ads
ފޮޓޯ:ސަންގު
ވެންޓިލޭޓަރު މައްސަލާގައި "އުންސުރު" ހޯދަންޖެހޭ ސަބަބު ޝަމީމްގެ ގަލަންކޮޅުން!
ކޮވިޑް-19އިގެ ހާލަތުގައި ގައުމު ނޭވާ ހޮޅިއަަށް އެޅުމުގެ ކުރިން ގެންނަން ބުނި ވެންޓިލޭޓަރުތައް ރައްޔިތުންނަށް ލިބޭގޮތްނުވެ ގިނަ ދުވަސްވެގެން ގޮސް އެންމެ ފަހުން އޮޑިޓަރު ޖެނެރަލް ނެރުއްވި ކޮވިޑް-19 އާ ގުޅޭ ހެލްތް މިނިސްޓްރީގެ ހަރަދުތަކުގެ ކޮންމްޕަލްޔަންސް އޮޑިޓް ރިޕޯޓްއިން ފާޅާއެރި ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި މިނިސްޓްރީގެ އެތައް ބައަކަށް ތުހުމަތުގެ އިނގިލި ދިއްކުރެވިގެންދިޔައެވެ.

ފާޑުކިޔުންތައް ބޮޑުވެ އަމީން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވިނަމަވެސް އިސްތިއުފާއަކުން މިކަން ނިންމާލަން ރައްޔިތުން ބޭނުމެއް ނުވިއެވެ. ހާއްސަކޮށް އެކަމާއި އެންމެ ބާރަށް ފާ ވިއްދާފައިހުރީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަތީޖާއެއްގެ ގޮތުން މިނިސްޓަރު އަމީންއާއެކު އެ މިނިސްޓްރީގެ 11 މީހެއްގެ މަައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ. 

އެހެންނަމަވެސް އެ މައްސަލާގައި ޕީޖީން ނިންމާފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރާށެވެ. ސަބަބަކަށް ބުނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތުމެވެ.

އެހެންކަމުން އެ މައްސަލަ އަލުން މުރާޖާ ކޮށްދިނުމަށް އެދި އޭސީސީން ދެވަނަ ފަހަރަށް ޕީޖީ އޮފީހަށް ހުށަަހެޅި ނަމަވެސް އެ ހުށަހެޅުން އެ މައްސަލަ މުރާޖާ ކުރާނެ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ވަނީ ފޮނުވާލާފަ އެވެ. 

އެކަށީގެންވާ ސަބަބެއް އޭސީސީން ހުށަނާޅާ ކަމަށް ބުނެ މައްސަލަ ދެވަނަ ފަހަރަށްވެސް އަނބުރާ އޭސީސީއަށް ފޮނުވާލާ އެ މައްސަލައާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޕީޖީ އޮފީހަށް އަމާޒުވެފައެވެ. މިކަމުގައިވެސް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައީސް ނަަޝީދުއެވެ. 

އެމްޑީޕީގެ ޤައުމީ މަޖިލިހުގެ ވަޓްސްއަޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު އޭނާގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ނުކުޅެދުންތެރިވެ، ނާކާމިޔާބުވެވަޑައިގެންފައިވާ ކަމަށާއި، އެހެންކަމުން މިހާރު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފައެެވެ. އަދި މިކަމުގައި އެންމެ މައްސަލަ ހޫނުވެފައިވަނީ އެ މައްސަލާގައި ދައުވާ ކުރުމަށް "އުންސުރަށް" ބަލަންޖެހޭކަމަށް ވިދާޅުވެފައިވާތީއެވެ. 

އެގޮތުން ރައީސް ނަޝީދު ވަނީ އެ ވަޓްސް އެޕް ގުރޫޕަށް ފޮނުވި މެސެޖްގައި "އުންސުރަކީ" ކޯޗެއްތޯވެސް ސުވާލުއުފައްދާފައެވެ. އަދި ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި ކަމަށާއި، ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ފައިސާ ދިންނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ ކަމަށް ވިދާޅުވެ، "ދެން ކޮން އުންސުރެއް ކިޔާކަށް" މިގޮތަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ޕީޖީ ޝަމީމަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވަނީ ސަރުކާރަށް ވައްކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ. 

މި މައްސަލަ މިހާ ހިސާބުން ހޫނުވެ، މި އުންސުރުގެ މާނައާއި އުންސުރޭ ކިޔަންޖެހޭ ސަބަބުތައް އެންމެފަހުން ޕީޖީ ޝަމީމް ވަނީ އެމަނިކުފާނުގެ ބްލޮގްގައި ވަރަށް ރަނގަޅަށް ސާފުކޮށްދީފައެވެ. 

އެގޮތުން ޝަމީމް ވިދާޅުވީ، ތަހުގީގުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ގަރީނާ ވަޒަންކޮށް، ދައުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ) އިން ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިފައިވާ ބާރެއް ކަމަށެވެ. އަދި މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށެއް ނުކުރާ މީހެއްކަމަށް ބަލަންޖެހޭނެކަމަށްވެސް ޤާނޫނުއަސާސީގައި އޮންނަކަން ފާހަގަކޮށްފައިވެއެވެ.

ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރުން އާއި ދިފާއީ ވަކީލުންގެ ތިބޭނީ ދެ ބެސްޓް ފްރެންޑެއް ކަމަށެވެ. އެއީ، ކުށް ބަޔާންކުރާ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ބަޔާންކުރާ ޤާނޫނުކަމަށް ވިދާޅުވިއެވެ. އެ ދެޤާނޫނުގައި ބުނާ ގޮތް ނޫން ގޮތަކަށް ކަމެއް ކުރުމަކީ ޕްރޮސިކިއުޓަރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ޤާނޫނުއަސާސީގައި އޮންނަކަން ފާހަަގަކުރަމުން ޝަމީމް ވިދާޅުވީ، ކުށް ބަޔާންކުރާ ޤާނޫނުގައި އޮންނާނީ ކުށުގެ "އުންޞުރުތައް" ކަމަށެވެ.

ޝަމީމް ވިދާޅުވީ އުންސުރަކީ ކުށެއް، ކުށަކަށްވާ ގޮތާއި، ސާބިތުކޮށްދޭންޖެހޭ ކަންކަން ކަމަށެވެ. އިޖުރާއަތުގެ ޤާނޫނުގައި އޮންނާނީ، އެކަންކަން ސާބިތުކުރުމަށްޓަކައި ހިނގާންޖެހޭ މަގުކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެދެކަންތައް ރަނގަޅަށް އެނގުމަކީ ޤާނޫނީ ވަކީލުންގައި ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ސިފައެއް ކަމަށެވެ. އެއީ ޕްރޮސިކިއުޓަރަކަށް ވިޔަސް، ދިފާއީ ވަކީލަކަށްވިޔަސް، އުންޞުރު ދެނެގަނެ، އެއާ ބެހޭ ގޮތުން ދިގުކޮށް، ފުންކޮށް ވާހަކަ ދައްކަން ނޭނގޭ ވަކީލަކީ ރަނގަޅު ވަކީލެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

 

ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރަކަށް އުންޞުރާ ނުލައި ކޯޓުގައި ދެއްކޭނެ ވާހަކައެއް ނޯންނާނެކަމަށެވެ. އެއްވެސް އުންޞުރެއް ސާބިތުކޮށް ނުދެވިއްޖެނަމަ، ކުށެއް ސާބިތު ނުވާނެ ކަމަށް ވިދާޅުވިއެވެ. ޝަމީމް ފާހަގަކުރައްވާ ގޮތުން އުންޞުރާ ނުލައި ދަޢުވާ ކުރުމުން ނިކުންނާނީ ދެނަތީޖާ އެކެވެ. ފުރަތަމަ ނަތީޖާއަކީ، ކުށް ސާބިތު ނުވުމެވެ. ދެވަނަ ނަތީޖާއަކީ، ދެން އެކުށަކަށް ދައުވާއެއް ނުކުރެވުމެވެ. އެހެންކަމުން އުންޞުރު ހަމަނުވަނީސް ދައުވާއެއް ކުރުމަކީ، އެދައުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއެވެ.  

"ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމް ކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާއެއް އެމީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް 60 ވަނަ މާއްދާގެ (ހ) ގައި އޮވޭ. ވީމާ، ޢުންޞުރު ހަމަނުވަނީސް ދަޢުވާއެއް ކުރުމަކީ، އެދައުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެކެވެ. އެއީ، ކުށެއް ސާބިތެއް ނުވާނެ. އޭގެ ފަހުން، ހެކި ލިބުނަސް، އުންޞުރު ފެނުނަސް، ފަހުން ދައުވާއެއްވެސް ނުކުރެވޭނެ. އޭނާގައި އޭގެ ފަހަކުން އަތެއް ނުލެވޭނެ. އަނެއް ގޮތަކުން ބަލާއިރު، އުންޞުރު ނުފެންނަނީސް ދައުވާ ކުރުމަކީ ބޭއިންސާފެއް. އެއީ، ބޭކާރު ކަމެއްގައި މީހެއްގެ އަބުރު ނަގާލުން. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް މީހަކު ވެއްދުމަކީ ވަރަށް ބޮޑު ނިންމުއް. ޒިންމާދާރުކަމާއެކު ނިންނަންޖެހޭ ނިންމުމެއް." ޝަމީމް ވިދާޅުވިއެވެ

ޝަމީމް ވިދާޅުވީ ކަނޑައެޅިގެން އެނގިހުރެ، އެނިޒާމުގެ ތެރެއަށް ވައްދަން ނުޖެހޭ މީހަކު ވައްދައި، އޭނާއަށް އެތައް ތަކުލީފުތަކެއް ކުރިމަތި ކުރުވުމަކީ އަހްލާގީ ގޮތުން ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ތަކްލީފްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގާނޫނީ ވަކީލަކު ހޯދުމާއި، ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކެވެ. 

ޝަމީމް އިތުރަށް ވިދާޅުވީ އެކި ކުށުގެ އުންޞުރުތައް، ނުވަތަ ރުކުންތައް، އެކުށެއްގެ ގޮތުން ތަފާތުވެދާނެ ކަމަށާއި. ތަހްގީގްކުރާ މީހާ، ތަހްގީގުގެ މިސްރާބު ގެންގުޅެންޖެހޭނީ އުންޞުރުތަކާ ދިމާލަށް ކަމަށެވެ. ތަހްގީގު ފުރިހަމަކޮށް ކާމިޔާބު ކުރެވޭނީ އޭރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ފެށުން އޮތީ އުންޞުރު ހޯދުމުގަ ކަމަށާއި، އެހެންކަންކަން ތަރުތީބުވަނީ އެކަމުގެ މައްޗަށް ކަން ޝަމީމް ފާހަގަކުރެއްވިއެވެ. 

އެހެންކަމުން މި ކަންކަމަށް ބަލާއިރު ވެންޓިލޭޓަރުތަކުގެ މައްސަލާގައިވެސް ތުހުމަތު ކުރެވޭ މީހުންނާއިމެދު ދައުވާއެއް ކޮށް ހައްގު އަދަބުދިނުމަށްޓަކައި އެންމެ ފުރަތަމަ މި ބޭނުންވަނީ އެ ބުނާ އުންޟުރެވެ. އެެ ބުނާ އުންޟުރެއް މުހިންމުވަނީ މި ސަބަބުތަަކަށްޓަކައެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް