ސަލާމަތަށް ނުރައްކާ އޮންނަ ކަމަށް ބުނެ ގިރިފުށި ނޫން ރަށަކަށް ސިފައިން ތަމްރީނުކުރާ މަރުކަޒު ބަދަލުކުރަން ހުށަހެޅީ ގިރިފުއްޓާއި ކައިރީގައި އޮންނަ ހިންމަފުށީގެ ރައްޔިތުންނެވެ. އެގޮތުން މަޖިލީހުގެ ގައުމީ ސަލާމަތީ ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ވަނީ ސިފައިން ތަމްރީނުކުރާ މަރުކަޒު އެހެން ރަށަކަށް ބަދަލުނުކުރުމަށެވެ.
އެކަމުގައި މިއަދު މަޖިލީހުގައި ވޯޓަށް އަހާފައިވާއިރު އެ ރިޕޯޓުގައި ލަފާދޭ ކަންކަން ތަންފީޒުކުރަން ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 48 މެމްބަރުންނެވެ.
ގިރިފުށީގައި ހިންގާ ސިފައިންގެ ތަމްރީނުތަކުގެ ސަބަބުން މީގެ ކުރިން އެ ސަރަހައްދުން ދަތުރުކުރި ސަފާރީ ބޯޓުގައި ހުރި ފަތުރުވެރިޔަކާއި އަދި ހިންމަފުށީގެ ގެއެއްގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ވަޒަން އަރާފައި އެބަހުއްޓެވެ. އެގޮތުން ގިރިފުށީ ތަމްރީނު މަރުކަޒާ ގުޅިގެން ހިންމަފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ އެފަދަ ސަބަބުތަކާ ހުރެ އެވެ.
މަޖިލީހުގައި ވެސް މިއަދު މެމްބަރުން ވަނީ ގިރިފުށީ ނޫން ރަށަކަށް ސިފައިންގެ ތަމްރީނު ކުރާ މަރުކަޒު ބަދަލުކުރަުމަކީ ހައްލު ނޫން ކަމަށާއި އޭގެ ބަދަލުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން މަސައްކަތްކުރުމަށް އަލިއަޅުވާލާ ވާހަކަ ދައްކާފަ އެވެ.
އެ ހާދިސާތަކާއި ގުޅިގެން ގިރިފުށީގެ ފަޔަރިން ރޭންޖަށް ވެސް ބަދަލު ގެނެސްފައިވާއިރު ގިރިފުށި ނޫން ތަނަކަށް ސިފައިންގެ ތަމްރީނުތައް ބަދަލުކޮށްފިނަމަ ދަތިވާނެކަން އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެހެންވެ، އެކަންކަމަށް ރިޔާއަތްކޮށް ސަލާމަތީ ކޮމެޓީގެ އަގުލަބިއްޔަތުން ނިންމީ އެހެން ރަށަކަށް ބަދަލު ނުކުރާށެވެ.