މަގާމުން އިސްތިއުފާ ދެއްވިކަން އިކްރާމް ވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިކްރާމް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ. އަދި އެއީ އަމިއްލަ ސަބަބަކާ ގުޅިގެން ކަމަށް ވެސް އިކްރާމް ހާމަކުރެއްވި އެވެ. އަދި އިސްތިއުފާ ދެއްވީ އޭނާއާ ގުޅިގެން ފެންމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ނޫންކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ، އެ މައްސަލަކުން އޭނާ ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމްގެ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ގެންދިޔައީ ބަލަމުންނެވެ. އެގޮތުން އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭސްއަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ދިޔައީ ބަލަމުންނެވެ.
އޭގެ ތެރެއިން ޖިންސީ ފުރައްސާރައިގެ މައްސަލާގައި އިކްރާމް ހުންނެވީ ސަސްޕެންޑް ވެސް ކޮށްފައެވެ. އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލާގައި ކޮމިޓީއަށް ހާޒިރުކުރުމުން އިކްރާމް ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމްކުރުމަށް ކުރިކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހަދާފައިވާ އިންޓާނަލް އޮޑިޓް ރިޕޯޓްގައި ހުރި ވާހަކަތައް ވެސް ކޮމިޓީގައި އިކްރާމް ދޮގުކުރެއްވިއެވެ.