ads
ވާހަކަ: ދިން އުފާ ލޯބިން
(23 ވަނަބައި)
(23 ވަނަބައި)

ޑޮކްޓަރާއި ދިމާއަށް ބަލައިލުމަށްފަހު މުސްކާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ދިވެއްސެކޭ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ ބުނާނެ އެއްޗެއްވެސް ނޭގުނެވެ. މުސްކާން ހާސްވެ، ސިކުނޑިއަށް ބަރުވެއްޖެއެވެ.
ކުރިއަށްވުރެން ބޮޑަށް އެނދާއި ގާތަށް ޖެހިލައިފިއެވެ. ބުނިއެއްޗެއް ޔަގީންނުވުމުން މުސްކާން، ފާތިމާއާއި ގާތްވެލާފައި ގުދުވެލިއެވެ.

"ކީކޭ؟ ކީކޭ ތިބުނީ؟ ތިއީ ދިވެއްސެއްތަ؟" ވަރަށް މަޑުމަޑުން މުސްކާން ސުވާލުކޮށްލިއެވެ. ނިއްކުރީގައި މަޑުމަޑުން ފިރުމާލާފައެވެ.
މިފަހަރު ޖަވާބު ލިބުނީ ބޮލުގެ އިޝާރާތުންނެވެ. ދެލޯ މަރައިގެން އޮވެ، އިތުރަށް އެސްފިޔަތައް ފިއްތާ ބާރުކޮށްލަމުން މަޑުމަޑުން ބޯ ތަޅުވާލީ ފާތިމާ އާއެކޭ ބުނުމުގެ ގޮތުންނެވެ.
މުސްކާން ﷲއަށް ހަމްދުކުރިއެވެ. ފާތިމާއަށް އަޑުއިވޭ ވަރަށެވެ.

ދެލޯމަރައިގެން އޮތަތީވެ، ފާތިމާގެ ލޮލެއް މިފަހަރުވެސް މުސްކާންއަށް ނުފެނުނެވެ. ނަމަވެސް ދެލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނައިގެ ކޯރު ރަޙްމެއްނެތި ބާލީހުގެ ތެރޭގައި ފޮރުވެމުންދިޔަ މަންޒަރު ފެނުނެވެ. ޑޮކްޓަރ، މުސްކާންއަށް އިރުޝާދުދެއްވީ، ފާތިމާ ބޭނުންނަމަ، އޭނާ ބޭނުންކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް މަޖުބޫރުން އެއްވެސް ސުވާލެއްގެ ޖަވާބު ހޯދުމަށް މިވަގުތު މަސައްކަތް ނުކުރުމަށެވެ. އައިވީ ގުޅާފައިވާ އަތުގައި މުސްކާން ފިރުމާލިއެވެ.

"މުސްކާން..! ވަރަށް ރީތި ނަމެއް" ހުވަފެނީ ގޮތަކަށް ފާތިމާ ބުނެލިއެވެ. ވާހަކަދެއްކީ އުނދަގުލުންނެވެ. ނަމަވެސް އަކުރުތައް ބޭނުންކުރީ ސާފުވާ ގޮތަށެވެ.
ހަގީގަތުގައިވެސް މުސްކާން ވަރަށް އުފާވެއްޖެކަން އެނގުނީ މޫނުމަތީގެ އުޖާލާކަން ފެނިލިގޮތުންނެވެ. ނިދިނުލިބި ވަރުބަލިވެފައިވާ ދެލޯވެސް ތާޒާކަމުގެ އިޙްސާސްކޮށްލައިފިއެވެ.


"އަހަރެންގެ ނަން އެންމެ ރީތިވާނީ އަހަރެންގެ ބައްޕައަށް.. މުސްކާންއަށް ބައްޕަ ގޮވާލާ ލޯބިގޮތް އަބަދުވެސް ސިކުނޑީގައި ހުރޭ" ފަޚުރުވެރިވެލާފައި މުސްކާން ބައްޕަގެ ހަނދާން އާކޮށްލިއެވެ.
"ކިހިނެއް އަހަރެންގެ ނަން އެނގުނީ..؟ މާފަހުން ދޯ ސުވާލުވެސް މިކުރެވުނީ! އޯއއ.. މިތަނުގައި މާ އަޑުގަދަ ކޮށްލައިގެން ބަޔަކު އުޅުނުއިރު ދޯ!" ހީނލާފައި މުސްކާން ވާހަކަދެއްކިއެވެ. ފާތިމާ ގަދަ ނިދީގައި އޮތްކަމަށް އެހެންމީހުންނަށް ހީވިޔަސް، އޭނާގެ ސިކުނޑިވަނީ ހޭލައެވެ. މުސްކާންއާއި ޑޮކްޓަރ އަދި ނަރުހުން އެތަނުގައި ދެއްކި ވާހަކަތައް ފާތިމާއަށް އެނގެއެވެ. ހުރިހާ ކަމަކަށްވުރެން ފާތިމާއަށް މުހިއްމުވީ މުސްކާންގެ ނަމެވެ.

ކުއްލިޔަކަށް ހަނދާންވެގެން އެއްޗެއް ހޯދާކަހަލަގޮތަކަށް ކޮޓަރީގެ އެތަންމިތަން ހޯދަންފެށިއެވެ. ދެން ފެނުނީ، އެކޮޓަރީގައި މުސްކާން ނިދަން އޮތް އެނދުމަތީގައި ބައްވާފައި އޮތް ފޯނެވެ.

***
ހޮޓާ ކުރިމަތީގައި ހުރި ފިހާރައިން ބައެއް ސާމާނު ގަނެގެންއައިސް ދެމީހުން އެކުގައި ކައިގެން، މުރުޝިދާ އެހުރީ އަތް ދޮންނާށެވެ. މިއަދު ޒަމީލުއަށްވެސް މުރުޝިދާ ހިތްރުހޭ ގޮތަކަށް ހަމައެއްކަމެއްވެސް ނުކުރެވެއެވެ.

"އަހަންނަކަށް ފަސޭހައެއްނޫން، ހޮސްޕިޓަލަށްގޮސް، އެތަނުގައި އިންނާކަށް.. ޒަމީލު ބަލިވަނީވެސް އެތަނުގައި އުޅެންޖެހޭތީ" ހައެއްކަ ކިނބިހި ފަތިފައްޗަށް އަމުނާލުމުން، މުރުޝިދާ އެއިނީ ހިތްހަމަ ނުޖެހިފައެވެ. ރޭގައި ހޮސްޕިޓަލުން އައީއްސުރެން ޒަމީލް ކިނބިހި އަޅަނީއެވެ. ސިޓްރިޒެން ގުޅައެއްވެސް ކައިފިއެވެ. ނަމަވެސް ލުޔެއް ނުލިބުނެވެ.

"އަހަރުމެން މިތަނަށްއައީ އެމަންޖެ ބަލަން! އެމަންޖެ ހިތްހަމަޖައްސައިދޭން.. ދެން ތިގޮތަށް ވާހަކަދެއްކީމައި ކަންކަން ރަގަޅެއް ނުވާނެ" ޒަމީލްގެ ޚިޔާލު ފާޅުކުރިއެވެ.

"މުސްކާން ކުރަން އައި ކަންކަމެއްނޫން އެކުރަނީ.. އަހަރެން ހިތައްއަރާ، ކީއްވެފައި ހުންނަ ދަރިއެއްބާއޭ އެއީ.. ކެއުމެއް، ނިދުމެއް ބޭނުންވާ ދަރިއެއްވެސް ނޫން އެއީ" މުރުޝިދާހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ހިނިއައިސްފައި ޒަމީލް އިނީ މުރުޝިދާގެ މޫނަށް ބަލާށެވެ.

"ރުޅިއައީމައި މަގޭ މުރުޝިދާ އަދިވެސް ހާދަހައި ލޯތްބޭ" ލާނެއް ގޮތަކަށް ހިނިއައިސްފައި ޒަމީލް ބުނެލިއެވެ. ފިރިމީހާގެ ލޯބި ސަމާސާގެ ސަބަބުން މުރުޝިދާއަށްވެސް ހިނިގަނޑު ނުހިފެހެއްޓުނެވެ.

***
ފާތިމާ، އިތުރު ވާހަކައެއް ދައްކާތޯ މުސްކާން މަޑުކޮށްލިއެވެ. ނަމަވެސް މުސްކާންގެ ނަން ދެފަހަރެއްގެ މަތީން، ބޭނުންކޮށްލުންފިޔަވާ އިތުރު ވާހަކައެއް ނުދެއްކިއެވެ. އެހެނެއްކަމަކު މުސްކާންގެ އަނގަ ހުއްޓާނުލައެވެ.

"މިހާރު މިއުޅެނީ ބައްޕައަށް ގުޅާލަން.. އެއީ މުސްކާންގެ ހުރިހާވެސް މީހަކީ.. ހުރިހައި އުފަލަކާއި ހިތާމައެއް އަދި އެނޫން ކަމެއްވިޔަސް، މުސްކާން އެންމެ ފުރަތަމަ ހިއްސާކުރާނީ ބައްޕަޔާ.. ވަރަށް އުފާވާނެ ފާތިމާ ވާހަކަދައްކަން ފެށިވާހަކަ ބުނީމައި.. އެހެންވެ މިގުޅާލީ ބައްޕައަށް" ވީޑިއޯ ކޯލުން މުސްކާން ޔަނާލްއަށް ގުޅާލިއެވެ. ބައްދަލުވުމަކަށްދިއުމަށް ޔަނާލް ވަރަށް އަވަދިނެތި އުޅުނު ވަގުތެކެވެ. ނަމަވެސް މުސްކާންގެ ކޯލެއް ނުނަގާ ހިތްހަމަނުޖެހޭތީ އެކޯލަށް ޖަވާބުދޭން ބޭނުންވީއެވެ.

ލިބުނު އުފާވެރި ޚަބަރު ބައްޕައަށް ދީފިއެވެ. ފާތިމާ ވާހަކަދައްކާންފެށި އުފާވެރިކަމެވެ. އަދި ދިވެއްސަކަށްވީތީ މުސްކާންއަށް ލިބުނު ހިތްހަމަޖެހުމުގެ ފަޚްރުވެރިކަމެވެ. މަސައްކަތައް ސަމާލުކަންދެމުން، މުސްކާންއާއި ވާހަކަދައްކަމުން، ޔަނާލް އުޅުނީ ވަރަށް އަވަދިނެތިއެވެ.

"ބައްޕާ.. ފާތިމާ ދައްކާލަންތަ؟" މުސްކާން ކޮށްލީ ސުވާލެކެވެ. ޔަނާލް އެނބުރުންއެރީ ހަމައެވަގުތުއެވެ. ނިދި މަދުވެފައިވުމުން، މާބޮޑަށް ބޮލުގައި ރިއްސަނީއެވެ. ނަމަވެސް އާއެކޭ ބުނެލިއެވެ. ވަރަށް އުފަލުން މުސްކާން ފޯނުން، ފާތިމާ ދައްކައިލިއެވެ. އެވަގުތަކީ ޔަނާލްގެ ސެކްރެޓަރީ ކެބިންއަށް ވަންވަގުތެވެ. ހަގީގަތުގައި ޔަނާލް ފޯނު ދުރައްޖައްސާލިކަން މުސްކާންއަށް އެނގުނުނަމަ، އިތުރަށް އެތައްފަހަރަކު ޔަނާލްއަށް ފާތިމާ ދެއްކީހެވެ. ނަމަވެސް މިފަހަރު ވީނުވީއެއް މުސްކާންއަށް ނޭގުނީއެވެ. އެވަގުތު ފޯނުން ދެއްކި މީހެއް ޔަނާލްއަކަށް ނުފެނެއެވެ.

"ބައްޕަގެ ދަރިފުޅުގެ ހިއްވަރާއި ބުރަ މަސައްކަތައް، ވަރަށް ބޮޑަށް ފަޚްރުވެރިވަން.. ވެލް ޑަން، ސްވީޓްހާޓް!" ޔަނާލް ބުނެލިއެވެ.
"ފާތިމާ ވަރަށް ލޯބި ދޯ މިހާރު" މުސްކާން ބުނެލިއެވެ. ހަގީގަތުގައިވެސް ފާތިމާއަށްޓަކައި މުސްކާންގެ ހިތުގައި ވަރަށް ބޮޑު ގަދަރެއް އުފެދިއްޖެއެވެ.

"ބައްޕައަށް އެންމެ ރީތިވާނީ ބައްޕަގެ ޕްރިންސެސް މުސްކާން.. ފާތިމާއެއް ނޫންދޯ.. ބޮލުގައި ރިހެމުންދިޔަ ދިޔުން ސިއްރުކުރާން މަސައްކަތްކުރަމުން، މުސްކާން އުފާކޮށްލުމަށް ޔަނާލް ސަމާސާކޮށްލިއެވެ.

"ބައްޕަ ބަލީތަ؟" ޔަނާލްގެ ބޮލުގެ ރިހުން، މުސްކާންއަށް ސިއްރެއް ނުކުރެވުނެވެ.
"ބަލިވާނެނުން.. ބައްޕަގެ ފުރާނައާއިވަކީން މިހެން އުޅެންޖެހުނީމައި ހުރިހައި ގޮތެއްވެސް ވާނެ.. ބައްޕަގެ ޕްރިންސެސް މިސްވެގެން ބޮލުގައިވެސް ރިއްސަނީ" ބައްޕަގެ ކޮންމެ ޖުމުލައެއް މުސްކާންއަށް މުހިއްމެވެ.
މާގިނައިރު ވާހަކަދައްކާން ތިބެވޭގޮތެއް ނުވިއެވެ. ޔަނާލްގެ މީޓިންގ ގަޑިޖެހޭތީ ވަކިވެލާންޖެހުނީއެވެ.

"އެއީ އަހަރެންގެ ބައްޕަ.. ވަރަށް ހިއްވަރުގަދަ ބައްޕައެއް އެއީ.. ދެން އަހަރެންގެ ހުންނާނީ މާމައާއި ކާފަ، އެއީ އަހަރެންގެ ދުނިޔެއަކީ" މުސްކާން މަސައްކަތްކުރީ ފާތިމާއާއި ރަހްމަތްތެރިކަން އުފެއްދޭތޯއެވެ. މަންމައެއްގެ ނަމެއް ނުވަތަ އެކަމާއި ގުޅުންހުރި އެއްޗެއްވެސް މުސްކާން ބުނެނުލައެވެ.

"މުސްކާން.." މިފަހަރުވެސް ފާތިމާ ގޮވާލީ މުސްކާންގެ ނަމުންނެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.

"ވަރަށް އުފާވެއްޖެ.. ވަރަށް ވަރަށް އުފާވެއްޖެ.. އަހަރެން ކުޑަކޮށްވެސް ހިޔެއް ނުކުރަން މިފަދަ ގޮތަކަށް ދިވެއްސަކާ ދިމާވެ، އެހީތެރިވުމުގެ ޝަރަފެއް ދުވަހަކުވެސް ލިބިދާނެކަމަކަށް" ވަރަށް އުފާވެއްޖެކަމަށް މުސްކާން ބުނެލީ ހިނިތުންވާން މަސައްކަތްކުރަމުންނެވެ. ނަމަވެސް އަޑު ތުރުތުރު އަޅައެވެ. ވާނީވެސް އެހެންނެވެ. ފަހުނޭވާލެވެނީކަމަށް ހީކުރެވުނު ފާތިމާގެ ޙާލު މިވަގުތު ރަގަޅެވެ.

"އިންޝާﷲ ހުރިހައި ކަމެއްވެސް މަޑުމަޑުން ރަގަޅުވާނެ.." ކުރަންބޭނުން ކިތަންމެ ސުވާލެއް އެބަހުއްޓެވެ. ނަމަވެސް ބަލިމީހާއަށް ލިބިދާނެ ގޯނާއަކަށް މުސްކާން ޖެހިލުންވަނީއެވެ.

"މުސްކާން" މުސްކާންގެ ނަން ފާތިމާ ކިޔާލަނީ ހާދަހައިވާ ލޯބިންނެވެ.

"އަހަރެންގެ ނަމާއި، ފާތިމާއާއި އެއްވެސް ކަހަލަ ގުޅުމެއް އޮތީތަ؟" ވަރަށް އާދައިގެ ގޮތަކަށް މުސްކާން ސުވާލުކޮށްލިއެވެ. އާދަޔާޚިލާފު ރާގެއްގައި ހިތް ތެޅިލީ ކީއްވެކަމެއް މުސްކާންއަށް ނޭގުނެވެ. ނަމަވެސް ސުވާލަކީ މުސްކާންގެ ނަން ފާތިމާއަށް އެހައި މުހިއްމުވީ ކީއްވެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ދެލޯމަރައި ތަގުޅިކޮށްލީ ކީއްވެ ހެއްޔެވެ؟ މުސްކާންގެ ލޮލަށް ފާތިމާ ނުބަލަނީ ކީއްވެ ހެއްޔެވެ؟

"ވަރަށް ރީތި ނަމެއްދޯ!" މުސްކާން މަސައްކަތްކުރީ ފާތިމާގެ އިތުރު ވާހަކަތައް އަޑުއިވޭތޯއެވެ.

"ޝިފާ މަރުކަޒަށް ފާތިމާއައީ ކިހިނެއް؟" ވަރަށް ޖެހިލުންވެހުރެވެސް މުސްކާން ސުވާލުކޮށްލިއެވެ.
"އެއީ އަހަރެންގެ ތަޤްދީރު!" މަޑުމަޑުން އޭނާ ބުނެލިއެވެ.

ލޮލުގެ ހޫނުކަރުނައަށް ނިމުމެއް ނައެވެ. ދެފަހަރަކު މުސްކާން، ފާތިމާގެ ކަރުނަ ފޮހެލައިދީފިއެވެ. ނަމަވެސް ގިސްލުމުގެ އަޑެއް ނުއިއްވާ، އޭނާގެ ހިތާއި ސިކުނޑިން ރޮނީއެވެ. ލޮލުގެ އާތްވަށް ކެތްނުވުމުން އެސްފިޔަތައް ފޫއަޅުވާލަނީއެވެ. އެއީ ވޭނީ މަންޒަރެކެވެ. ޔަގީނެވެ. އެއީވެސް ކޮންމެވެސް މީހެއްގެ ދަރިއެކެވެ. އޭނާގެ އެހީތެރިން ކޮބައި ހެއްޔެވެ؟ އިންޑިއާގައި އެހައި ހާލުގައި ޖެހިފައި އެއިނީ ކީއްވެ ހެއްޔެވެ؟ ކިހައި ދުވަހެއް ވެއްޖެހެއްޔެވެ؟ އެއަނީޔާ ދިނީ ކާކު؟ ކީއްވެގެން ހެއްޔެވެ؟ އެއީ މުސްކާންގެ ހިތުގެ އަޑެވެ! އެއަޑުތައް ދުލުން ބޭރެއް ނުވިއެވެ. ކެތްތެރިކަމެއްނެތި މުސްކާންއަށް އިންތިޒާރު ކުރެވެނީ އެތައް ސުވާލެއްގެ ޖަވާބަށެވެ. ވަރަށް ހިއްވަރުކޮށްފައި މުސްކާން ވާހަކަދެއްކިއެވެ.


"ކޮންއިރަކު ކޮޗިންއަށް އައީ؟ ބޭސްކުރަންތަ އައީ؟" ފަހަރަކު ސުވާލެއްކުރާނަމޭ ހިތުގައި އޮތަސް، އެއްފަހަރާ ދެސުވާލު މުސްކާންގެ ދުލުން ބޭރުވީއެވެ.

"ނޭންގެ!" މުސްކާން އުއްމީދުކުރި ޖަވާބަކީވެސް އެއީއެވެ. ހަގީގަތުގައިވެސް އެއްޗެއް ނުވަތަ ކަމެއް އިނގޭވަރަށްވުރެން ފާތިމާގެ ހާލު މާދެރައެވެ. ވަރަށް ބޮޑަށް ރޮވިއްޖެއެވެ. ސުވާލު ކުރެވުނީތީވެސް މުސްކާން ހިތުގައި ޖެހިއްޖެއެވެ.

***
"އެމަންޖެ ހުންނާނީ އެކަށްޗެއްވެސް ނުކައި.. ހިނގާބަލަ އަވަސްކޮށްގެން ދާން" ޒަމީލް ތައްޔާރުވީ ހޮސްޕިޓަލަސް ދާށެވެ. މުރުޝިދާ އެއިނީ އަދިވެސް ގޮތެއް ނުނިންމިފައެވެ. މުސްކާން އެތަނުން ނުގެނެވިގެން މުރުޝިދާ ހިތްހަމަނުޖެހިފައެވެ. ޔަނާލްއަށް ގުޅުމުންވެސް ކުރިއެރުމެއް ނުލިބުނެވެ. މުސްކާންގެ އުފަލަށް، ކޮށްދެވެން ހުރި ހުރިހައިކަމެއް ކޮށްދިނުމަށް ޔަނާލް ބުންޏެވެ.

***
ބަލިމީހާއާއިމެދު ކަންކުރާންވީގޮތް ނަރުހަށް ބުނެދީފައި ޑޮކްޓަރ ހިގައްޖެއެވެ. މުސްކާން އެދުނީ މަރުކަޒަށް ޚަބަރު ދިނުމަށެވެ. ބޮލުގެ އިޝާރާތުން އެއްބަސްވެފައި ނަރުސް އެދިޔައީ އެކަންކުރާށެވެ.

"އަހަރެން ބޭނުންވި ވަގުތަކީ މިއީ.. ފާތިމާއާއި ކުޑަކޮށްނަމަވެސް ވާހަކަދައްކާލުން.. ވަރަށް އުފާވެއްޖެ، ވަރަށް ހިތްވަރުގަދަ މީހެއް ފާތިމާއަކީ.. އަހަންނަށް ވެދެވުނު ހުރިހައި އެހީތެރިކަމެއް ފާތިމާއަށް ލިބޭނެ" އުމުރުގެ ޅަ ކަމާއެކުވެސް މުސްކާންގެ މަސައްކަތައް ބަޔަކު ތައުރީފުކުރާހައިވެއެވެ.

ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ގަދަ ވިއްސާރައިގައި ހަތަރު ދުވަސް ފާއިތުވުމަށްފަހު، މިއަދު މޫސުން ރަގަޅެވެ. ހޮސްޕިޓަލުގެ ހާސްކަމުގެ މާޙައުލާއި ދުރަށް އާދެވުމުން މުރުޝިދާގެ މޫނުމަތީން އުފާވެރިކަން ފެންނާން ފަށައިފިއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުންވެސް މުސްކާން ފާތިމާ ދުލެއް ނުކުރިއެވެ. ބަލަދުވެރިއެއްގެ ގޮތުގައި ހަވާލުވެގެން ފާތިމާ އެގެނައީ އެމީހުންތިބޭ ހޮޓަލަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް