ads
ރައީސް ސޯލިހް--
ވެންޓިލޭޓަރު މައްސަލާގައި ރައީސް އޮފީހުން ބަޔާނެއް ނެރެފި
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމި ނިންމުމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއިއެކު، އެ މައްސަލަ ތަހުގީގު ކުރުމުގެ މަރުހަލާގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ހާމަކޮށް ރައީސް އޮފީހުން ނޫސް ބަޔާނެއް ނެރެފި އެެވެ.

މިރޭ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ސިއްހީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް ހެލްތު މިނިސްޓްރީން ހިންގި މުއާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" ގެ ނަމުގައި އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާތީ، އެ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރުމަށް އަންގާފަ ކަމަށެވެ. 

އެގޮތުން، އެ މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ގާނޫނު އަސާސީން އެކަން މަތިކޮށްފައިވާ މުސްތަގިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން" އިން ކަމަށާއި، އެ މުއައްސަސާއިން ކުރެއްވި ތަހްގީގަށް ބޭނުންވި ހުރިހާ މައުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ތަހްގީގު ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަހްގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލާގައި ތުހުމަތު ކުރެވުނު ސަރުކާރުގެ ހުރިހާ މުވައްޒަފުން، ތަހްގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނުކަން ފާހަގަކޮށްފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާއި، އަދުލުވެރިކަމާއި އެކު ދައުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ހައްގުތައް ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމް ކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށް ވެސް ބުނެފައިވެއެވެ.

ވެންޓިލޭޓަރުގެ މައްސަލަ ހޫނުވެ ރައީސް އޮފީހުން ބަޔާނެއް ނެރުނުއިރު، ވެންޓިލޭޓަރުގެ ކޮރަޕްޝަނުގައި ސަރުކާރު ބައިވެރިވެފައިވާތަން ފެންނަ ކަމަށާއި ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދެނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި މަތި ޖެހުނަދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށެވެ.

އެ ކަންކަން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާ، ނަޝީދު ވިދާޅުވީ ރައްޔިތުންނާއެކު އެމަނިކުފާނު ވެސް އެކަމުގައި ދޫނުދެއްވާނެ ކަމަށެވެ.

75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމާފައި ވަނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް