ads
އައިޖީއެމްއެޗް
ބަނޑަށް 22 ހަފްތާ ނުވާނަމަ ބަލާނީ ދަރިފުޅު ބައިގެންދިޔަ ކަމަށް: އައިޖީއެމްއެޗް
މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފިނަމަ އެހާލަތުގައި ހޮސްޕިޓަލުން ބަލާނީ ދަރިފުޅު ބައިގެން ދިޔައީ ކަމަށް ކަމުގައި އައިޖީއެމްއެޗް އިން ބުނެފިއެވެ.
Advertisement

އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ ބަނޑަށް ފަސް މަހުގައި ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދިޔުމުން ދެ ދުވަސް ވަންދެން އެޑްމިޓްކޮށްފައި ދުވަސްނުފުރާ އަންހެން މިހާ ވިހެމާއި ހަމައަށް އަދި ދަރިފުޅަށް ދޭންވާ ސިއްހީ ފަރުވާ ނުދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އާންމު ކުރި ނޫސްބަޔާނެއްގަ އެވެ.

އެގޮތުން މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިޔުމަށް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ. 

"މިގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިއާޔަތް ކުރާއިރު މި ހޮސްޕިޓަލުގައި ބައިގެންދިއުން ނުވަތަ ސްޕޮންޓޭނިއަސް އެބޯޝަންއެއް ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފިނަމަ" އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮންމެ ފުރާނައަކީވެސް އަގު ހުރި ފުރާނައެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ސިއްހީ ފަރުވާއަކީ އިލާހީ ގާނޫނު ތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ އެކި ހޯދުންތަކާއި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މިހާލަތުގައި، މި ކަންކަމަށް ރިއާޔަތްކޮށް، ފުރާނައެއް ސަލާމަތް ކުރުމަށް ދެވޭނެ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ. 

"ބަނޑަށް 32 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާއިން ފެށިގެން ވެސް ކުއްޖާގެ ވިންދު ހުންނާނެ. ކުއްޖާގެ ވިންދު ހުރިނަމަ ވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެއެވެ." އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އިންސާނަކު ދުނިޔޭގައި ހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައް، ފުރާނަ ދެމެހެއްޓޭނެ ވަރަށް  މި އުމުރުގައި ތަރައްގީ ނުވާނެކަންވެސް އައިޖީއެމްއެޗް އިން ފާހަގަ ކޮށްފައިވެއެވެ. އަ ސިއްހީ ގޮތުން ރިއާޔަތް ކުރަންޖެހޭ ބައެއް ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، މި އުމުރުގައި ވިހާ ކުއްޖެއްގެ/ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ. 

ސިއްހީ ބަހުން ބުނާނަމަ އެއީ "ވަޔަބަލް ޕީޓަސް" އެއް ނޫން ކަމަށާއި، މިފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި މިފަދަ މަންޒަރަކީ އާއިލާއަށާއި އެހެނިހެން ފަރާތްތަކަށްވެސް ތަހައްމަލު ކުރަން ދަތި މަންޒަރެއްކަން ގަބޫލުކުރާ ކަމަށް ބުނެފައި ވެއެވެ. 

ސިއްހީ ގޮތުން އާއްމު މައުލޫމަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ މި މައުލޫމާތުތަކަކީ ހޮސްޕިޓަލުގެ ފަރާތުން ރައްޔިތުންނާއި ހިއްސާ ކުރެވުނު މައުލޫމާތު ތަކެއް ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ. އެހެން ނަމަވެސް ވަކި ބަލިމީހެއްގެ ވަކި ކޭސް އަކާއި މައުލޫމާތު ހިއްސާކުރުމަކީ ކަމާބެހޭ ގާނޫނީ އުސޫލުތަކުގެ ދަށުން އާއްމުންނަށް ނުވަތަ ތިންވަނަ ފަރާތަކަށް ހާމަކުރުން މަނާ މައުލޫމާތު ތަކެއް ކަމުން ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ މައުލޫމާތާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވޭކަށް ނެތް ކަމަށް މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. 

އައިޖީއެމްއެޗް އިން ވަނީ ބަލިމީހާގެ ހާލަތާއި، ބަލިމީހާއަށް ކުރިމަތި ވެދާނެ ކަންތައްތައް އަދި އެކަމަކަށް އެއްވެސް ފަރުވާއެއް ދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަންކަމާ ގުޅިގެން ސީދާ ބަލިމީހާއަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ތަފްސީލުކޮށް ކިޔައިދޭ ކަމަށް ބުނެފައެވެ. އަދި ބަލިމީހާގެ އިތުރުން ބަލިމީހާގެ ބެލެނިވެރިޔާއަށް ހުރިހައި މައުލޫމާތެއް ކިޔައިދޭ ފަހުން ހޮސްޕިޓަލަށް އަންނަ އާއިލާގެ އެހެނިހެން މެމްބަރުންނަށް މި ހުރިހާ މައުލޫމާތެއް ހޮސްޕިޓަލުގެ ފަރާތުން ކިޔާދިނުމަކީ ސިއްހީ ގޮތުން އަމަލުކުރާ މިންގަނޑުތަކާއި، އެކަށީގެންވާ ހަމަތަކުގެ މަތިން އަމަލީގޮތުން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ އަންހެން މީހާ އަދި ކުއްޖާގެ ކަންކަމުގައި އުޅުނު ޑޮކްޓަރުންނާއި ނަރުހުންގެ ފޮޓޯ ނަގާ، އާންމު ކޮށްފައިވުމާއި ގުޅިގެން އެކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ދެކޭގޮތް މި ބަޔާނުގައި އާންމު ކޮށްފައިވެއެވެ.  

އެގޮތުން ގަވާއިދާ ހިލާފަށް ހޮސްޕިޓަލު ތެރެއަށް ވަދެ، ހިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށާއި އެހެނިހެން މުވައްޒަފުންނަށް ބިރު ދައްކާ، މުވައްޒަފުންގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރުމަކީ އެކަމާ ގުޅިގެން ހޮސްޕިޓަލުން ހިތާމަ ކުރާ ކަމެއް ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް އައިޖީއެމްއެޗުން އެދިފައި ވެއެވެ. 

މީގެ އިތުރުން ސްޕޮންޓޭނިއަސް އެބޯޝަންތަކާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމަށްފަހު ދަރިފުޅު ނުވަތަ މައިމީހާ ނިޔާވާ ކޮންމެ މައްސަލައަކީވެސް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާ މައްސަލައެއް ކަމަށާއި، ކުރިއަށް އޮތްތާގައި އިސްލާހު ކުރެވިދާނެ އެއްވެސް ކަމެއް އޮތްތޯ ބަލާނެ ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ. 

މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް މީގެ ކުރިން އައިޖީއެމްއެޗް އިން ބުނެފައިވެއެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް