ads
ފެނަކަ --
ފެނަކަ އިންސްޓިޓިއުޓްގެ "ފުނަރު ޕްރޮގުރާމް" ފަށަނީ
ފެނަކަ ކޯޕަރޭޝަނުގެ ދަށުން ހިންގަމުން އަންނަ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގް އެންޑް ރިސާޗް ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ "ފުނަރު ޕްރޮގުރާމް"ގެ އޮރިއެންޓޭޝަން މިރޭ ބާއްވާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފި އެވެ.

ފެނަކަ އިންސްޓިޓިއުޓް ގެ ޑީން އައިޝަތު ފަސީހާ މުހައްމަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުނަރު ޕްރޮގްރާމްގެ ދަށުން އިންޖީން ރިޕެއާ އެންޑް މެއިންޓެނަންސް ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ބައިވެރިންގެ އޮރިއެންޓޭޝަން މިރޭ އޮންނާނެ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމް ފަށަނީ 10 ރަށަކުން 50 ދަރިވަރުންނާއެކު ކަމަށާއި، މިރޭ އޮރިއެންޓޭޝަން ކުރިއަށް ގެންދިޔަ ނަމަވެސް މި ޕްރޮގްރާމްގެ ކިޔެވުން ފަށާނީ މާދަމާ ކަމަށް ފަސީހާ ވިދާޅުވިއެވެ. 

ފެނަކައިން 153 ރަށަކަށް ކަރަންޓު ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ގާބިލު މަސައްކަތްތެރިން ހޯދުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށްއެ ކުންފުނިން ބުނެއެވެ. 

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަން ޖެހިފައި އޮންނަނީ އެކަމުގެ ފަންނީ އިލްމާއި ތަޖުރިބާ ހުރި މުވައްޒަފުންގެ މަސައްކަތު ތާވަލަށް ބިނާކޮށް ކަމަށް ވާއިރު، މިކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ލަސްތަކާއި ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއިއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން އަލަށް ފަށާ މި ޕްރޮގްރާމަކީ މިކަމަށް އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން، ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ދުރު ވިސްނުންފުޅާއި އިސްނެންގެވުމާއިއެކު، ދާއިރާއަށް މީހުން ބިނާކުރެވި ފަންނީ ގާބިލު މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ފެށި މަސައްކަތެއް ކަމަށް ފެނަކައިން ބުނެއެވެ.

ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކުރުން ކަމަށް ފެނަކައިން ބުނެއެވެ. އަދި މިދާއިރާގައި ފަންނީ ގާބިލުކަން ހުރި މަސައްކަތަށް ކަމޭހިތާ އިހުލާސްތެރި މީހުން ބިނާކުރުން ކަމަށް ފެނަކައިން ބުނެއެވެ. 

ފެނަކަ އިންސްޓިޓިއުޓްގެ މި ޕްރޮގްރާމުގައި މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި މި ފުރުސަތު ހުޅުވާލާފައިވަނީ 16 އަހަރުން މަތީގެ މީހުނަށް ކަމަށާއި، މިއީ އާންމުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް ފެނަކައިން ބުނެއެވެ. 

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކޮށް، މިދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދިނުމުގެ އިތުރުން މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފައްދާ އަދި މިދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށް ފެނަކައިން ބުނެއެވެ. 

ފެނަކައިން ވަނީ އެ ކުންފުނީގެ އުއްމީދަކީ މިފަދަ ޕްރޮގުރާމްތަކުގެ އަލީގައި މުޖުތަމައުއަށް ފައިދާހުރި ހުނަރުވެވި ގާބިލު ފަރާތްތަކެއް ތަމްރީނުވެގެން ދިއުން ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް