ޗެލެންޖާއެއްގެ ގޮތުގައި ބިގްބޮސް 14 އަށް ރާކީ ވަތްއިރު އެ ޝޯގެ ތެރެއިން ވަނީ އޭނާއަށް ސަޕޯޓަރުން ގިނަވެފަ އެވެ.
ޝޯ ނިމެން އުޅެނިކޮށް ރާކީ ވަނީ އޭނާގެ މަންމަ ކެންސަރަށް ފަރުވާކުރާ ހަބަރު ވެސް އާންމުކޮށްފަ އެވެ. ފިނާލޭއާ ހަމައަށް ރާކީ ދިޔަ އެވެ. އެކަމަކު ޝޯ އިން އޭނާ ނިކުތީ ލާރި ހިފައިގެން މަންމަގެ ފަރުވާގެ ކަންކަން ހަމަޖެއްސުމުގެ ގޮތުންނެވެ.
ކޮންމެއަކަސް، ރާކީ ބުނާ ގޮތުގައި މިފަހަރުގެ ބިގްބޮސް އިން މޮޅުވި ރުބީނާ ދަލާކް މަތިން އޭނާގެ މަންމަ ވަރަށް ހަނދާންވެ އެވެ. އެގޮތުން ބަލި އެނދުގައި އޮއްވާ ގޮވާލަން އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ނިދީގައި އޮވެފައި ހޭލެވޭ ގޮތަށް ވެސް ރުބީނާގެ ނަން ކިޔާ ކަމަށް ރާކީ ބުނެ އެވެ.
ރާކީ ވަނީ އަލީ އާއި ރުބީނާ މެންނަކީ ޝޯގައި އެކުގައި އުޅުން މީހުން ކަމުން، އެމީހުން ހޮސްޕިޓަލަށް ޒިޔާރާތްކޮށްލާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފަ އެވެ.
އޭގެ އިތުރުން ރުބީނާ އާއި އަބިނޭވްގެ ގުޅުމާއި ގުޅިގެން ވެސް ވާހަކަ ދެއްކި އެވެ. އެގޮތުން ބުނީ ރުބީނާ އާއި އަބިނޭވްގެ ގުޅުން ވަރުގަދަވީ އޭނާގެ ސަބަބުން ކަމަށާއި ޝޯގައި އޭނާ އުޅުނު ގޮތުން ކަމަށެވެ. އޭގެ ކުރިން އެމީހުންގެ ގުޅުން އޮތީ ވަކިވާ ހިސާބުގައި ނަމަވެސް މިހާރު ލޯބިން އުޅޭތަން ބަލަން އުފާވާ ކަމަށެވެ.
ރާކީގެ މަންމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ސަލްމާން ހާނާއި އޭނާގެ ބޭބެ ސޮހައިލް އެވެ.