ads
ފުލުހުން އަތުލައިގަތް ދޯނިން ފެނުނު މިޔަރު އުރަހަތަކެއް -- ފޮޓޯ: ޕޮލިސް
މިޔަރުގެ މަސްވެރިކަން ކުރާނަމަ ފިޔަވަޅު އަޅާނަން: މިނިސްޓްރީ
ގަވާއިދާ ހިލާފަށް މިޔަރުގެ މަސްވެރިކަމުގައި، އަދި ޕްރޮސެސްކުރުމުގައި ނުވަތަ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ގަވާއިދާ ހިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ކަޅުބާޒާރެއް ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާކަމަށް މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފަ ކަަމަށާއި، ކަޅުބާޒާރެއްގެ ތެރެއިން މިޔަރުގެ ބާވަތްތައް ގަނެ އެކްސްޕޯޓްކުރަމުންދާކަމުގެ މައުލޫމާތު ވެސް މިނިސްޓްރީއަށް ވަނީ ލިބިފަކަމަށް ބުނެފައިވެއެވެ. 

އެމައްސަލައިގައި ކަމާގުޅޭ ދަޢުލަތުގެ އެކި އިދާރާތަކުގެ މެދުގައި މަޝްވަރާކުރެވި ވަގަށްކުރާ މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް ވާނީ އަޅާފަ ކަމަށް މިނިސްޓްރީން ބުނެއެވެ.

"އެގޮތުން، މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭ މަރުހަލާގައި ވަކި ބާވަތްތަކެއް އެކްސްޕޯޓްގެ ހުރިހާ ފޮށިތަކެއް ބަލައި ފާސްކުރުމާއި، އަދި މިޔަރު މަސްވެރިކަން ކުރާ ކަމަށް ބެލެވިފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އަދި ކޯސްޓްގާޑްގެ ފަރާތުން އެސަރަހައްދުތަކުގެ ޕެޓްރޯލްތައް ވަނީ ވަރުގަދު ކުރެވިފަ،" - މިނިސްޓްރީ -

މިނިސްޓްރީން ބުނީ، މިޔަރުގެ މަސްވެރިކަން ކުރާކަމުގެ ރިޕޯޓް ލިބޭ ރަށްރަށަށް އަދި ސަރަހައްދުތަކުގެ މައުލޫމާތު ކަމާގުޅޭ އިދާރާތަކާ ހިއްސާކުރުމާއި، އެފަދައިން ހިފެހެއްޓޭ އުޅަނދުފަހަރާއި ފަރާތްތަކުގެ މައްސަލަތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރުމަށް މިނިސްޓްރީގެ ފަރާތުން މިހާރުވާނީ އިންތިޒާމުތައް ހަމަޖައްސާފަ ކަމަށެވެ.

"މިގޮތުން ކުރެވުނު މަސައްކަތްތަކުން ތެރެއިން، ވޭތުވެ ދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މިޔަރު އުރަހައިގެ ޝިޕްމަންޓެއް އެކްސްޕޯޓްކުރުމުގެ މަރުހަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެންވަނީ ހިފަހައްޓާފަ. އަދި އެމައްސަލަ ތަހްގީގކޮށް ނިމި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން އަދި މިނިސްޓްރީގެ ފަރާތުން ފިޔަވަޅު އެޅުމުގެ މަރުހަލާ މިދަނީ ފުރިހަމަކުރަމުން" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، 22 މާރިޗު 2021 ގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އދ. އަތޮޅުން މިޔަރު މަސްވެރިކަން ކުރާ އުޅަނދެއް ގިނަ އަދަދެއްގެ މިޔަރާއެކު ވަނީ އަތުލައިގަނެފައެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ދަނީ ތަހްގީގްކުރަމުންނެވެ. މިނިސްޓްރީން ބުނީ ފުލުހުންނާއި ގުޅިގެން އެމައްސަލައިގައި ޝާމިލުވާ ފަރާތްތަކާއި މެދު މަސްވެރިކަމުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެެ. 

ދިވެހިރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާއަތަށް ނުހަނު މުހިއްމު ބާވަތެއްކަމުގައިވާ މިޔަރުގެ މަސްވެރިކަން 2010 މަނާކުރެވުނީ މިޔަރުގެ އާބާދީ ހީނަރުވެ އެކަމުގެ ސަބަބުން ރާއްޖެއިން ފެންނަ މިޔަރުގެ އަދަދު މަދުވެފައިވާކަމަށް އެދުވަސްވަރު ކުރެވުނު ދިރާސާތަކުން ދެއްކުމާއި ގުޅިގެންނެވެ. އަދި މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މިޔަރު މަސްވެރިކަން ކުރުމުގެ އިތުރުން މިޔަރު ޕްރޮސެސްކުރުން އަދި އެކްސްޕޯޓްކުރުމަކީ މަނާ ކަންތައްތަކެއްގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިނިސްޓްރީން ބުނީ، އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަކީ މިނިސްޓްރީގެ އަމާޒެއް ކަމުގައިވާތީ، އަދި މިޔަރުގެ ހުރިހާ ބާވަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު"ގެ ދަށުން ހިފުމާއި، ބޭނުން އަދި ނެގުން މަނާ ލިސްޓުގައި ހިމަނާފައިވާ ބާވަތްތަކެއް ކަމުން، ގާނޫނާއި ގަވާއިދާއި ހިލާފަށް މިޔަރު މަސްވެރިކަމުގައި، އަދި ޕްރޮސެސްކުރުމުގައި ނުވަތަ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއިމެދު މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް