ads
އޭސީސީ---
ކުރީގެ ހައުސިން މިިނިސްޓްރީގެ އިސް ވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަނީ
މާލޭގެ ގޯއްޗެއް ހައްގު ނޫން ފަރާތަކަށް ވިއްކާފައިވާ މައްސަލާގައި، ކުރީގެ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނާއިބު، ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޙަސަން ވަހީދުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.

މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ ފަރާތަކަށް ކަމަށާއި، މިފަދައިން އެ ބިން ވިއްކުމަށް ނިންމާފައިވަނީ އެ މިނިސްޓްރީގެ ނައިބު ނާއިފު ޝައުކަތު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓާ ހަސަން ވަހީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ބޭނުމުގައި ކަމަށް ބުނާ މައްސަލަ އޭސީސީން ތަހްގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދު އެވެ. 

އެގޮތުން، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ ހައުސިން މިނިސްޓްރީގެ ނާއިބު ނާއިފު ޝައުކަތު އާއި، އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރު ހަސަން ވަހީދުގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިއުލާނުކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދައުލަތަށް މިލްކުވެފައިވާ 260 އަކަފޫޓުގެ ދެ ބިމުގެ ތެރެއިން، އާތިފާ ހަސަން (މ.ގުލްސަންޕާގެ / މާލެ) އަށް ތަރިކައިން ބަހައިގެން ލިބުނު ބިމާއި އިންވެގެން އޮތް ބިން ގަތުމަށް، އާތިފާ އާއި އެ ގޭގެ އެހެން ފަރާތަކުން ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނައިރު، އޭރު އަމަލުކުރަމުން ދިޔަ، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އާއި އެއްގޮތަށް އެބިން އާތިފާއަށް ވިއްކުމަށް ނިންމާ އެކަން އޭނާއަށް އެންގުމަށްފަހު، “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާހުކުރަމުންދާތީ ކަމަށްބުނެ، އެ ބިން ޢާތިފާއަށް ވިއްކުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވަނީ، ހައުސިން މިނިސްޓްރީގެ އެއްވެސް ނިންމުމެއް ނެތި ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރު، ހަސަން ވަހީދު ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކުންކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ނަގާފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނަ ކަމަށް އޭސީސީން ބުނެފައިވެއެވެ.

“ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާހުކުރަމުން ދާތީވެ އާތިފާ އަށް ބިން ވިއްކަން ނިންމި ނިންމުން މަޑުޖައްސާލާފައިވާއިރު، އެ ބިން ވިއްކަން އިއުލާނުކުރި އިއުލާނުގައި ހުރި އެހެން ހުރިހާ ބިމެއް ވިއްކުން މަޑުޖައްސާލުމެއް ނެތި އެ ބިންތައް ވިއްކުމަށް ހަސަން ވަހީދު ސޮއިކޮށް އެކިއެކި ފަރާތްތަކަށް އަންގައި އެ ބިންތައް ވިއްކުމުގެ މުއާމަލާތުތައް ކޮށްފައިވަނީ ހަސަން ވަހީދުގެ ބެލުމުގެ ދަށުން، އޭނާ އިސްވެހުރެކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީވެ، އާތިފާއަށް ވިއްކަން ނިންމާފައިވާ ބިން ވިއްކުން މަޑުޖައްސާލާފައިވަނީ “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާހުކުރަމުން ދާތީ ނޫންކަން އޭނާ އަމަލުކޮށްފައިވާ ގޮތުން އެނގެން އޮންނަ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. 

އޭސީީސީން ބުނީ، “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާހުކުރުމަށްފަހު، އެ އުސޫލުގައި ބިން ވިއްކުމަށް ހައްޤުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިއުނުކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، އެންމެ ހައްޤުވެރި ފަރާތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ އުސޫލުގައި ބުނާފަދައިން އެ ގޯތިން ބިން ގަތުމަށް ހުށަހެޅި އާތިފާ އާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއްފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނަ ކަމަށެވެ. 

އެ ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާއި ނުލައި، އެ ބިން ވިއްކަން ނިންމައި، އޭރުގެ ހައުސިން މިނިސްޓްރީގެ ނާއިބު ނާއިފު ސޮއިކޮށް ސިޓީއަކުން އެކަން ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން އެފަރާތަށް ވިއްކާފައިވާކަން މައްސަލާގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އަދި އެ ބިން އެފަރާތަށް ވިއްކާފައިވަނީ “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އާއި ހިލާފަށްކަން ތަހުގީގުގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި، މި މައްސަލައާއި ގުޅިގެން ބަޔާން ދިން ފަރާތްތަކުގެ ބަހުން އިނގެން އޮންނާތީއާއި، އެގޮތަށް އެ ދެ ފަރާތުން އަމަލުކޮށްފައިވުމުގެ ސަބަބުން އެ އުސޫލުގެ ދަށުން އެ ބިން ލިބެން އޮތް ހައްގުވެރި ފަރާތަށް އެ ބިން ނުލިބި އެހެން ފަރާތަކަށް އެ ބިން ލިބިފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އަދި ހަސަން ވަހީދާއި، ނާއިފު ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމާއި، އެ އަމަލުތަކުގެ ސަބަބުން ވަކިފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދާދީފައިވާކަން ތަހުގީގަށް ލިބިފައިހުރި ހެކިތަކުން އެނގޭ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް