
އެތްލެޓިކްސް އެސޯސިއޭޝަނުން ޝޯޓް ލިސްޓްކޮށްފައިވާ އެތްލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން ޢަބްދުﷲ ޢާދަމް، އަހްމަދު ނަޖްދާން ޢަބްދުﷲ އަދި ޢައިޝަތު ހިމްނާ ޙަސަން، ޢައިޝަތު ޝަބާ ސަލީމުގެ އިތުރުން މަރްޔަމް ރުޢުޔާ އަލީއެވެ. މީގެ ތެރެއިން ހިމްނާ ފިޔަވައި އެހެން ހުރިހާ އެތްލީޓުންނަކީވެސް ސަތޭކަ މީޓަރުން ޝޯޓް ލިސްޓްކޮށްފައިވާ އެތްލީޓުންނެވެ. ހިމްނާއަކީ ހަތަރު ސަތޭކަ މީޓަރެވެ.
ޖަޕާނުގެ ޓޯކިޔޯގައި މިއަހަރު އޮންނަ އޮލިމްޕިކްސްއަކީ މިދިޔަ އަހަރަށް ތާވަލުކޮށްފައިވާ މުބާރާތެކެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން މި އަހަރަށް އޮލިމްޕިކްސް ފަސް ކުރީއެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީންވެސް އަދި މުބާރާތް ހޯސްޓްކުރާ ޖަޕާނުންވެސް އެންމެ ފަހު ވަގުތާއި ހަމައަށްވެސް މުބާރާތް ލަސްނުކޮށްވާނެ ގޮތެއް އޮތްތޯ ބެލި ނަމަވެސް ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، އިތުރު އެހެން އެއްވެސް ފުރުސަތެއް ނެތުމުން މި އަހަރަށް ފަސްކުރީއެވެ.
ޓޯކިޔޯ އޮލިމްޕިކްސްގައި މުޅި ދުނިޔޭން ދިހަހާހަށްވުރެ ގިނަ އެތްލީޓުން ވާދަކުރާނެއެވެ. ހަތަރު އަހަރުން ހަތަރު އަހަރުން ބާއްވާ އޮލިމްޕިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި ތެއްތިރީސް ކުޅިވަރަކުން ތިން ސަތޭކައަށްވުރެ ގިނަ އިވެންޓް އޮންނާނެ އެވެ.