކާއިލް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަގީގަތުގައި ގަބޫލު ކުރެވެނީ ގާސިމް އިބްރާހީމް ވެސް ބޭނުންފުޅުވީ ހަގީގަތުގައި ހަމަ މަލީހު ބޭރު ކުރައްވަންށޭ" މީކާއިލް ވިދާޅުވިއެވެ.
80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް