ads
ކްރިމިނަލް ކޯޓު----
ދަރިފުޅު ވައްޓާލި ދެމަފިރިންގެ މައްޗަށް މީހުން މެރުމުގެ ކުށް ސާބިތެއްނުވި
2012 ވަނަ އަހަރު އައްޑޫ ސިޓީގެ މަރަދޫފޭދޫ ހޭޅިފަށުގައި ކުޑަކުއްޖަކު ވަޅުލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ ކުރި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗައް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އައްޑު އަތޮޅު މަރަދޫފޭދޫ އަތިރިމަތީގައި ކޮތަޅަކަށްލާފައި ވަޅުލާފައި އޮއްވާ އެކުއްޖާ ފެނިފަިއވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު 14 ގައެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ދައުވާ ކޮށްފައިވަނީ ކުއްޖާގެ މަންމަ، ސ. މަރަދޫ، ޝޭމްރޮކް އައިމިނަތު ޝާހީ އަދި ކުއްޖާގެ ބައްޕަ އަދި ޝާހީގެ ފިރިމީހާ ސ. މަރަދޫފޭދޫ، ފިނިފެންމާގެ އިބްރާހީމް ވިޝާމްގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ މިއަދު އެ ކޯޓުން ބޭއްވި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގައެވެ. 

ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ޝާލީ ބަނޑު ބޮޑު ވީއްސުރެ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާއި، ބަނޑަށް 20 ހަފްތާގައި ދަރި ވައްޓާލުމުގެ ނިޔަތުގައި ދަރި ވައްޓާލުމަށް ބޭނުންކުރާ ޒާތުގެ ބޭހެއް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ ބޭހުގެ ސަބަބުން ލޭއަންނަން ފެށުމުންވެސް ޝާހީ ހޮސްޕިޓަލަށް ގެންގޮސްފައި ނުވާ ކަމަށާއި، ނަމަވެސް ޝާހީ ވިހެއުމުން ވިސާމް އެ ކުއްޖާ ކޮތަޅަކަށް ލައިގެން މަރަދޫފޭދޫ ބިއުޓީރޯސްގެއާއި ދިމާ އަތިރިމަތީގައި ކުއްޖާ ވަޅުލާފައިވާ ކަމަށެވެ.

މީގެ އިތުރުން ދުވަސް ނުފުރާ ވިހާފައިވާ ކުއްޖަކު ފެނިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން އެތަނަށްގޮސް، އެސަރަހައްދު ކޮނެގެން ބެލިއިރު ކުއްޖާ ފެނިގެން އެކުއްޖާ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާގެ ވިންދު ހުރި ކަމަށް ދައުލަތުން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އަދި ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެ ހޮސްޕިޓަލުގެ ވަޒީފާގައި އުޅޭ ނަރުހެއް ބުނާ ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

މި ދައުވާއަށް ޖަވާބުދާރީ ވަމުން ޝާހީ ވަނީ ކުއްޖާ މަރާލުމުގައި ބައިވެރިވެފައި ނުވާކަމަށް ބުނެފައެވެ. މީގެ އިތުރުން ދަރިވައްޓާލުމުގެ ނިޔަތުގައި އެއްވެސް ބޭހެއް ބޭނުން ނުކުރާ ކަމަށާއި، ނަމަވެސް ބަނޑުގައި ރިއްސާތީ ހިތަދޫ ދިލްޝާދު ކްލިނިކުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ދިން ބޭހެއް ކެއި ކަމަށް ޝާހީ ބުނެފައި ވެއެވެ. 

މީގެ އިތުރުން ބަނޑުން ވެއްޓުނު ކުއްޖާ ނުދެކޭ ކަމަށާއި، ކުއްޖާ ކޮތަޅަކަށްލީ ވިސާމް ކަމަށާއި، ފަހުން ކުއްޖާ ނުދެކޭ ކަމަށާއި، ކުއްޖާ ނެގީ ވިސާމް ކަމަށް އަދި އެވަގުތު އޭނާ ހުރީ ހަމަ ހޭގައި ކަމަށް ޝާހީ ބުނެފައި ވެއެވެ. 

އޭގެ ފަހުން ޝާހީ ވަނީ ދައުލަތުގެ ފަރާތުން ވަކީލެއް ހަމަޖައްސަން އެދި، އޭނާގެ ފަރާތުން ދިފާއުގައި ވަކީލެއް ހަމަޖައްސާފައެވެ. އަދި ވަކީލެއްގެ ހާޒިރުގައި ބެއްވި އަޑުއެހުމުގައި ދައުލަތުގެ ދައުވާއަށް ޝާހީ ވަނީ އިންކާރު ކޮށްފައެވެ. 

މި މައްސަލައިގައި ވިސާމް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ކުރި ފަރާތްތަކުން ނެގި ބަޔާނަކީ އަމިއްލަ ގަސްދެއް އޮވެގެން ނަގާފައިވާ ބަޔާނެއް ކަމުގައި ނުވާތީ އެބަޔާނަށްވެސް ވިސާމް ވަނީ އިންކާރު ކޮށްފައެވެ. 

ވިސާމްވަނީ އަމިއްލައަށް އޭނާގެ ފަރާތުން ދިފާއުގައި ވަކީލަކު ހަމަޖައްސާފައެވެ. އަދި ވަކީލުގެ ހާޒިރުގައި ބޭއްވި އަޑުއެހުމުގައި ވަނީ ގަސްދުގައި އެއްވެސް ކުއްޖަކު މަރާފައި ނުވާނެ ކަމަށް ބުނެފައެވެ. 

ޝަރީއަތުގައި މި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައިވަނީ، ދެމީހުންވެސް ދައުލަތުން ކުރި ދައުވާއަށް އިންކާރު ކުރުމާއި ގުޅިގެން، ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ހެއްކަށް ބެލުމަށް ފަހުއެވެ. 

އެގޮތުން ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ބަލާއިރު، ކުއްޖާއަކީ ދިރިހުރި ނުވަތަ ފުރާނަ ހުރި ކުއްޖެއްކަމާމެދު ޝައްކު އުފެދޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ. އަދި ކުއްޖާއަކީ ދިރިހުރި ނުވަތަ ފުރާނަ ހުރި ކުއްޖެއް ކަމާ ގުޅިގެން ހެކިންގެ ހެކިބަހުން އަދި މައްސަލައާއެކު ހުށަހަޅާފައިވާ އެހެނިހެން ލިޔެކިއުންތަކުގައި ފުށުއެރުންތަކެއް ހުރުމުން، ގަސްތު މަރު ރުކުންތަކުގެ ތެރޭ ހުމެނޭ ފުރަތަމަ ރުކުން ކަމުގައިވާ "މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ މީހެއް ކަމުގައިވުން: މި ރުކުން ފުރިހަމަ ނުވާ ކަމުން އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑަައަޅާ ހުކުމް ކުރީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް