ads
ވީޑިއޯ ރިޕޯޓް-
ކެމްޕެއިން ކުރަންވީމާ ހާލަތު ހަނދާން ނެތިއްޖެ!
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން އޮތް ތާރީހުގައި ނުބޭއްވި ފަސްކުރަން ޖެހުނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. ސިއްހީގޮތުން ރާއްޖެ އޮތް ލާތުގެ ސަބަބުން އިންތިހާބެއް ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީއެވެ. ކޮންމެއަކަށް ހާއްސަ ގާނޫނެއްގެ ދަށުން އިންތިހާބު ފަސްކޮށް، މިއަހަރުގެ އޭޕްރިލް 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
Advertisement

އިންތިހާބު ފަސްކުރީ ކޮވިޑުގެ ހާލަތުގެ ސަބަބުން ކަމަށްވާއިރު، އޭގެ އަހަރެއް ފަހުން، މިހާރު އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ހާލަތަށް ބަލައިލުން މުހިންމެވެ. އޭގެ ފަހަތުގައި ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތަކާއި، އެނޫންވެސް ގިނަ ކަންތައްތަކެއް ހިމެނެއެވެ. ނަމަވެސް އީސީން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާން ވާނީ އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތީން، ވަކި ގައިޑްލައިން އެއްގެ ތެރެއިން ކަމަށްވާނަމަ އެކަމުގައި ހާލަތަށް ރިއާއަތްކޮށް ގޮތް ނިންމާނީ އީސީންނެވެ. 

ނަމަވެސް ހާލަތައް ބަލައި، އެކަމާއިމެދު އާންމު ރައްޔިތު މިހާވެސް ވިސްނަންޖެހޭ ހިސާބެއް އެބަ އާދެއެވެ. ޒަމާނުއްސުރެ އިންތިހާބާއި ގާތްކޮށް، އާއިލީ ގުޅުމާއި، ރައްޓެހި ރަހުމްތަތެރި ގުޅުން ކިޔައިދިނުމަށް ކެމްޕެއިންކުރަން ސިޔާސީ ފަރާތްތަކުން އައިސް ވޯޓުދޭން އާދޭސްކުރުމަކީ ދިވެހިން މާ ގަޔާވާ ކަމެއް ނޫނެވެ. އަދި އެކަން މިހާރު އިހުނަށްވުރެ ބޮޑަށް، އެއީ މާ ދިވެހިން ގަޔާވާ ކަމަކަށް ނުވުން ގާތެވެ. 

ކޮވިޑާއި ގުޅިގެން ގައުމު އޭރު އޮތް ހާލަތާއި އަޅާއި ބަލާއިރު މިހާރު މާ ބޮޑަށްވެސް ގޯހެވެ. އޭރު އިންތިހާބު ބޯމަތިވީއިރު، ދުވާލަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅުނީ އެވްރެޖުކޮށް 100 އިން ދަށުގައެވެ. ނަމަވެސް އޭރު އިންތިހާބު ފަސްކުރުމަށްފަހު މިހާރު އަނެއްކާވެސް އިންތިހާބަށް ކްޕެއިން ކުރުމުގެ މަސައްކަތް އިހުނަށްވުރެ ފޯރީގައި މި ފަށައިގަތީ، މިއީ ކޮވިޑުގައި ރާއްޖެ މިހާތަނަށް ކުރިމަތިލަމުންދާ އެންމެ ނުރައްކާތެރި ހާލަތު ކަމަށް ސިއްހީ މާހިރުންވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ. 

ނަމަވެސް ހިތާމައަކީ، އެ ފާހަގަކުރާ ނުރައްކާތެރިކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަކީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅުތަކެއް ކަމަށް ތުހުމު ކުރުމުގެ ސީދާ ޖާގަ ލިބޭގޮތަށް ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި ފަރާތްތަކުން އަމަލުކުރަމުން ދިއުމެވެ. އަޅާފައިވާ ހަރުކަށި އެތައް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުން އެތައް ކަމަކުން މަހުރޫމުވެ، އަދި އެތައް ޖޫރިމަނާތަކަކާއި ކުރިމަތިލާން ޖެހޭއިރު، ފެންނަ މަންޒަރުތަކުން ސިފަވާގޮތުގައި، އެ ނުރައްކާތެރިކަން އޮތީ ރައްޔިތު މީހާއަށެވެ. ގައިޑްލައިންތަކާއި ފިޔަވަޅުތައްވެސް އޮތީ ރައްޔިތުމީހާ އަށެވެ. 

މިހެން މި ފާހަގަކުރަންޖެހެނީ ސަބަބެއްވެސް އޮވެގެންނެވެ. ސާފު ހެކި ލޯކުރިމަތިން ފެންނަން ހުރުމުންނެވެ. ސިޔާސީގޮތުން ހާސިލްކުރަން ބޭނުންވާ އެތައް ޑިމާންޑިތަކެއް ކޮނޑުއަޅައިގެން އިދިކޮޅެއް ހެޔޮކޮޅެއް ތަފާތު ވުމެއްނެތި އެފަރާތްތަކުން ކުރަމުން އަންނަ ދެކޮޅު ނުޖެހޭ ކަންކަމުގެ ސަބަބުންނެވެ. 

ކައުންސިލް އިންތިހާބަށް އެންމެ ވާދަވެރިކޮށް ފެންނަ މާލެސިޓީ މޭޔަރުކަމުގެ ކެމްޕެއިން ހަރަކާތްތައް ހުރީ ހަމަ ގައިމުވެސް މާލޭގައި ކޮވިޑް ނުރައްކަލެއް އޮވެގެން އަމަލުތައް ބަހައްޓަންޖެހޭ ހިސާބަކުއެއް ނޫނެވެ. 

އެންމެ ފުރަތަމަ ދޮރުން ދޮރަށް، ވައިރަސް ހުއްޓެއް ނެރެއް ބަލާލުމެއް ނެތި، ރައްޔިތުންގެ ހާލު ބަލާލުމަށް ކަމަށްބުނެ، ވަޑައިގަންނަވަން ފެށީ އިދިކޮޅު ކެނޑިޑޭޓެވެ. އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއެވެ. 

މުއިއްޒުގެ ދޮރުން ދޮރަށް ކެމްޕެއިން ފެށުމާއިއެކު އެމްޑީޕީގެ ފަރާތްތަކުން އެކަމަށް އެތަކެއް ފާޑުކިއުންތަކެއް އަމާޒުކުރިއެވެ. ރައްޔިތު މީހާގެ ހާލުބަލަން އެ ދަނީ ވައިރަސް ހިފައިގެން ކަންވެސް ނޭންގޭ ނޫންތޯއޭ ބުނެ، ދޮރުން ދޮރަށް ކެމްޕެއިން ކުރުމުގެ ބަދަލުގައި ވާޗުއަލްކޮށް ކެމްޕެއިން ކުރުން ބުއްދުވެރިކަމަށް ދެއްކިއެވެ. 

ނަމަވެސް ކެތްވީ ވަކި ވަރަކަށެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރުގެ ދޮރުން ދޮރަށް ކެމްޕެއިން އިއްޔެ ކުރިއަށް ގެންދެވުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އެބޭފުޅުންނަށް ވަކި ކޮވިޑުގެ ނުރައްކާ ނެތީތޯއެވެ. 

އާދޭހެވެ. ދޮރުން ދޮރަށް އެ ވަޑައިގަންނަވަނީ މާސްކު އަޅައިގެންނެވެ. ގައިދުރުކަންވެސް ބެހެއްޓޭނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ، މިއީ މިހާތަނަށް ރާއްޖެ ކުރިމަތިލާ ކޮވިޑުގެ އެންމެ ނުރައްކާ ރާޅު ކަމަށް ވާނަމަ، އަދި މާލެ އޮތީ ލޮކްޑައުން އަކަށް ދާންޖެހޭ ހާލަތުގައި ކަމަށް ވަޒީރު ބޭފުޅާއަށް ފެންނަކަމަށް ވިދާޅުވެފައި ވާއިރުވެސް، މާސްކު އެޅިއަސް، ގައިދުރު ކުރިއަސް، ސެނެޓައިޒާއިން ފެންވަރައިގެންވިޔަސް، ކެމްޕެއިން ކުރުމުގެ ނަމުގައި އެހާ ގިނަ ގޭގެއަށް ޒިޔާރަތްކޮށް، އެހާ ގިނަ ފަރާތްތަކަކާއި ބައްދަލުވުން އެއީ ހަމަ އެންމެ ރަނގަޅު ގޮތްތޯއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް