ads
------
ޕްރިންސިޕަލުން ބުނަނީ ރަނގަޅުވާނެ ކަމަށް، ދަރިވަރުން ތިބީ ޕްރެޝަރުގައި!؟
އެއް އަހަރުގެ ދިގު އިންތިޒާރަކަށްފަހު އޭވެލެވް ނިންމުމަށް ކެތްމަދުވެފައި ތިބި ދަރިވަރުންނަށް އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ވަނީ އުފާވެރި ހަބަރެއް ދެއްވާފަ އެވެ. އެއީ މިއަހަރުގެ މެއި ޖޫންގައި އޭލެވެލް އިމްތިހާނު ތާވަލުކޮށްފައިވާ ކަމުގެ ހަބަރެވެ.
Advertisement

ދިގު އިންތިޒާރަކަށް ފަހު އޭލެވެލް ނިންމާލެވޭނެ ދުވަހަކީ ގިނަ ދަރިވަރުން އިންތިޒާރު ކުރަމުން އައި ނަމަވެސް އިމްތިހާނަށް ބޯމަތިވެފައި އޮތުމުން ހާސްކަމެއް ވެސް އެބަ އޮތެވެ. 

އިމްތިހާނަށް އެންމެ މަހެއް ބާކީ އޮތް އިރު އެކުދިން ކިޔެވުމުގެ ބައެއް ބައިތައް އަދިވެސް ފުރިހަމަ ނުވާތީ ދަރިވަރުން ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. ނަމަވެސް ސްކޫލުތަކުގެ ޕްރިންސިޕަލުން އަދި އެޑިއުކޭޝަނުން ބުނަމުން ދަނީ ދަރިވަރުން ތިބީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ސީއެޗްއެސްސީ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ސީއެންއެމްއަށް ވިދާޅުވީ ދަރިވަރުންގެ ދިޔެވުން ކުރިއަށް ދަނީ އެ ސްކޫލުން މިއަހަރު ޕްލޭންކުރި ގޮތަށް ކަމަށެވެ. އަދި ދަރިވަރުންނަށް އިމްތިހާނު މިހާ ކައިރިވެފައިވާއިރު ސްކޫލުގެ ފަރާތުން ކޮށްދެވެން އޮތް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންނަށް އޮންލައިންކޮށް އަދި ފިޒިކަން ކުލާސްތައް ނަގައިދެމުން އަންނަކަން ފާހަގަކުރަމުން ސަފޫރާ ވިދާޅުވީ މިހާރު ދަރިވަރުގެ ޔުނިޓް ޓެސްޓުތައްވެސް ދަނީ ކުރިއަށް ކަމަށެވެ. އަދި މިއަދު މޮކް އެގްޒާމްގެ ޓައިމްޓޭބަލް ވާނީ ކުދިންނާ ހަވާލުކުރެވިފައި ކަމަށެވެ.

އަދި އިމްތިހާނަށް މިހާ ކުޑަ ވަގުތުކޮޅެއް އޮތްއިރު ކުދިންގެ ނަތީޖާއަށް އެކަމުގެ ސަބަބުން ބޮޑު އަސަރެއް ނުކުރާނެ ކަމަށް ވެސް ސަފޫރާ ވިދާޅުވި އެވެ.

ކުދިންގެ ކިޔެވުމުގެ ކަންކަން ފާހަގަކުރަމުން ސަފޫރާ ވިދާޅުވީ އޮންލައިންކޮށް ކިޔަވާ ދިނުމުގައި ގޮންޖެހުންތަކަކާ ކުރިތިލާން ޖެހިފައިވާ ކަމަށާއި ބައެއް ކުދިންނަށް ވާނީ ސްކޫލުގެ ފަރާތުން ނަފްސާނީ ދުޅަހެޔޮކަމަށް އެހީވެސް ފޯރުކޮށްދީފައި ކަމަށެވެ.

ސީއެޗްއެސްސީގެ ޕްރިންސިޕަލް މިހެން ވިދާޅުވެފައިވާއިރު އެ ސްކޫލުގެ ދަރިވަރަކު ވެސް ވަނީ އެދަރިވަރުންގެ ކަންބޮޑުވުމުގެ ވާހަކަ ހިއްސާކޮށްފަ އެވެ. 

އެ ދަރިވަރު ކިޔައިދިން ގޮތުގައި އޭލެވެލް ނިމުމަކީ ލިބޭ ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އިމްތިހާނު ވަރަށް ކައިރިވެފައިވާތީ ދަރިވަރުން ހާއްސްކަމެއްގެ ތެރޭގައި އުޅޭ ކަމަށް ވެސް އެ ދަރިވަރު ފާހަގަކުރި އެވެ.

ސްކޫލުން އެކުދިންނަށް އިމްތިހާނަށް ތައްޔާރުވުމަށް ވަރަށް ބޮޑަށް އެއްބާރުލުންދެމުންދާކަން ފާހަގަ ކުރަމުން އެ ދަރިވަރު ބުނީ ދެން އޮތީ ދަރިވަރުން ކުރަން އޮތް މަސައްކަތްތައް ކުރުން ކަމަށެވެ.

ދަރިވަރުންގެ އެކި ކަންބޮޑުވުންތައް އިމްތިހާނާ ގުޅިގެން ހުރިއިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އިމްތިހާނާ ގުޅިގެން ދިމާވެފައިވާ ސްޓެރްސް ކަމަށް އަހުމަދިއްޔާގެ ދަރިވަރަކު ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އެ ދަރިވަރު ފާހަގަ ކުރި ގޮތުގައި ސްކޫލުން އެކުދިން ތައްޔާރު ކުރުމަށް ވަރަށް ގިނަ ޓެސްޓުތައް ދަނީ ބާއްވަމުން ކަމަށެވެ. އަދި ސިލަބަސް ކަވާ ކުރުމަށް ކުދިންނަށް ކިޔަވާ ދެނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށް ވެސް އެ ދަރިވަރު ފާހަގަކުރި އެވެ. އެހެންކަމުން ކިޔަވާދޭ އެއްޗެއް ރަނގަޅަށް ފަހުމުނުވާކަން ފާހަގަކުރި އެވެ.

އެހެން ދަރިވަރަކު ބުނެފައިވަނީ ސްކޫލުން އިމްތިހާނަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އޮންލައިން ކުލާސްތަކުގައި ކިޔައިދޭ އެއްޗެހި ފަހުމްނުވާ ކަމަށެވެ. 

އެދަރިވަރު ބުނިގޮތުގައި ގިނަ ކުދިން ބޭނުންވަނީ އަވަހަށް އޭލެވެލް ނިންމާލާށެވެ. އަދި މިހާރު އޭލެވެލް ދިގުލައިގެން ދިޔުމުގެ ސަބަބުން އެކުގައި ކިޔަވަން އުޅުނު ގިނަ ދަރިވަރުން ސްކޫލުން ވަކިވެއްޖެ ކަމަށް ވެސް އެ ދަރިވަރު ހާމަކުރި އެވެ.

ދަރިވަރުން އޭލެވެލް އިމްތިހާނަށް ތައްޔާރުވަމުންދާ ގޮތާ ގުޅޭގޮތުން އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ސްކޫލުން ދަނީ ނިމިދިޔަ އަހަރުންސުރެ ކުދިންގެ އިމްތިހާނަށް ތައްޔާރުކުރަމުން ކަމަށެވެ. އަދި ކުދިންނަށް ފުރިހަމަ، ރަނގަޅު ނަތީޖާ ހޯދައިދޭން ސްކޫލްއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ރަޝީދު ވިދާޅުވީ ކިޔަވާ ދިނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލުތައް ބަންދުވެގެން ގޮސް ކުދިންގެ ކިޔެވުން އޮންލައިންކޮށް ބަދަލު ވެގެންދިޔަ ދިޔުން ކަމަށެވެ. ނަމަވެސް އަލުން ސްކޫލަށް ކުދިން ހާޒިރުވެ ކިޔަވައިދޭން ފެށުމުން މިހާރު އެ މައްސަލައަށް ހައްލެއް ލިބިފައިވާ ކަމަށެވެ.

އޭލެވެލް އިމްތިހާނު ބޯމަތިވެފައި އޮތްއިރު ދަރިވަރުންގެ އިތުރުން ޕްރިންސިޕަލުންގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރި އެވެ. އެގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ އެ ސްކޫލުން ދަނީ ކޮވިޑްގެ މި ހާލަތުގައި ސްކޫލުން ވެވޭނެހާ އެންމެ ފުރިހަމަކޮށް ތައްޔާރުވަމުން ކަމަށެވެ.

ނަމަވެސް އޮންލައިންކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދާތީ އާއި ކޮވިޑްގެ ހާލަތުގައި ބައެއް އާއިލާތަކަށް ގިނަ މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އަސަރު ކޮށްފައިވާ ކަމަށެވެ. އަދި މިކަން ދަރިވަރުންގެ ނަތީޖާއިން ފެނުން އެކަށީގެންވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކުދިންނަށް ސްކޫލުން ދޭޖެހޭ ހުރިހާ އެހީއެއް ދެމުން ގެންދާ ކަމަށް ވެސް ސައީދު ފާހަގަކުރި އެވެ. 

ވިލާގެ ދަރިވަރެއްގެ ކަންބޮޑުވުމަށް ބަލާއިރު އެދަރިވަރު ބުނެފައިވަނީ އަދި އެކުދިންގެ ސިލަބަސް އެއްކޮށް ކަވާކޮށް ނުނިމޭ ކަމަށެވެ. އަދި ކިޔަވާދޭ އެއްޗިހި ފަހުމްނުވާ ކަމަށާއި ކުދިންނަށް ވަރަށް ގިނަ އިމްތިހާނުތައް ނަގާ ކަމަށް ވެސް އެ ދަރިވަރު ފާހަގަކުރި އެވެ.

އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ވަރަށް އަވަސް އަރުވާލައިގެންކަމަށް ވެސް ބުންޏެވެ.

މެއި، ޖޫންގައި ބާއްވާ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު އެ ކުދިންނަށް އިމްތިހާނު އޮންނާނެކަން ކަށަވަރުވެފައި ވަނީ ވެސް އިއްޔެ އެވެ. އެހެންކަމުން މެއި މަހުގައި ފެށޭ އިމްތިހާނަށް ތައްޔާރުވާން އެކުދިންނަށް އޮތީ އެންމެ މަހެކެވެ.

އިމްތިހާނު ބޯމަތިވެ ދަރިވަރުން ޕްރެޝަރަށް ވެއްޓުން ނަމަވެސް އެ ކުދިން އަންނަނީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ. އަވަސް އަރުވާލައިގެން އިމްތިހާނަށް ތައްޔާރުކުރަމުން އަންނައިރު ޕްރިންސިޕަލުން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ އެކުދިން ތައްޔާރަށް ތިބި ކަމަށެވެ.

0%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް