ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ނާޒުކު ފައްތަރެއްގައި ވަނިކޮށް ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލާގައި އޭރުގެ މިނިސްޓަރު އަމީންއާއެކު އެ މިނިސްޓްރީގެ 11 މީހެއްގެ މަައްޗަށް ދައުވާކުރަން އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
އެ މައްސަލާގައި ޕީޖީން ބުނެފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމާފައި ވަނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމާއެކު ގިނަ ބަޔަކު އަންނަނީ ޕީޖީ އޮފީހަށް ފާޑުކިޔަމުންނެވެ. އެ މައްސަލާގައި މެމްބަރު ޝިޔާމް ވިދާޅުވީ ދައުވާނުކުރާނަމަ ވެންޓިލޭޓަރުތައް ރައްޔިތުންނަށް ދައްކަންޖެހޭ ކަމަށެވެ. އަދި އަމީނަށް ވަޒީރުކަން އިޔާދަކޮށްދިނުމަށް ފަހު، ލިބުނު ގެއްލުމުގެ ބަދަލު ވެސް ދޭން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސްއަކީ ވެސް އެއީތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ފަޅާއެރީ ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ އޮޑިޓުންނެވެ.
އަމީން މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ކުރިމަތިވެފައިވަނިކޮށެވެ.