ads
ރައީސް ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
ކުރީގެ ރައީސް ޔާމީން ގެޔަށް ބަދަލުކުރަނީ!؟
އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެޔަށް ބަދަލުކުރުމަށް "ރިކުއެސްޓެއް" ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން މީޑިއާ ކޯޑިނޭޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށް ރިކުއެސްޓެއް ލިބިފައިވާ ކަމަށާއި އެކަން މިހާރު ދަނީ ބަލަމުންކަމަށެވެ. 

ރާއީސް ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ ރައީސް ޔާމީންގެ އެދިލެއްވުމަކަށް ގާނޫނީ ވަކީލުންގެ ޓީމުންނެވެ. ވަކީލުންގެ ޓީމުގެ ފަރާތުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ސީއެންއެމްއަށް ވިދާޅުވީ، އެގޮތައް އެތަށްފަހަރަކު  "ރިކުއެސްޓް"  ކޮށްފައިވާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. އަދި މިފަހުން އަނެއްކާ ރައީސް ޔާމީން ގެޔަށް ފޮނުވައިދިނުމަށް އެދިފައިވާނީ ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރެއްވިއިރު، ރައީސް ޔާމީން ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ ބަލާނެ ކަމަށް ބުނެފައިވާތީ ކަމަށް ޖަމީލް ވިދާޅުވިއެވެ.

" މާ ކުރިންސުރެވެސް ޑޮކްޓަރުން އެބައޮތް ލަފާދެއްވާފަ ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭނެ ކަމަށް އެހެންވީމަ ރިކުއެސްޓް ކޮށްފަވާނީ. މީގެ ކުރީގައިވެސް އެދުނިން. އެހެންނަމަވެސް އެކަމަށް ޖަވާބެއްދެއްވާފައެއް ނުވޭ. އެކަމަށް އަޅާލާފައެއް ނުވޭ. ރައީސް ތަކުރާރުކޮށް ރައީސް އިބޫއަށް ވަރަށް ގިނަ ސިޓީތަކެއް ފޮނުއްވިން. އަދި އެއާ ގުޅޭ ޑޮކްޓަރުންގެ ލިޔުންތަކާއިއެކީގަ ފޮނުވީ. އެހެންނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވާ. ރައީސް އިބޫ ވިދާޅުވެފައިވަނީ ޑޮކްޓަރެއްގެ ލަފާ އޮތީއްޔާ އެކަން ކޮށްދެއްވާނަމޭ . އެއީ އަދީބުވެސް ގެޔަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރަކު ވިދާޅުވެފަ ވަނީއްޔޯ ނިދާ މެޝިނެއްގައޭ ނިދޭނީ. " ޑރ. ޖަމީލް ވިދާޅުވިއެވެ

ޑރ. ޖަމީލު ވިދާޅުވީ، ނޫސްވެރިން އެކަމުގައި ސުވާލުކުރެއްވުމުން ރައީސް ޔާމީން ވެސް އެގޮތަށް ހުށަހަޅައިފިނަމަ ހުއްދަދެއްވާނެ ކަމަށް ވިދާޅުވުމުން އަލުން އެދިފައިވާނެ ކަމަށާއި ނަމަވެސް އެޔަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ. 

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ، އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތު ތެރެއިން ކަމަށާއި، ނަމަވެސް ރައީސް ޔާމީނަށް ޑޮކްޓަރުން އެފަދަ ލިޔުމެއް ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން މިނިސްޓަރު އިމްރާން ވެސް ވަނީ، ރައީސް ޔާމީންގެ ބަލި ހާލަތާއި ގުޅިގެން ޑޮކްޓަރުން ލިޔުމެއް ދީފައިވާއިރު، އޭގައި ވަނީ ރާއްޖޭގައި ވަކި ޓެސްޓެއް ހެދެން ނެތުމުން އެ ޓެސްޓް ހެދުމަށާއި، ސްޓްރެސް ފްރީ މާހައުލެއްގައި އެމަނިކުފާނު ބެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޑޮކްޓަރުންގެ ލިޔުންތަކާއި ގުޅިގެން މި ރީޖަންގެ ތެރެއިން ޓެސްޓް ހެދުމަށް ދާން ބޭނުންވަނީ ކޮން ގައުމަކަށްތޯ ސުވާލުކުރުމުން ވެސް ރައީސް ޔާމީން އެދިލެއްވީ ގެއަށް ބަދަލުކުރުމަށް ކަމަށްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވެފައި ވަނީ ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރެވޭނީ ލިޔެކިޔުމުގެ ފުރަތަމަ ބައިކަމުގައިވާ ޓެސްޓްތައް ހެދުމުންކަމަށް ރައީސް ޔާމީނަށް އެންގެވި ކަމަށެވެ.

ނަމަވެސް ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީން ބޭނުންވަނީ ގައުމުން ބޭރަށް ދާން ނޫންކަމަށާއި ސްޓްރެސް ފްރީމާހައުލެއްގައި ހުރުމަށް ބޭނުންވަނީ ގެޔަށް ދިޔުމަށް ކަމަށެވެ. އަދި އެކަމަށް ޑޮކްޓަރުން ދީފައިވާ ލިޔެކިޔުންތަށްވެސް އެތަށްފަހަރަކު ހުށަހެޅި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

24%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް