ads
ޕީޖީ ޝަމީމް، މަޖިލީހުގެ ރައީސް ނަޝީދު އަދި އޭސީސީގެ ރައީސް ޝިއުނާ--
ޝަމީމާއި ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ނަޝީދު ގޮވާލައްވައިފި
ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު މިގޮތަށް ގޮވާލެއްވީ ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން މީގެކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމަށް ބަދަލުނުގެންނަން އެ އޮފީހުން ނިންމުމާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.  

ނަޝީދުގެ އެ ގޮވާލެއްވުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދު ވެސް ކުރެއްވި އެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ނާޒުކު ފައްތަރެއްގައި ވަނިކޮށް ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލާގައި އޭރުގެ މިނިސްޓަރު އަމީންއާއެކު އެ މިނިސްޓްރީގެ 11 މީހެއްގެ މަައްޗަށް ދައުވާކުރަން އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

އެ މައްސަލާގައި ޕީޖީން ބުނެފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމާފައި ވަނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ފަޅާއެރީ ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ އޮޑިޓުންނެވެ.

އަމީން މަގާމުން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރުގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ކުރިމަތިވެފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް