
ކޮވިޑް-19 އާ ގުޅިގެން ސީޝެލްސް ފަތުރުވެރިންނަށް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން، އެ ގައުމު، ފަތުރުވެރިންނަށް ހުޅުވާލަނީ ކަރަންޓީނުވާން ނުޖެހޭ ގޮތަށެވެ. އަދި ވެކްސިން ޖަހާފައިވާ ފަތުރުވެރިންނަށް ވުން ކޮންމެހެން ލާޒިމެއް ވެސް ނޫނެވެ.
އެކަމަކު އެ ގައުމަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަތުގައި 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެ އެވެ.
އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ފަތުރުވެރިންނަށް ގައުމު ހުޅުވާލަން ނިންމާފައި މިވަނީ އެގައުމުގެ ވެކްސިން ޕްރޮގްރާމު ވެސް ކާމިޔާބު ކަމާއެކު ކުރިއަށްދާތީ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެގައުމުގެ ރައީސް ވަނީ އާބާދީގައި ގާތްގަނޑަކަށް އެއްލައްކައެއްހާ މީހުން ދިރިއުޅޭ ސީޝެލްސްގެ އާބާދީގެ 70 އިންސައްތައަށް މިމަހުގެ މެދު ތެރޭގައި ވެކްސިންދީ ނިމޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ސީޝެލްސްގެ އިގްތިސޯދު ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް އަޑި އަޅާލާފަ އެވެ.
އެގައުމު ފަތުރުވެރިންނަށް ހުޅުވާލަން ނިންމާފައިވާއިރު ފަތުރުވެރިންނަށް އެގައުމުން ނުދެވޭނެ ސަރަހައްދެއް ނޯންނާނެ އެވެ. އެހެންނަމަވެސް ގައިދުރުކަމާއި މާސްކް އެޅުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭއިރު އެގައުމަށް މިހާރު އޮތް ގޮތުން އެތެރެ ނުވެވޭނީ ސައުތު އެފްރިކާގެ ފަތުރުވެރިންނަށް އެކަންޏެވެ.
ސީޝެލްސް އިން މިހާތަނަށް 3000 އެއްހާ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެގައުމުން 15 މީހަކު ބަލީގައި މަރުވެފައިވެ އެވެ.
ސީޝެލްސް ފަތުރުވެރިންނަށް ހުޅުވާލަން ތައްޔާރުވަމުން އަންނައިރު އެގައުމުން ވެސް މި ފިޔަވަޅު ނަގަމުންދަނީ ރާއްޖެއިން ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފެށި ގޮތަށް އިގްތިސޯދު ކޮޅަށް ޖެހުމަށެވެ. ޖުލައި މަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލީ ނެގެޓިވް ކޮވިޑް ޓެސްޓެއް ވެސް ނެތި ރާއްޖެއަށް އާދެވޭ ގޮތަށެވެ. އެހެންނަމަވެސް ސެޕްޓެމްބަރުގައި ނެގެޓިވް ނަތީޖާއެއް އޮތުން މަޖުބޫރު ކުރި ނަމަވެސް 14 ދުވަހުގެ ކަރަންޓީނެއް ވާކަށް ނުޖެހެ އެވެ. އެހެންނަމަވެސް ބައެއް ގައުމުތަށް ފަތުރުވެރިކަމަށް ހުޅުވާލިއިރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.
ރާއްޖެއިން ލުއި ފިޔަވަޅުތަކަކާއެކު ފަތުރުވެރިކަން ފެށުމުގެ ނަތީޖާއަކީ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރާތްކުރަމުން ދިއުމެވެ.