ads
އަބްދުﷲ ލުތުފީ ރާއްޖެ ގެނައި ވީއައިއޭ އެއާޕޯޓްގައި-- ފޮޓޯ: ވީނިއުސް
ފިލި ކަމަށް އެއްބަސްވެ، އަވަހަށް ހުކުމްކޮށްދޭން ލުތުފީ އެދިއްޖެ
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އިސް މީހެއްގެ ގޮތުގައި ހުރި އަބްދުﷲ ލުތުފީ ފިލި މައްސަލައިގެ ދައުވާއަށް އޭނާ އިއުތިރާފުވެއްޖެ އެވެ.

ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދީފައިވާ އުދުވާނީ ހަމަލާގައި އިސްވެ ހުރި އަބްދުﷲ ލުތުފީ ފިލައިގެން ސްރީލަންކާ ގޮސް އުޅުނު މައްސަލައިގާ ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑު އެހުން ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. 

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މިއަދު ހެނދުނު 9:00 އަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. މިއަދުގެ ޝަރީއަތުގައި ލުތުފީ ވަނީ އޭނާ ފިލި ކަމަށް އެއްބަސްވުމަށް ފަހު، އޭނާގެ މައްޗަށް ވީހާވެސް އަވަހަކަށް އެެކަމުގައި ހުކުމްކޮށްދޭން އެދިފަ އެވެ. އަދި ވީހާވެސް ކުޑަ ހުކުމެއް ކުރުމަށް ޝަރީއަތުގައި އޭނާ އެދިފައިވެ އެވެ.

ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ވަނީ ލުތުފީގެ މައްޗަށް ދައުލަތުން އުފުލާފަ އެވެ.

ލުތުފީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާ ކަމަށެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލުމާއި ގުޅިގެންނާއި ގާނޫނާ ހިލާފަށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ލުތުފީ އަކީ މެރުމަށް ހުކުމް ކުރި މީހެކެވެ. ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމަށް ލުއިދެއްވާ، އުމުރު ދުވަހުގެ ނުވަތަ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވާފަ އެވެ. 

ލުތުފީ ޖަލު ހުކުމް 21 އަހަރު ތަންފީޒުކޮށްފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލުތުފީގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހަރުގައި ފޮނުއްވާފަ އެވެ.

ލުތުފީ ލަންކާގައި ފިލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ލަންކާގައި ބޮންތަކެއް ގޮއްވާލާ، އެތައް ބަޔަކު މަރާލި ހާދިސާއާއި ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ހާއްސަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެން ލުތުފީ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލައަށް ހަވާލުވެފަ އެވެ.

އެމްބަސީގައި ލުތުފީ ހުންނަތާ ދުވަސްތަކެއް ފަހުން އެ މައްސަލަ ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އޭގެފަހުން ސަރުކާރަށް ބައެއް ފަރާތްތަކުން ފިއްތުންތައް ކުރިމަތިކުރަން ފެށުމުން ލުތުފީ ރާއްޖެ ގެނައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ. 

ލުތުފީ އަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ކަމަށާއި އޭނާއަށް މައާފުނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް