
އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ފަސް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރުމަށް ފަހުއެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ މ. އޭޝިއާ އަހުމަދު ފާރިޝް، މއ. ކަޅުފެހިގެ އަހުމަދު ޝިފާން، ހ. ބުރަކިގެއާގެ އިސްމާއިލް ސަޔާހު، ހ. ރޯޝަންވިލާ ޔޫސުފް ޝާހީން އަދި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ.
އެގޮތުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް މި ފަސް މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަށް ސާބިތުނުވާ ކަމަށް ކަނޑައަޅާއެވެ.
ދައުލަތުން ވަނީ މި ފަސް މީހުންގެ މައްޗައް ވައްކަމުގެ ދައުވާ، މުދަލައް ގެއްލުން ދިނުމުގެ ދައުވާ، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އަދި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ކޮށްފައެވެ. ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އެމީހުންގެ މައްޗަށް ކޮށްފައިވަނީ ފިލާ ބިލްޑިންގް ދޭއްގެ ގެ ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީ މީހާ އެތަނުގެ ސިޑި ގޮޅިއެއްގައި ބަނދެފައި ބޭއްވި ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި މި ނިންމި ނިންމުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިއެވެ.
ވެގާ ސްޓޯ ބިލްޑިންގްގެ 10 ވަނަ ފަންގިފިލާގައި ހުންނަ އެމްޔޫ ސްޓޯއާއި ގުޑް ސްމާޓް އޮފީހުގައި ހުރި ތިން ތިޖޫރީ ހަލާކުކޮށްލާ، އެ ތިޖޫރީ ތަކުން 2.5 މިލިއަން ރުފިޔާ އަދި 211،000 އެމެރިކާ ޑޮލަރު ވަގަށް ނެގި މި ހާދިސާ އަކީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހާދިސާއެކެވެ. މި މައްސަލައިގައި ދައުވާ ކުރަން ޕީޖީން ކްރިިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރުގެ ޖުލައިމަހު އެވެ.