ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެސްސީން މިނިސްޓަރު ނަހުލާއަށް ޖަވާބުދީ ފޮނުވާފައިވާ ސިޓީގައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ސާމީ އަގީލާ، އެ މިނިސްޓަރީގެ ޕީއެސް މަގާމަށް ބަދަލުކުރުމަށް އެދިފައިވާ ވީނަމަވެސް، މި ވަގުތަށް އޭނާގެ ވަޒީފާ ޓްރާންސްޕޯޓް މިނިސްޓަރީއަށް ބަދަލުކުރުމަށް ނުފެންނަކަމަށެވެ. އެ ކޮމިޝަނުން އެގޮތަށް ނިންމީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގިނަ މައްސަލަތަކެއް ސީއެސްސީއަށް ހުށަހެޅި ބަލަމުންދާ ވަގުތަކަށްވާތީ އެވެ.
އަދި އެ ކޮމިޝަނުން ބަލަމުންދާ ބައެއް މައްސަލަތަކުގެ ތެރޭގައި ސާމީ އަގީލްއާ ގުޅުންހުރި މައްސަލަތަކެއް ހިމެނޭ ކަމަށް ވެސް ސީއެންއެމްއަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ސާމީ އަގީލް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ބަލަމުންދާކަން ސީއެސްއަށް ވަނީ އަންގަވާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެހެންކަމުން ސީއެސްސީން މިނިސްޓަރު ނަހުލާއަށް ޖަވާބުދީ ފޮނުވާފައިވާ ސިޓީގައި ވަނީ މިނިސްޓަރު އެދިލައްވާފައިވާ މައްސަލައިގައި، މި ވަގުތު ސާމީގެ ވަޒީފާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް ބަދަލުކުރުމަށް ނުފެންނަކަމަށް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ބުނެފައި ކަމަށް ވެސް އެނގިފައިވެއެވެ.
މީގެ އިތުރުން ސީއެސްސީން ވަނީ މިނިސްޓަރު ނަހުލާއަށް ޒިންމާދާރު ނަޒާހަތްތެރި އިސްވެރިޔަކު އައްޔަނުކުރުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ. އަދި ޓްރާންސްޕޯޓުގެ ޕާމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުމަށް މިނިސްޓަރު ނަހުލާއަށް ފެނިވަޑައިގަންނަވާ އެ މިނިސްޓްރީގެ އިސް އެހެން މުވައްޒަފެއްގެ ނަން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ ކޮމިޝަނަށް ފޮނުވުމަށް އެދިފައިވާކަމަށް ވެސް ވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ފީއެސްގެ މަގާމަށް ސާމި އަގީލް އައްޔަންކުރުމާ ގުޅޭ ގޮތުން ސިޓީއެއް ފޮނުވިކަން ސީއެސްސީން ވަނީ ކަށްވަރު ކޮށްދީފައެވެ. އެކަމަކު މުވައްޒަފަކާ ގުޅުން ހުރި ކަމަކަށް ވާތީ އެ ކޮމިޝަނުން އެކަމުގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.