އެގޮތުން ކާޑުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ހަނޑޫ ކިލޯއެއް މިހާރު ވިއްކޭނެ އެންމެ މަތީ އަގަކީ 4.80(ހަތަރު ރުފިޔާ އައްޑިހަ ލާރި) އަށެވެ. އަދި އާދައިގެ ހުދު ހަކުރު ކިލޯއެއް 4.82 (ހަތަރު ރުފިޔާ އައްޑިހަ ދެލާރި)އަށް ވިއްކަން ޖެހޭއިރު، އާދައިގެ ފުއް ކިލޯއެއް މިހާރު ވިއްކޭނެ އެންމެ މަތީ އަގަކީ 3.80 (ތިން ރުފިޔާ އައްޑިހަ ލާރި) އަށެވެ.
އެހެންނަމަވެސް، ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ހަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދުތަކެއް ހިމަނާފައިވެއެވެ.
އެގޮތުން މިކަމަށް ތިން ޒޯނެއްގައި ހިމެނޭ އަތޮޅުތަކަށް ކިލޯއަކަށް ޖެހޭނެ އަދަދުތަށް ވަނީ ކަނޑައަޅާފައެވެ. އެއީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން، ހއ، ހދ، އަދި ނ އަތޮޅުގެ ރަށްތަކުގައި ކިލޯއަކަށް ކާނޑުގެ ބާވަތްތައް ވިއްކޭނެ އެންމެ މަތީ އަގެއްގެ ގޮތުގައި ކަނޑައަޅާއި، ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދަކީ، 1.02(އެއް ރުފިޔާ ދެލާރި)އެވެ.
އަދި ޒޯން 2 ގެ އަތޮޅުތަކުގެ ތެރެއިން ގްރޭޓާ މާލޭ އޭރިޔާ ފިޔަވައި، ނ އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅާއި، ޅ. އަތޮޅާއި، ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި، މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅުގެ ރަށްތަކަށް ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދަކީ، ކިލޯއަކަށް 0.82 (އައްޑިހަ ދެލާރި) އެވެ.
އޭގެ އިތުރުން ޒޯން 3ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން، ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ޏ. އަތޮޅުގެ އިތުރުން ސ. އަތޮޅުގެ ރަށްތަކަށް ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދަކީ، ކިލޯއަކަށް 1.21 (އެއް ރުފިޔާ އެކާވީސް ލާރި) އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތެއް ގާނޫނު ނަންބަރު 12/2020(މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ 84ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއަގުތައް ކޮންޓްރޯލް ކޮށްފައިވަނީ، ގާނޫނު ނަންބަރު 1/96( މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) 28 ފެބްރުއަރީ 2021 ގައި އުވި، ގާނޫނު ނަންބަރު 12/2020(މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އަށް ޢަމަލުކުރަން ފަށާފައިވާތީ ކަމަށެވެ.