ads
ޕީޖީ ހުސައިން ޝަމީމް--
ޑްރަގްގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީލޯންޑަރިންގެ ދައުވާކުރީ ހަތަރު މީހަކަށް!
މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި، ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައިގެން، އެކަމުގައި ޝާމިލުވާ ހަތަރު މީހެއްގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ހަތަރު މީހުންނަކީ ފުލުހުން މި އަހަރުގެ ޖެނުއަރީ މަހު 12 ގައި ހިނގި އޮޕަރޭޝަނެއްގައި، މާލޭގެ ހަތަރު ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނުމައްސަލައިގައި ދައުވާ ކުރާ ހަތަރު މީހުން ކަމަށެވެ.

އެގޮތުން މި މައްސަލައާއި ގުޅިގެން ދައުވާ ކޮށްފައި ވަނީ، ތ. ތިމަރަފުށި/ ވައިޓްރޯސް އިސްމާއިލް ޝަރީފް، ކ. މާލެ/ މއ. ހަސްލަތު  ޝާނިޔާ އިބްރާހީމް، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45/ ހުޅުމާލެ ހަސަން ރަޝީދު، ގދ. ތިނަދޫ/ ރަންގަލް ހަސަން ލޫތް އަދި ޅ. ހިންނަވަރު/ ސުވާސާގެ މުހައްމަދު އަފްލާހް އަބްދުﷲ ގެ މައްޗަށެވެ. 

މި މައްސަލައިގައި ދައުވާ ކުރި ފަސް މީހުންގެ ތެރެއިން މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުނަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވާ އިސްމާއީލް ޝަރީފްގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

ދެން ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހަކަށް ވަނީ ހަތަރު ދައުވާ އެއް ކޮށްފައެވެ. އެއީ ހަސަން ރަޝީދާއި ހަސަން ލޫތެވެ. އެގޮތުން މި ދެމީހުންގެ މައްޗަށްވެސް މަނީ ލޯންޑާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވެއެވެ. ހަސަން ރަޝީދުގެ މައްޗަށް ކޮށްފައިވާ ހަތަރު ވަނަ ދައުވާ އަކީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދައުވާ އެވެ. އަދި ހަސަން ލޫތުގެ މައްޗަށް ދައުލަތުން ކުރާ ހަތަރު ވަނަ ދައުވާ އަކީ ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި ޝާނިޔާ އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރަނީ ތިން ދައުވާ އެކެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދައުވާ އަދި ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާއެވެ.

ޕީޖީން މި މައްސަލައިގައި ދައުވާ ކުރި ފަސް މީހުންގެ ތެރެއިން މަނީ ލޯންޑަރިންގެ ދައުވާ ނުކުރަނީ މުހައްމަދު އަފްލާހު އަބްދުﷲ އަށް އެކަންޏެވެ. އޭނާއަށް ކޮށްފައިވަނީ އެންމެ ދައުވާ އެކެވެ. އެއީ ޑައިމޯފިންޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

މި ފަސްމީހުނަށް ދައުވާ ކުރަން މައްސަލަ ކްރިމިނަކް ކޯޓަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހު ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން މި މައްސަލައިގައި ފުލުހުން ބަލާ ފާސްކުރި ތަންތަނުން ޖުމުލަ 1،542،675 (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ، މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ އެކައުންޓުތަކާއި އެމީހުންނާއި ގުޅުންހުރި އެކައުންޓުތަކުގައި ދައުރު ކޮށްފައިވާކަން މައްސަލައިގެ ތަހުގީގުން ހޯދިފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލައިގައި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ އިތުރު މީހުން ފާހަގަ ކުރެވުމާއެކު، މަނީ ލޯންޑަރިންގެ ބައި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ޕީޖީ އޮފީހުން ލަފާ ދީފައިވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް