ads
ވީޑިއޯ ރިޕޯޓް-
ލިޔުމުގައި ތިކި ޖެހުން: ދިވެހިންގެ ޑީއެންއޭއާއި ދުރުކަމެއް!
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރީ އެވޭލާ އަކުރެވެ. އޭގެ ފަހުން ދިވެސް އަކުރެވެ. އަދި އެންމެ ފަހުން އަޅުގަނޑުމެން މިއަދު މި ބޭނުންކުރާ ތާނަ އަކުރުތަކެވެ.

ދިވެހިރާއްޖޭގައި އެވޭލާ އަކުރުން ލިޔުނީ މިހާރު މި ލިޔާ ގޮތަކަށް ނޫނެވެ. އޭރު ލިޔަމުން ގެންދިޔައީ ވާތުން ކަނާތަށެވެ. ދިވެހި ރާއްޖޭގެ ތާރީހީ ލިޔުންތަކުން އެވޭލާ އަކުރުން ލިޔެފައި އޮތް އެންމެ ޒަވާންމީ އެއް އާސާރާކީ 1195 އަހަރު ލިޔުއްވާފައިވާ އިސްދޫ ލޯމާފާނެވެ.

މިޒަމާނުގައި މި ބޭނުންކުރާ ތާނަ އަކުރުތައް އުފެއްދެވީ 1573 ވަނަ އަހަރު ޕޯޗުގީޒުން ބަލި ކުރެއްވުމަށް ފަހު ދިވެހިގެ ގައުމީ ބަތަލް މުހައްމަދު ތަކުރުފާނެވެ. އެމަނިކުފާނު ދިވެހި އަކުރު އުފެއްދެވީ "އިހު އޮތް ގޮތައް ރާއްޖޭގައި އިސްލާމް ދީން" އަށަގަންނުވަން ކަމަށް ތާރީހީ ލިޔުންތަކުން ހެކިދެއެވެ.

ތާނަ އަކުރު އެންމެ ފުރަތަމަ އުފެއްދީ ވެސް 23 އަކުރުގެ މައްޗަށެވެ. އޭރު ޕ އެއް ނެތެވެ. ނަމަވެސް ފަހުން ޕ ގެ ބޭނުން އެނގުނީ ދިވެހިން ބައްޕައަށް ބަފޯ ނުވަތަ ބަފާ ކިޔަމުން ގޮސް ބައްޕައަށް ބަދަލުވީ ހިސާބުންނެވެ. މިހެންކަމުން ޕ އަކީ ތިކިޖެހި ތާނައިގެ އަކުރެއް ނޫނެވެ. އެއީ ތާނައިގެ 24 ވަނަ އަށް އިތުރުކުރި އަކުރެވެ.

މިހެންކަމުން މިއަދު މި ބޭނުންކުރާ ތާނައަކީ ދިވެހިންގެ ސަގާފަތައްވުރެ ބޮޑަށް ދިވެހިންގެ ދީނާއާއި ގުޅުވާފައިވާ އެއްޗެއްކަން ވެސް އެނގެއެވެ.   

ތާނަ އަކުރު 14 ވަނަ ގަރުނުގައި އުފެއްދި ނަމަވެސް، 18 ވަނަ ގަރުނާ ހަމައަށް ވެސް ދިވެސް އަކުރު ވެސް ރާއްޖޭގެ ރަސްމީ ލިޔުންތަކުގައި ބޭނުންކުރިއެވެ.

އެވޭލާ އަކުރާއި، ދިވެސް އަކުރުގެ އަސްލު ގުޅިފައިވަނީ ދެކުނު އިންޑިއާގެ ޗޯލާ އަދި ޕައްލަވާ ޑައިނެސްޓީން ބޭނުންކުރި ގްރަންތާ އަކުރުތަކާއެވެ. ދިވެހިންގެ ޑީއެންއޭ އާއި ދެކުނު އިންޑިއާ މީހުންގެ ޑީއެންއޭ އާ ވެސް ނުހަނު ގުޅުން ބޮޑުވާނެއެވެ. ދެކުނު އިންޑިއާ މީހުން ލިޔަނީ ތިކިޖަހައިގެނެއް ނޫނެވެ. 

އެވޭލާ އަކުރުން ދިވެސް އަކުރަށް ބަދަލުވުމާއި، ދިވެހިރާއްޖެ އިސްލާމުވުމާއި ވެސް ގުޅުމެއް އެބައޮތެވެ.

މިހާރު ބޭނުންކުރާ ތާނަ އަކުރު ބޭނުން ކުރަން ފެށީވެސް ދިވެހި އަކުރުތަކާއި އަރަބި އަކުރުތަކާއި އެއްވައްތަރުކޮށް ދިވެހިންގެ ދީނާއި ދިވެހިންގެ ލިޔުމާއި ވެސް އެއްވަތަރު ކުރުމަށެވެ.

އެނެމެ ފަހުން ތާނައަކުރުތަކުގައި ވެސް ތިކިޖަހަން ނިންމީ އަރަބި ބައްސްތަކާއި އުރުދޫ ބަސްތައް ފަހުން އުފެއްދި ތާނަ އަކުރުތަކުން ކިޔޭނެ ގޮތް ހެދުމުގެ ބޭނުމުގައެވެ.

އެގޮތުން 16 މާޗު 1957 ވަނަ އަހަރު ވުޒާރަތުލް މައާރިފް އިން ވަނީ އިއުލާނެއް ކޮށް ތާނަ އަކުރުގައި ތިކި ޖަހާނެ އުސޫލެއް އެކުލަވާލާފައެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގައި ލެޓިން އަކުރު ރަސްމީ ލިޔުންތަކުގައި ބޭނުންކުރަން ވެސް ފެށިއެވެ.

ނަމަވެސް އެއީ ދިވެހިންނާ ނުގުޅޭ ބަދަލެއް ކަމަށް ކަނަޑައަޅައި އަލުން ތާނަ އަކުރު ބޭނުންކުރަން ފެށިއެވެ.

ރާއްޖޭގައި އިނގިރޭސި ބަހުގެ ނުފޫޒު ގަދަވާން ފެށުމުން ވެސް ބައެއް އަކުރުތައް ތާނަ އަކުރަށް އިތުރުކުރިއެވެ. އެއީ ޓެލެވިޜަން ކިޔާއިރު އޮންނަ ރާ މަތީގައި ތިކި ޖަހާފައި އޮންނަ އަކުރާއި، ޥޯކް އަދި ޥީކް ފަދަ އިނގިރޭސި ބަސްތައް މަހުރަޖައަށް ކިއުމަށް ވާވު މަތީގައި ތިކި ޖަހައިގެން އުފެއްދި އަކުރެއެވެ.

މިފަދަ އެތައް ސަބަބުތަކަށްޓަކައި ތާނަ އަކުރުތަކުގައި ތިކިޖަހައިގެން މުޅިން ވެސް ކުރަން އުޅެފައި ހުރީ ދިވެހިންގެ ސަގާފަތާ އަދި ދިވެހި ވަންތަކަމާއި ގުޅުން ހުރި ކަންކަމެއް ނޫނެވެ.

އަރަބި ބަހާއި ވައްތަރުކުރަން ތާނަ އަކުރު ހަދައި، ތާނަ އަކުރުގައި ތިކި ވެސް ޖެހިއެވެ. އިނގިރޭސި ބަސް ތާނައިގެ ތެރެއަށް ވެއްދުމަށް ވެސް ތާނަ އަކުރުތައް އުފެއްދިއެވެ.

ނަމަވެސް، މިއަދު ފެންނަ މަންޒަރަކީ ދިވެހިން މަޑުމަޑުން ތިކިތަކާއި ދުރަށްދާ މަންޒަރެވެ. ތިކި ޖެހުމަކީ ބައެއް މީހުންނަށް "މުސީބާތަކަށް" ވެފައިވާ މަންޒަރެވެ.

ދިވެހިންގެ އަސްލު ބަހަކީ ދިވެހި ބަހެވެ. ދިވެހި ބަހުގެ އަސްލު އަކުރަކީ ދިވެސް އަކުރެވެ. ތާނައާއި ތިކިޖެހި ތާނައަކީ ފަހުން ދިވެހިންގެ ސިޔާސީ ބަޔަކު އެމީހުން ބޭނުންވާ ޒާތުގެ ގައުމިއްޔަތެއް ދިވެހިރާއްޖޭގައި އުފައްދަންވެގެން ޖަހާފައި އޮތް ސަކަރާތެކެވެ.

އަހަރެންގެ ނަޒަރުގައި، ދިވެހިން އަބަދުވެސް ފަރިތަވާނީ ދިވެހި ބަހަށެވެ. ދިވެހި ބަހުގެ ތެރެއައަށް "އޭލިއަނުން" ވައްދަން މަސައްކަތް ކުރިއަސް އެކަން ވާނީ ދިވެހިންގެ ޑީއެންއޭ އާ ވެސް ދުރު ކަމަކަށެވެ. މިހެންކަމުން މިކަމަށް ދިރުމެއް އަންނަތަނެއް ނުފެނެއެވެ. މިވީ 100 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ތިކިޖެހި ތާނައަށް ދިރުން ލިބުނު މިންވަރު ނުހަނު ކުޑައެވެ.

މިއަދު ފެންނަން އޮތް ހަގީގަތަކީ ތިކިޖެހިތާނަ ދަންނަ މީހުންނަށްވުރެ ތިކިޖަހަން ނުދަންނަ މީހުން ގިނަ މަންޒަރެވެ. ދައުލަތުން ގަވާއިދު ހަދައިގެން ތިއްބަސް ބަސް ބޭނުންކުރަން ތިބީ ދިވެހިންނެވެ. ބަސް ކުރިއަށްދާނީ ދިވެހިންގެ ވިންދާއި ވެސް އެއްގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް