މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ މައިގަނޑު އަމާޒަކީ ރައްޔިތުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

Advertisement
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ މައިގަނޑު އަމާޒަކީ ރައްޔިތުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިރޭ ވިދާޅުވެފައިވަނީ، ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވާނީ، ސިއްހަތް، ތައުލީމް، ބޯފެން، ލާމަރުކަޒުކުރުމާއި އިޖްތިމާއީ ރައްކާތެރިކަމަށް ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 37.54 ބިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37.54 ބިލިއަން ރުފިޔާ ކަމަށްވާއިރު އަންނަ އަހަރު އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން 35.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއްވެސް ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅަމުންދާ ދައުލަތުގެ ބަޖެޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވާލައިގެން ހުށަހަޅާ ފުރަތަމަ ބަޖެޓެވެ.