ads
ކަކާއެރިޔަދޫ އަދި މަޑުލު
ދަނޑުވެރިކަމަށް ހާއްސަކުރާ 2 ފަޅު ރަށް ކަނޑައަޅައިފި
ދަނޑުވެރިކަމަށް ހާއްސަކުރާ 2 ފަޅު ރަށުގެ ގޮތުގައި ށ. ކަކާއެރިޔަދޫ އަދި ހއ. މަޑުލް ކަނޑައަޅައިފި އެވެ.
Advertisement

ފުރަތަމަ ބުރުގައި ހަ ފަޅުރަށެއް ބީލަމުގެ އުސޫލުން ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފައިވަނީ  2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.
އެގޮތުން އިއުލާން ކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހއ. މަޑުލު އާއި، ށ. ކަކާއެރިޔަދޫ އާއި، ށ. ނެޔޮ، އާއި، ނ. ތޮޅެންދޫ އަދި ބ. މާއްޑޫގެ އިތުރުން ގދ. އޮއިނިގިއްލާ އެވެ. 

މި ހަ ރަށުގެ ތެރެއިން ބިޑް ކާމިޔާބު ކޮށްފައިވަނީ ށ. ކަކާއެރިޔަދޫ އަދި ހއ. މަޑުލް އެވެ. ށ. ކަކާއެރިޔަދޫގެ ބޮޑުމިނުގައި 14.4 ހެކްޓަރު ހުންނައިރު މަޑުލްގެ ބޮޑު މިނަކީ 16.1 ހެކްޓަރެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ. އަދި، ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ފޮތް ބައްލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، 14 އޮކްޓޫބަރު 2020 ވަނަ ދުވަހުން ފެށިގެން 5  ނޮވެންބަރު 2020 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޭރު އަމަލު ކުރުމަށް
ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު ބީލަން ފޮތް ވިއްކުމާއި ބިޑް ބަލައިގަތުމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ފިޝަރީޒް މިނިސްޓްރީއަށް މެސެޖު އަދި އީމޭލް މެދުވެރިކޮށް ފޮނުވާގޮތަށެވެ. ބީލަން ފޮތެއް ވިއްކާފައިވަނީ 2000 ރުފިޔާއަށެވެ.

އެކަށީގެންވާ ރަށެއް ކަނޑައެޅުމަށް ޕްރީބިޑް މީޓިން ބާއްވާފައިވަނީ، 25 ނޮވެންބަރު 2020ވަނަ ދުވަހުގެ 10:00 އިން 11.00 އަށެވެ.

ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ބިޑް ހުށަހެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ހުޅުވާލިއިރު، އެ ހުޅުވާލި ހުޅުވާލުން ނިމުމަކަށް ގެނައުމަށް މިނިސްޓްރީން ނިންމާފައިވާކަން އިއުލާންކުރީ، އެއަހަރުގެ ޑިސެމްބަރު މަހުގެ 14 ގައެވެ.


ބީލަން ބަލައިގަތުމުގެ އިންތިޒާމް، 27 ޑިސެންބަރު 2020 ވަނަ ދުވަހު ސްޓެލްކޯ މާލަމުގައި ކުރިއަށް ގެންގޮސްފައިވާއިރު، ބިޑިން ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތިން ދުވަހުގެ ތެރޭގައި ބިޑް ހުށަހެޅުއްވި ފަރާތްތަކުގެ ލިސްޓް އީމެއިލް މެދުވެރިކޮށް ބިޑް ހުށަހެޅި ފަރާތްތަކަށް މިނިސްޓްރީން ފޮނުވާފައިވެއެވެ. އަދި ދަނޑުވެރިކަމަށް ހުޅުވާލެވުނު ހަ ރަށަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް 30
ޑިސެންބަރު 2020 އިން 2021 ޖަނަވަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސް ވަނީ ނިންމާލާފައެވެ.

އޭގެފަހުން ބީލަމަށް ހުޅުވާލި ހަ ރަށުގެ ބިޑް އިވެލުއޭޝަންގެ ނަތިޖާ ޝީޓްތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށް އެކަން ބިޑް ހުށަހެޅި ފަރާތްތަކަށް މިއަހަރުގެ ފެބުރުވަރީ އަށްވަނަ ދުވަހު އެންގުމުގެ އިތުރުން އީމެއިލް މެދުވެރިކޮށް އެކަން ބިޑް ހުށަހެޅުއްވި ފަރާތްތަކުގެ މައުލޫމާތަށްޓަކައި އޭގެ ޖެހިގެން އާ ދުވަހު ވަނީ ފޮނުވާފައެވެ.

އަދި ނަތީޖާ ޝީޓްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަ އެމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލިއެވެ.

ހަ ރަށަށް ހުށަހަޅާފައިވާ ބިޑްތަކުގެ ތެރެއިން، ބިޑް އިވެލުއޭޝަންގެ ނަތިޖާ އަށް ރިއާޔަތްކޮށް، ބިޑިން ޑޮކިއުމަންޓްގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން، މާކްސް ލިބިފައިވަނީ މަޑުލް އާއި ކަކާއެރިޔަދޫ އަށެވެ. ދެން ހުރި ރަށްތަކަށް ބިޑިން ޑޮކިއުމަންޓްގެ އިވެލުއޭޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ މިންވަރަށް އެއްވެސް ފަރާތަކަށް މާކްސް ލިބިފައިނުވާތީ، ރަށް އެވޯޑް ކުރެވިފައިނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ބިޑިން ޑޮކިއުމަންޓް ގައި ބަޔާންކޮށްފައިވާ ފަދައިން، ބިޑް ކާމިޔާބުވި މަޑުލު އަދި ކަކާއެރިޔަދޫގެ "ހަޔަސްޓް ބިޑާ“ އަށް "ކޮންޑިޝަނަލް ލެޓާ އޮފް އެވޯޑް“ ސިޓީ 17 ފެބުރުވަރީ 2021 ވަނަ ދުވަހު ފޮނުވާފައިވެއެވެ. 

އަދި ”ކޮންޑިޝަނަލް ލެޓާ އޮފް އެވޯޑް“ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށް އެ  
މިނިސްޓްރީއަށް ހުށަހަޅާފައިވާތީ، “ނޮޓިފިކޭޝަން އޮފް އެވޯޑް“ ނުވަތަ ބިޑް ކާމިޔާބުވި ކަމުގެ ސިޓީ ކަމާއި ގުޅޭ ފަރާތްތަކަށް އިއްޔެ ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް