ސައީދު މިހެން ވިދާޅުވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުން ހަސަން ލަތީފް ހުށަހެޅުއްވި، އުމުރުން 18 އަހަރު ވުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާއި ހިލާފުވެފައިވާ ފަރާތްތަކާއި، އެކި ސަބަބުތަކާއި ގުޅިގެން ލައިސަންސް ނުނަގާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި ހުށަހަޅާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މިމައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ، މިއީ އިންތިހާބަކާއި ދިމާކޮށް ޒުވާނުންނަށް އެއްޗެސް ވިސްނައިދޭން ވަކި ބޭނުމެއްގައި އެމްޑީޕީން ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ޖޫރިމަނާއާއި ގުޅޭ މިމައްސަލަ ހުށަހެޅުއްވިއިރު ވަރަށް ބައިވަރު ދާއިރާތަށް އުނިކޮށް ހުށަހަޅުއްވާފައިވާކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، ކޮވިޑުގެ ތެރޭގައިވެސް މަތިމައްޗަށް ރައްޔިތުން ޖޫރިމަނާކޮށް، މިއީ މިސަރުކާރުން ސިނާއަތަކަށް ހަދާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދެއްކި، ކުދި ވިޔަފާރިތައް ތަމްސީލުކުރާ ގާތްގަނޑަކަށް 1800 ފަރާތުން މަތިމައްޗަށް ޖޫރިމަނާކޮށްފައިވާތީ ކޮމިޓީގައި ރޮއެ އާދޭސްކުރި ކަމަށާއި، އެބޭފުޅުން ބުނާގޮތުންނަމަ އަންނަ ރަމަޟާން މަސް ނިމެންވާއިރަށް ވިޔަފާރިތަކުގެ 45% ބަނގުރޫޓުވާނެ ކަމަށެވެ. އަދި އެފަރާތްތަކަށް އިންކަމް ސަޕޯޓް ދީފައި ހުރީވެސް އެންމެ 2% އަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް އިކޮނޮމިކް މިނިސްޓަރު ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަމާއި، ޓްރާންސްޕޯޓް މިނިސްޓަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ކޮށް ނުދީގެން ޓެކްސީ ޑްރައިވަރުން މަޖިލީހަށް އައިސް ރައީސް ނަޝީދާއިވެސް ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް އެކަންކަން ކޮށް ނުދެވިވެސް އަހަރެއް ވެއްޖެކަން ސައީދު ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، މިއަދު އިންތިހާބަކާއި ދިމާކޮށް ޖޫރިމަނާ ބޮޑުވެގެން ޒުވާނުންނަށް ލުއި ހޯދައިދޭން އެމްޑީޕީން މަސައްކަތް ކުރާ ސަބަބު ޒުވާނުންނަށް އެނގޭ ކަމަށެވެ. އެގޮތުން ސައީދު ވަނީ މިސަރުކާރަށް މިހާދުވަސް ވީއިރުވެސް، ޒުވާނުންނަށް ޖޫރިމަނާތަކުން ލުޔެއް ހޯދައިދޭން އެންމެ ފަހަރަކުވެސް މަޖިލީހުގައި ޒުވާނުންނާއިބެހޭ ވަޒީރު ވާހަކަ ދައްކާފައި ނެތީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.