ads
އައްމަޓީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ސަން
ހައްޔަރުކުރީ އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން، ބަންދުކުރީ އެންމެ 10 ދުވަހަށް!
ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި، ސީލައިފް ގްލޯބަލްގެ މައްސަލައަކީ ގިނަ ބަޔަކަށް ބޮޑެތި ގެއްލުން ލިބުނު ކަމެކެވެ. އެގޮތުން ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ) ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރުންވީ ގިނަ ބައެއްގެ އުއްމީދު އާވެގެން ދިޔަ ކަމަކަށެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.  

އެގޮތުން ލަންކާ ފުލުހުން އައްމަޓީ ހައްޔަރު ކުރީ، ލަންކާ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ. 

މަހަކަށްވުރެ ގިނަދުވަސްފަހުން އައްމަޓީ ރާއްޖެއަށް ގެނަައީ ބުދަ ދުވަހުއެވެ. އަދި އޭނާ މާލެ ގެނައުމަށްފަހު، ހަމަ އެދުވަހު ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައި ޕީޖީ އޮފީހުން ވަނީ މައްސަލަ ނިމެންދެން އައްމަޓީ ބަންދު ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އައްމަޓީގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.

އެއާއެކު އުފެދުނު ސުވާލަކީ، ސީލައިފުން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި އިރު، އެ މީހުންނަށް އިންސާފު ލިބޭނެތޯއެވެ. އަދި ކްރިމިނަލް ކޯޓުން އައްމަޓީގެ ބަންދަށް ޖެހި 10 ދުވަހުގެ ފަހުން އޭނާ މިނިވަންވާނެތޯ މިއީ ގިނަ ބަޔަކު އުފެއްދި ސުވާލެކެވެ.

މި މައްސަލައިގައި ނާއިންސާފައި ކުރިމަތިވި 203 މީހަކު ކޯޓަށް މިމައްސަލަ ހުށަހެޅުމުން ދައުލަތުން ވަނީ މި މައްސަލަ ކޯޓުން ބޭރުން ނިންމާފައެވެ. އެގޮތުން ދައުވާ ކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތުދޭ ގޮތަށް ސަރުކާރުން ނިންމާފައިވެއެވެ.

ނަމަވެސް އާންމު ރައްޔިތުންތަކެއްގެ އަތުން ވިޔަފާރިވެރިިއަކު މަކަރާއި ހީލަތުން ހޯދި ފައިސާތަކެއްގެ ބަދަލު ދައުލަތުން ދައްކާ، އެ ފައިސާ އެމީހެއްގެ އަތުން އަނބުރާ ހޯދުން އެއީ ދައުލަތުން ކުރަންޖެހޭ ކަމެކެވެ. ހަމައެކަނި ސީލައިފްގެ އެމްޑީގެ އައްމަޓީ އެކަންޏެއް ނޫނެވެ. ނަަމަވެސް އެ މަޝްރޫޢާއި ގުޅިގެން ސީލައިފުން ކަން ކުރި ގޮތާއި މެދު އެ ކުންފުންޏަށްވެސް ދައުވާ ކުރަން ޖެހެއެވެ.

ސީލައިފުގެ ސަބަބުން ނާއިންސާފަށް ހުށަހެޅުނު ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް އަޑުއުފުލި އެކަކަކީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ޕްރެސިޑެންޓް އަދި ލޯޔަރު މަރިޔަމް ޝުނާނާ އެވެ. ޝުނާނާވެސް ވަނީ ދުވަސްކޮޅަކުން އައްމަޓީ ދޫކޮށްލާތަން ފެންނާނެ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުއްސަނދިންނަށް ހައްގު އަދަބު ދޭނެކަމަށް ރާއްޖޭގެ ޖުޑީޝަރީ ސިސްޓަމަށް ބަރޯސާ ނުކުރެވޭނެ ކަމަށްވެސް ޝުނާނާ ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރު ކަމަކަށް ބެލުމުގެ ކުރިން، މި މަސައްކަތް ކުރިއަށްދިޔަ ގޮތް ބަލާލުމަކީ މުހިއްމު ކަމެކެވެ އެގޮތުން ސީލައިފް ގްލޯބަލް އާއެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއި ކުރީ 2014 ވަނަ އަހަރުގެ މާޗް މަހު 13 ވަނަ ދުވަހު އެވެ.

އެޗްޑީސީއާއި ސީލައިފާއި އެކުވި މި އެއްބަސްވުމަކީ ހުޅުމާލޭގައި އެޕާޓްމަންޓް، ޝޮޕިންގް މޯލް އަދި ފުޑް ކޯޓު ހިމެނޭ ގޮތަށް ކޮމްޕްލެކްސްއެއް އެޅުމަށްވީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައިސޮއި ކުރި ފަހުން، އެއަހަރުގެ އޭޕްރީލްމަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މި މަސައްކަތުގެ ބިންގާ އަޅުއްވައި ދެއްވާފައެވެ.

އޭގެފަހުން ސީލައިފުން ވަނީ އެ ކުންފުނިން އެ އެޕާޓްމަންޓުތަކުގެ މަސައްކަތް ފެށިކަމަށް ބުނެފައެވެ. އަދި މަސައްކަތް ކުރިއަށްދާގޮތުގެ ފޮޓޯތައްވެސް ހިއްސާކޮށްފައިވާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަޅަމުން އައި މި ފްލެޓުތަކުގެ މަސައްކަތް 2018ގެ ނިޔަލަށް ނިންމާނެ ކަމަށް އެ ކުންފުނިން ވަނީ 2017 ވަނަ އަހަރު ބުނެފައެވެ. 

2017ގައި ރާއްޖޭގެ އެކި ނޫސްތަކަށް މި މަޝްރޫއާއި ގުޅިގެން އައްމަޓީ މައުލޫމާތު ދެމުން ވަނީ، މަޝްރޫއު ނުނިމި ލަސްވަނީ ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް ބުނެފައެވެ. އަދި މި އެޕާޓްމަންޓުތައް ގަތުމަށް ޝައުގުވެރިކަން ފާޅުކުރި 280 މީހަކު ބުކިން ފީ ދައްކާފައިވާ ކަމަށާއި، ކޮންމެ މީހެއްގެ އަރުން 50،000 ރުފިޔާ ނެގި ކަމަށް އައްމަޓީ އޭރުގައި ބުނެފައިވެއެވެ.

އޭގެފަހުން އެ ފްލެޓުތަކަށް ވީގޮތެއް ނޭނގުނުތާ، ފްލެޓް ގަތުމުގެ އުއްމީދުގައި ބުކިންގް ފީ ދެއްކި މީހުންނަށް އެމީހުންގެ ފައިސާ އަނބުރާ ލިބޭނެ ގޮތެއްވެސް ނުވި އެވެ. އޭގެފަހުން އޭސީސީ އަދި ފުލުހުން މި މައްސަލަ ބަލަން ފެށިއެވެ. ނަމަވެސް އޭސީސީ އާއި ފުލުހުން މި މައްސަލަ ބަލަން ފެށުމާއެކު އައްމަޓީ ވަނީ ރާއްޖެ ދޫކޮށް އަވަށްޓެރި ސްރީލަންކާއަށް ގޮއްސައެވެ. 

މި މައްސަލައިގައި އައްމަޓީގެ އިތުރުން މިމައްސަލައިގައި ދެން ހިމެނެނީ ސީލައިފް ގްލޯބަލްގެ އެއް ޑިރެކްޓަރު އާފިޔާ މޫސާއެވެ. އެގޮތުން ތަހުގީގު ނިމެންދެން އާފިޔާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެއެވެ. މި މައްސަލައިގައި، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ހައިކޯޓުންވެސް ހުކުމް ކޮށްފައިވާއިރު، މިމަހު ކުރީ ކޮޅު ސުޕްރީމް ކޯޓުންވެސް ވަނީ މިދެ ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. 

ސީލައިފްއާއެކު އެޗްޑީސީން މި އެއްބަސްވުމުގައި ސޮއި ކުރިތާ މިއަހަރަށް ހަތް އަހަރު ވެގެން ދިޔައިރު، ހަގީގަތުގައި މި މައްސަލައިގައި އަދިވެސް އިންސާފެއް ނުލިބެއެވެ. ގެއްލުން ލިބުނު ފަރާތްތަކުން ދައުވާ ކުރުމުން، ދައުލަތުގެ ބަޖެޓުން ފައިސާ ދެއްކުމަށް ކޯޓުން ބޭރުގައި ސަރުކާރުން ނިންމި ނަމަވެސް އެއީ އަދި ހަގީގީ އިންސާފެއް ނޫނެވެ.

ސީލައިފް ގްލޯބަލް އިން އޭރު އަމަލުކުރި ގޮތް ތަހުގީގު ކުރަން ޖެހެއެވެ. އެތައް ދިވެހިންނަކަށް ބޮޑު ގެއްލުމެއް ދީ، އެތައް ދިވެހިންނެއްގެ ހައްގުތަކަށް އަރައިގަތް ބަޔަކަށް ހައްގު އަދަބު ދިނުމަކީ ތަހުގީގި އިދާރާތަކާއި ރާއްޖޭގެ ޖުޑީޝަރީގެ ޒިންމާއެކެވެ. އެކަން ނުވެއްޖެ ނަމަ ގައިމުވެސް މި ގައުމުގެ ޖުޑީޝަރީ ފެއިލްވީ ކަމަށް ބެލެވޭނެ އެވެ. ސީލައިފް މައްސަލައިގައި އިންސާފު ނުލިބިއްޖެނަމަ ޝަރުއީ ދާއިރާ "ރިފޯމް" ކުރަން މަސައްކަތް ކުރަމުން އަންނަ މަސައްކަތް ފެނައް ދިޔައީކަމަށް ފެންނާނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް