ads
ފޮޓޯ--މަޖިލިސް
ފުރޮންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން
ކޮވިޑް-19 އާ ގުޅިގެން ދޭން ޖެހުނު ތަފާތު ހިދުމަތްތައް ދިނުމުގައި އަދި ފްރޮންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ، މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދޭން ޖެހުނު ތަފާތު ހިދުމަތްތައް ދިނުމުގައި އަދި ފުރޮންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ.

އަދި މިއަހަރު އަންހެނުންގެ ދުވަހުގެ ޝިއާރަކީ، "އިސްސަފުގައި އަންހެނުން، ކޮވިޑް-19ގެ ދުނިޔޭގައި ހަމަ ހަމަ މުސްތަގުބަލެއް ހޯދުން" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރި ފުރަތަމަ 6 މަސް ދުވަހު ގާތްގަނޑަކަށް 24 ގަޑިއިރު، ވަރުބަލި ކަމެއް ނެތި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަސައްކަތް މަސައްކަތް ކުރެއްވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި މިއަދާ ހަމައަށް ވެސް އެޗްޕީއޭގެ ޑިރެކްޓާ އަދި އެތަނުގައި ތިއްބެވި އިސް އަންހެން ބޭފުޅުން މި އާލަމީ ވަބާއިން ގައުމު ރައްކާތެރިކުރުމަށް ކުރައްވަމުންދާ މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެފަދަ އެތައް އަންހެން ބޭކަނބަލުން މިއަދު ފާހަގަ ކޮށްލަން ޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ނަރުހުންނާއި، ޑޮކްޓަރުންނާއި އާރްއާރްޓީގައި މަސައްކަތް ކުރަމުންދާ އަންހެނުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ވެމްކޯގެ އަންހެން މުވައްޒަފުން ފާހަގަ ކުރައްވާ މިނިސްޓަރު އައިޝާ ވިދާޅުވީ، އެއީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށް ދިނުމަށް ރެއާ ދުވާލު، އެންމެ ފްރޮންޓްލައިންގައި އެންމެ ބުރަކޮށް މަސައްކަރް ކުރަމުންދާ މީހުން ކަމަށެވެ. އަދި ރޭގަނޑުގެ ނިދި ނަގާލާ، އެމީހުން ދެމުންދާ ހިދުމަތަކީ މި އަހަރުގެ ޝިއާރު، ވަރަށް ރަނގަޅަށް ރަމްޒު ކޮށްދޭ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ.

ފުރަބަންދުގެ ސަބަބުން ގޭތެރޭގެ މަސައްކަތުގެ އިތުރުން އިގްތިސޯދީ ގޮތުން އަންހެނުން ކުރަމުން އައި މަސައްކަތް އިތުރު ވެގެން ދިޔަ ކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ ކުދިންނަށް ކިޔަވައި ދިނުމަށް އައި ބަދަލާ ގުޅިގެން އޮންލައިންކޮށް ކުދިންގެ ކިޔެވުން ބެލެހެއްޓުމާއި، އާ ނިޒާމުގެ ތެރެއިން ކުދިންނަށް ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް އަންހެނުން އިސް ދައުރެއް އަދާ ކުރަމުން ދާ ކަމަށެވެ.

އަދި މިނިސްޓަރު އައިޝަތު ވިދާޅުވީ ގޭގައި ބަންދުވެ ތިބެން ޖެހުމުން ގޭތެރޭގެ މަސައްކަތް ކުރުމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ފިރިހެނުންގެ ދައުރު އިތުރު ވެގެން ދިޔަކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި ވެސް އަންހްނުން ލީޑާޝިޕަށް އައުމަށް ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ބަސް ބުނުމަށް ހުރި ގޮންޖެހުންތަކަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި އަންހެނުންގެ ވެސް ގޮންޖެހުންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ގޮންޖެހުންތައް ބިނާވެފައިވަނީ އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަންހެނުންނާއި ފިރިހެނުންގެ ދައުރާ މެދު ޒަމާނުއްސުރެ މުޖުތަމައުގެ ތެރޭގައި ހުރި ވިސްނުންތަކާއި، ދެކޭ ގޮތުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ ގައުމެއް ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ، އަދި ދެ ޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބުމުން ދިމިގްރާތީ ނިޒާމުގައި ހެޔޮ ވެރިކަމެއްގެ ސިފަ ޖެހި މުޖުތަމައުގެ ހަމަޖެހުން ގާއިމް ވެގެން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް