ads
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ ---
ވައުދުތައް ނުފުއްދާ ދެވަނަ ދައުރަކާ މެދު ވިސްނަން ހެޔޮ ނުވާނެ: ރައީސް
ރައްޔިތުންނަށްވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ، އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަން ހެޔޮ ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިވަގުތު އިސްކަން ދޭނީ ރައީސް ކަމަށް އިންތިހާބު ވުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ވެރިކަމަށް އައިއްސަ އަނެއް ދުވަހު ކުރިއަށް އޮތް ދައުރުގައި ކުރިމަތިލާން ނިންމާފިއްޔަކާ ރައްޔިތުންނަކަށް ހިދުމަތެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަމަށް އައިސް، އަޅުގަނޑު މިކުރާ ކަމަކީ އަޅުގަނޑުވީ ވައުދުތައް ރައްޔިތުންނަށް ފުއްދޭތޯބެލުން. އެހެންނެއްނޫން، ދެން އޮތް އިންތިހާބަކަށް ކުރިމަތިލާން ނިންމައިފިއްޔާ އަޅުގަނޑު ހިންގާ ކޮންމެ މަޝްރޫއެއް ހިންގާނީ އަޅުގަނޑަށް ތާއީދު ބޮޑުވާނީ ކޮން ގޮތަކަށްތޯބަލައިގެން" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެ ކަހަލަ، ގިނަ މަޝްރޫއުތަކެއް ހިންގަން އޮންނަ، ތަރައްގީވަމުން އަންނަ ގައުމެއްގައި ލޯންގް ޓާމް ޕްލޭނެއް ހިންގުމަށް ރަނގަޅު ގައުމީސިޔާސަތެއް ނެތިއްޖެ ނަމަ ފަސް އަހަރަކީ ވެރިކަމަށް އެހާރަނގަޅު މުއްދަތެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އެއް ސިޔާސަތަކުން އަނެއް ސިޔާސަތަކަށް ބަދަލުވާ ކަމަށް ވާނަމަ، ދައުލަތަށް ބޮޑެތި ގެއްލުން ވާކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން މަސައްކަތް ކުރީ ލާމަރުކަޒީ ނިޒާމާއިދިކޮޅަށް ކަމަށާއި، ނަމަވެސް މި ސަރުކާރު އައިސްއަލުން ލާމަރުކަޒީ ކުރުމުގެ މަސައްކަތް ފަށަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތެއް ނަމަވެސް، އެމަސައްކަތް ހުއްޓާލާ، މަރުކަޒީ ނިޒާމަށް މަސައްކަތް ކުރީ، ކުރީ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެން ގަބޫލުކުރާ ތަރައްގީގެ ސިޔާސަތެއް ނެތިއްޖެ ހާލަތެއްގައި، ފަސް އަހަރުން ފަސް އަހަރުން ވެރިކަން ބަދަލު ކުރާ ނަމަ، ބޮޑެތި ގެއްލުން ތަކާކުރިމަތިވާކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ބަލާއިރު ވެރިކަން ކުރުމަށް ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ފަސް އަހަރަށް ވުރެ ކުރު މުއްދަތަކަށް ވެރިކަން ކުރަން ހޮވިމަކީވެސް ގަބޫލުކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަން ވާނީ އެންމެން ގަބޫލުކުރާ ތަރައްގީގެ ސިޔާސަތެއް އޮވެގެން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އެހެން ނުކުރެވިއްޖެ ނަމަ ގައުމަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށާއި، މިހާރުވެސް ފެންނަނީ އެ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް