ads
ޑރ. މުހައްމަދު ޖަމީލް އާއި ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް--
ސިވިލް ސާވެންޓުންނަކީ އަޅުންކަމަށް ބުނުމުން ހައިރާނެއް ނުވޭ: ޖަމީލް
ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވުމުން ހައިރާން ނުވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވެންޓުންނާއި ގުޅިގެން ސަލީމް ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. 

އެކަމަށް ފާޑުވިދާޅުވެ، ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަންތާ ހުޅުޖަހައި، ބުލީކޮށް ފޮށުމުން އެމްޑީޕީން އުފާވާނެ ކަމަށާއި ސިވިލް ސާވެންޓުންނަކީ އަޅުންކަމަށް ސަލީމް ވަކާލާތުކުރެއްވުމުން ހައިރާން ވެސް ނުވާ ކަމަށެވެ. 

ޖަމީލް ވިދާޅުވީ ހަގީގީ ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ފިކުރު ފެންނަނީ އެމްޑީޕީން ކަމަށެވެ. އަދި މިއަދު ފެންނަމުންދާ މަންޒަރު ޖަމީލް ސިފަ ކުރެއްވީ ޖާހިލުންނަށް އީދެއް އައިސްގެން އުޅޭހެންނެވެ. 

އޭގެ އިތުރުން މި މައްސަލާގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމީލް ވެސް ވަނީ ސަލީމަށް ފާޑުވިދާޅުވެ، ޓްވީޓެއް ކުރައްވާފަ އެވެ. އެގޮތުން ސަލީމް މައާފަށް އެދިވަޑައިގަންނަވައި އިސްތިއުފާ ދޭއްވަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި 32000 ސިވިލް ސާވެންޓުން ކަށްވަޅަށް ދާންދަން އަނގައިގަ ޓޭޕު އަޅައިގެން ފޭސްބުކުގަ ކޮމެންޓް ނުކޮށް ތިއްބަވަންޖެހޭ ކަމަށް ވިދާޅުވުމަކީ މާއްދާ 27 އާ ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. 

މަލީހް ވިދާޅުވީ ގައުމުގައި ތިއްބެވި އެންމެ ތައުލީމީ ބޭފުޅުންނަކީ ސިވިލް ސާވަންޓުން ކަމަށެވެ. 

މެމްބަރު ސަލީމް ވަނީ އޭރެއްގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަން ޖެހޭ ކަމަށާއި އަދި އެ އިތުބާރު ދެމެހެއްޓުމަށް ސިވިލް ސާވިސްގައި ތިބި 26000 މުވައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި އިތުބާރު ގެއްލެން މެދުވެރިވަނީ ސިވިސް ސާވިސްގެ ތެރޭގައި ހުންނަންޖެހޭ ވެލިއުތައް ގާއިމުކޮށްފައި ނުވާތީ އެވެ. އަދި ސިވިލް ސާވިސްގައި ތިބޭ މީހުންނަށް ބޭނުންހާ އެއްޗެއް ނުލިޔެވޭނެ ކަމަށާއި ބޭނުންހާ ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާއަކީ "ފޭސްލެސް" މީހެއް ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށާއި އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް ކަމަށް ވިދާޅުވި އެވެ. 

"އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ. އެއީ ޕްރޮފެޝަނަލް މީހެއް،" މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވި އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް