މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި މަތި ޖެހުނަދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށެވެ.
އެ ކަންކަން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާ، ނަޝީދު ވިދާޅުވީ ރައްޔިތުންނާއެކު އެމަނިކުފާނު ވެސް އެކަމުގައި ދޫނުދެއްވާނެ ކަމަށެވެ.
އެގޮތަަށް ޓްވީޓް ކުރެއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގޮވާލައްވާފަ އެވެ.
ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން މީގެކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމަށް ބަދަލުނުގެންނަން އެ އޮފީހުން ނިންމުމާއެކު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ނާޒުކު ފައްތަރެއްގައި ވަނިކޮށް ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލާގައި އޭރުގެ މިނިސްޓަރު އަމީންއާއެކު އެ މިނިސްޓްރީގެ 11 މީހެއްގެ މަައްޗަށް ދައުވާކުރަން އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
އެ މައްސަލާގައި ޕީޖީން ބުނެފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމާފައި ވަނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި ނަމަވެސް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު ނުލިބިވާއިރު އެ ލިބޭނެ ކަމަށް ނުބެލެވޭ ކަަމަށް މިފަހުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވިދާޅުވެފައިވެ އެވެ.